މާޒިޔާގެ ކޯޗު ސެކުލޮސްކީ (ކ) މެޗަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
13 ފެބުރުއަރީ 2020 - 09:24
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން އިއްޔެ މާޒިޔާ އިން ކަޓުވާލި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމު އަތުން ދެ ލެގުން ހޯދުނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި އެހެންވެ މާޒިޔާ އިން ޕްލޭއޮފުގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ނުކުންނަން ޖެހޭނީ ފުރިހަމަ އިތުބާރާ އެކު ކަމަށް އެ ޓީމުގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނެފި އެވެ.
ޑާކާގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވެފައި ވުމުން އިއްޔެ ހަވީރު މާލޭގައި ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް މާޒިޔާ އަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ދެ ގޯލުންނެވެ. ޕްލޭއޮފުގައި މާޒިޔާ ބައްދަލުކުރަން ޖެހޭ އިންޑިއާގެ ގަދަބާރު ބެންގަލޫރުން، ޕްލޭއޮފުން ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ޕާރޯގެ މައްޗަށް ދެ ލެގުން 10-1 އިން ކުރި ހޯދައިގެންނެވެ. ތިމްޕޫގައި ކުޅުނު މެޗުން 1-0 އިން ބެންގަލޫރު ކާމިޔާބުކުރުމަށް ފަހު އިއްޔެ އަމިއްލަ ދަނޑުގައި މޮޅުވީ 9-1 އިންނެވެ.
އަބަހާނީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން މާޒިޔާގެ ކެޕްޓަން އިރޭ (ކ-2) އާއި އެންޑީ (ވ) މަސައްކަތްކުރާއިރު އެ ޓީމުގެ އަފްގާނިސްތާން ޑިފެންޑަރު ޝާރިފް (ކ) ސަމާލުވެގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އިއްޔެ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ވަނީ މާޒިޔާ އިން ބެންގަލޫރާ ދެކޮޅަށް ފުރިހަމަ އިތުބާރާ އެކު ނުކުންނަން ޖެހޭ ސަބަބުތައް ކިޔައިދީފަ އެވެ. ސެކުލޮސްކީ ބުނީ އިއްޔެގެ މެޗަށް ނުކުތްއިރު މާޒިޔާ އަށް އެޑްވާންޓޭޖް އޮތަސް އެ ޓީމުން ކުޅެމުން ދިޔައީ ލަނޑު ޖަހައި މޮޅުވާން ކަމަށާއި ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ ތިން، ހަތަރު ފުރުސަތު ލިބުނު ކަމަށެވެ. ލަނޑު ނުޖެހުނަސް ހިތްހަމަޖެހުމަކީ އަބަހާނީ އަށް އެންމެ ފުރުސަތެއް ވެސް ނުދީ ކުޅެވުންކަން ކަމަށް އޭނާ ބުންޏެވެ.
"އަބަހާނީ އަކީ އެންމެ ފަހު ފަހަރު ދެކުނު އޭޝިއާ ގްރޫޕުގެ އެއް ވަނަ ހޯދައިގެން ސެމީ ފައިނަލުގައި އުތުރު ކޮރެއާ ޓީމަކާ ދެކޮޅަށް ކުޅުނު ޓީމެއް. ގަބޫލުކުރޭ އެއީ ވަރަށް ވަރުގަދަ ޓީމެއް. ބަޖެޓަކީ 1.5 މިލިއަން ޑޮލަރު. މަހަކު 10،12 ހާސް ޑޮލަރުގެ މުސާރަ ދޭ ކުޅުންތެރިން އެބަތިބި. (އެވަރޔގެ ޓީމަކާ ދެކޮޅަށް) ދެ ލެގުން އަހަރެމެންގެ ނަތީޖާ ވަރަށް ރަނގަޅު،" ސެކުލޮސްކީ ބުންޏެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނީ ރާއްޖޭގެ ލީގުގައި ގިނަ މެޗުތަކެއް ކުޅުމަށް ފަހު އެވެ. މީގެ ކުރިން އޭއެފްސީ ކަޕުގައި ކުޅޭއިރު ސީޒަން ނުފަށާތީ ރާއްޖޭގެ ކްލަބްތަކަށް މެޗު ފިޓްނަސްގެ މައްސަލަ ދިމާވެ އެވެ. އެކަމަކު މި ފަހަރު އެޑްވާންޓޭޖެއް ލިބުނު ކަމަށް ސެކުލޮސްކީ ނުދެކެ އެވެ. ސަބަބަކީ މިދިޔަ އަހަރު މެދުތެރޭގައި ފެށި ސީޒަނުގެ ގިނަ މެޗުތަކެއް ކުޅުންތެރިން ކުޅެ ވަރުބަލިވެފައި ތިބުމެވެ.
"ވަރަށް ގިނަ ކުޅުންތެރިން ހާއްސަކޮށް ގައުމީ ޓީމުގެ ކުޅުންތެރިން ތިބީ ވަރުބަލިވެފައި. (ފޭދޫ) އިއްބެ އާއި ހަމްޕު އަހަންނަށް ހީވަނީ ސާޅީހަށް ވުރެ ގިނަ މެޗު ކުޅެފިން މި ސީޒަނުގައި. އަބަހާނީން (މި މެޗުގެ ކުރިން) ކުޅުނީ ރަސްމީ ހަތް މެޗާއި އެކުވެރިކަމުގެ އަށް މެޗު. މިއީ އަހަރެމެންގެ ރަސްމީ 22 ވަނަ މެޗު. އަހަރެމެން 14 އެކުވެރިކަމުގެ މެޗު ކުޅެ ޖުމްލަ 36 މެޗު ކުޅެފިން. އަދި ގައުމީ ޓީމުގެ މެޗުތައް ވެސް ހުންނާނެ. (އެހެންވީމާ) އަހަންނަށް ހީނުވޭ މިއީ އެޑްވާންޓޭޖެއްހެން. ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ސީޒަން ފެށީ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި. އަހަންނަށް ފެންނަ ގޮތުގައި އަބަހާނީގެ ކުޅުންތެރިން ތިބީ ތާޒާކޮށް،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ ފޯވާޑް ކޯނޭ (ވ) އަތުން ބޯޅަ ހޯދަން އަބަހާނީގެ ކުޅުންތެރިޔަކު ޓެކްލްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ބަހަނާ ދައްކަން ބޭނުންނުވާ ކަމަށާއި އަމުދުން ޕްލޭއޮފުން ފުރުސަތު ލިބިފައިވާތީ އެފަދަ ވާހަކައެއް ދައްކަން ބޭނުން ނޫން ކަމަށެވެ. އެކަމަކު އޭނާގެ ޓީމުގައި އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ހުރިކަން ފާހަގަކުރަން ބޭނުންވާ ކަމަށް ސެކުލޮސްކީ ބުންޏެވެ. އެގޮތުން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި މޫސާ ޔާމީން މި މެޗުގައި ކުޅުނީ 45 ދުވަހުގެ ބްރޭކަކަށް ފަހު ކަމަށާއި އަދި ނާއިޒް ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) މިވަގުތު ވެސް ތިބީ އަނިޔާގައި ކަން ސެކުލޮސްކީ ފާހަގަކުރި އެވެ.
"ބައެއް ކުޅުންތެރިން ތިބީ ހަގީގީ ފެންވަރަކު ނޫން. ސަމުއްޓެ ދެ މަސް ދުވަހު ނުކުޅެ ހުރެފައި ޖެހިޖެހިގެން ހަތަރު، ފަސް މެޗު އެ ކުޅުނީ. ބޭރުގެ ދެ ސެންޓްރަލް ޑިފެންޑަރުން ޓީމާ ގުޅުނީ ވަރަށް ފަހުން. އެހެންވެ އަހަރެން ދެކޭ ގޮތުގައި (މި ފަދަ ހާލަތަކާ ބަލާއިރު) މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. ޑާކާގައި އަހަރެމެން ލަނޑު ޖެހިން. މާލޭގައި ލަނޑެއް ވައްދާނުލާ ނިންމާލިން. އެހެންވެ އަހަރެމެން ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހޭނީ ފުރިހަމަ އިތުބާރާ އެކު،" ސެކުލޮސްކީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓރ
13 February 2020
އަހަރެން ހިތަށް އަރަނި އަބަހާނީ މެޗުގަ ހިގާދިޔަ ކަންތަންތަކުގަ މާޒިޔާގެ ކުޅުންތެރިންނަށް ސަސްފެންސަނެއް ނައިސް ސަލާމަތް ވެވިދާނެ ބާއޭ?
މޯޑޭ
13 February 2020
އަބަހާނީއަކީ މިރާއްޖޭގަ ސެކަންޑް ޑިވިސަން ފެންވަރ ޓީމެއް އެމީހުންއަތުން މޮޅެއް ނުހޯދުނި ބަޔަކަށް ދެން އިތުރަށް ކުރިޔަށް ދާނި ގޮތެއް ނޭގުނި. މާޒިޔާގަ އޮތް ޓީމާއި ބަލާއިރު ރަގަޅު ގޭމެއްވެސް ނުކުޅެވޭ.
ހަން
13 February 2020
މމމމ މާ ބޮޑަށް އެނގެނީ
އެންދެރި
13 February 2020
މާޒިޔާ ކޯޗް އަދި ކުޅުންތެރީން ބެންގަލޫރުގެ ޓީމް ކުޅުނު ބައެއް މެޗް ތައް ބެލުން ވ މުހިއްމު އެވެ. އެމިހުންގެ ގަދަ ފަޔާ ބަލިފައި ދެނެ ގަތުމަށެވެ.
އޭނަ
14 February 2020
ބެންގަލޫރުގެ ބަލި ފައި މާޒިޔާގެ ސްޓްރެންތަށްވުރެ ވަރުގަދަ. ދެން ކިހިނެއް އެމީހުން ބަލިކުރާނީ. އަބަހާނީ ކައިރިން އަވޭ ގޯލަށް ބަލައިގެން ކުރިޔަށް ދެވުނު ބައެއް ބެންގަލޫރު ބަލިކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް. ބެންގަލޫރަކީ މިވަގުތު މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމް (އޮސްކާގެ ޓީމާއެކު). މުޅި ޤައުމީ ޓީމް ލައިގެންވެސް އަމިއްލަ ދަނޑުގައި ބަނގަލަދޭޝްގެ ދެވަނަ ބަލިނުކުރެވުނުތާ ލަނޑެއްވެސް ނުޖެހުނު. މިއީ ލަދުގަންނަންޖެހޭ ކަމެއް.
މިވެސް ސަބަބެއް
13 February 2020
މާޒިޔާގެ ކުޅުމުގެ ސްޓައިލް އަދިވެސް ވަކި އައިޑެންޓީޓީއެއް ޕޭޓާއެއްނެތް. ގޯލްޖަހަން ބޭނުންވަނީ ވިންގުން ބޯޅަ ހުރަސްކޮށްގެންތޯ، މެދުންކުޅޭ ސްޓްރައިކަރުގެ ފަޔަށް ބޯޅަދީގެންތޯ: ގިނަފަހަރު ފެންނަނީ ބޯޅައެއް ކުރިއަށް ފޮނުވާލާތަން ރަގަޅުގޮތެއް ވެދާނެކަމަށްހީކޮށް، ޑިފެންސް ފޫއަޅުވާލަން ލިބޭ ފުރުސަތުގަވެސް ބޯޅަ ސްޓްރައިކަރަށް ދޭންޖެހޭ ފުރުސަތުގަ ނުދެވޭ، މާއަވަސް އަރުވާލައިގެން ތެޅިގަތީމަ ފުރުސަތު ގެއްލެއްނީ، ޕްރެކްޓިސް އަދިވެސް މާއީޒީކޮށް ނަގަނީ ކަންނޭގެ
އޭނަ
14 February 2020
އެއީ ކާކުގެ މައްސަލައެއް. ޓެކްޓިކަލް ބެލެންސެއް ނެތުމަކީ މާޒިޔާގެ ކޯޗުގެ މައްސަލަ. އޭނަޔަށް ކުޅުންތެރިން އޭނަގެ ޓެކްޓިކްސްއަށް ހާނުވަން ނޭނގުން. މާޒިޔާގެ ޓީމްގައި ހުނަރު ހުއްޓަސް ކޯޗުގެ ސްޓައިލާއި ކުޅުންތެރިންގެ ސްޓްރެންތާއި ނުގުޅެންޔާ އެންމެ އެދެވޭ ނަތީޖާ ނުނެރެވޭނެ. ބެންގަލޫރު ބަލިކުރަން ވަރަށް ބޮޑު ބަހެއް އެބަޖެހޭ ގޯލް ކުރިމަތީ ޕާކްކޮށްފައި ބާއްވަން. ގްރޫޕް ސްޓޭޖަށް ގޮސްޕިޔާ އަދި އޮސްކާގެ ޓީމާ ކުޅެންޖެހޭނެ. އެމީހުން މާ ވަރުގަދަ.
ތޭރި
13 February 2020
ނިޒާމްބެ މެޗު އެނެލައިޒު ކުރަމުން ދިޔައިރު ބުނަމުން ދިޔައީ މާޒިޔާ ފޯވަޑްލައިން މައިތިރި ނުކުރެވޭނެއޭ އަބަހާނީގެ ޑިފެންސް ވަރަށް ޝޭކީއޭ...އިމޯޝަނަލީ އަސަރުކޮށް ބަންގްލަދޭޝް ދެކެ ހިތްހަމަނުޖެހިފައި ހުރިގޮތަކަށް ވާހަކަ ހުރީ.