މެޗަށް ފަހު ލެމޯސް (ނޫ ގަމީހުގައި) ދެ ޓީމުގެ ކުޅުންތެރިން ހަމަޖައްސަނީ: މެޗުގެ ފަހުވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖުމެއް ހިނގި. --ފޮޓޯ: ނިޝާން އަލީ. މިހާރު
13 ފެބުރުއަރީ 2020 - 10:27
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެ ލެގަށް ބަލާއިރު މޮޅަށް ކުޅުނީ މާޒިޔާ ކަމަށާއި އެ ޓީމަށް ޕްލޭއޮފުން ޖާގައެއް ހައްގު ކަމަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް ބުނެފި އެވެ.
ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި އިއްޔެ މާލޭގައި މި ދެ ޓީމު ކުޅުނު މެޗު 0-0 އިން އެއްވަރުވިޔަސް މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބުނީ ޑާކާގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާތީ މާޒިޔާ އަށް އަވޭ ގޯލުން ކުރި ލިބޭތީވެ އެވެ.
ލެމޯސް ބުނީ އިއްޔެގެ މެޗުގައި އަބަހާނީ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި އެޓޭކުގައި ފެނިގެން ދިޔައީ ފަހަތުން ދިގު ބޯޅަތަކެއް ލަމުންދިޔަތަން ކަމަށެވެ. އެގޮތަށް ދިން ބޯޅަތައް ވެސް ކުރީގައި ނުހިފެހެއްޓުނު ކަމަށާއި އަދި ޕްރެޝަރާ ވެސް ކުރިމަތިނުލެވުނު ކަމަށް އޭނާ ބުންޏެވެ.
"މާޒިޔާ އަށް ރަނގަޅު ފުރުސަތު ލިބުނީ ލަނޑެއް ނުޖެހުނަސް. މެޗު 0-0 އިން އެއްވަރުވެފައި އޮންނަ ވަގުތު ކޮންމެ ކަމެއް ވެސް ވެދާނެ އެގޮތުން އަހަރެމެންނަށް ފަހު ވަގުތު ލިބުނު ކަންނޭގެ ފުރުސަތު. (އެކަމަކު) ދެ ލެގަށް ބަލާއިރު މާޒިޔާ އިން ރަނގަޅަށް ކުޅުނީ. އެ ޓީމަށް ކޮލިފައިވުން ހައްގު. މާޒިޔާ އަށް މަރުހަބާ ކިޔަން. އަހަރެމެން ދެން އެނބުރި ދާނީ ބަންގްލަދޭޝް ލީގަށް،" ލެމޯސް ބުންޏެވެ.
މިދިޔަ ސީޒަނުގެ މުބާރާތުގައި ދެކުނު އޭޝިއާ ޒޯނުގެ ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ ފައިނަލުން ފުރުސަތު ހޯދި ޓީމުގެ ކޯޗު ބުނީ މިދިޔަ އަހަރު އެޓޭކްތައް ވަރަށް ވަރުގަދަ ކަމަށާއި އެކަމަކު މި ފަހަރު ފެނުނީ ތަފާތު މަންޒަރެއް ކަމަށެވެ.
"ވެދާނެ މަހެއްހާ ދުވަހު މެޗެއް ނުކުޅެ ތިބީމަ ކަމަށް. ވަރަށް އުނދަގޫކޮށް މި ފަހަރު ފެނުނީ. އެޓޭކްތައް އުފައްދަން މާ ގިނަ ވަގުތު ނަގަނީ. އެއްވެސް ކަހަލަ ހަކަތައެއް ނެތް. މި ފަހަރު އަހަރެމެން ރަނގަޅަށް ޑިފެންސްކުރިން. މެޗުގެ ކުރިން އަހަރެން ބުނިން މާޒިޔާ ހުއްޓުވަން ޖެހެޔޭ. އެކަން ކުރެވުނު އެކަމަކު ލަނޑެއް ނުޖެހުނު،" ލެމޯސް ބުންޏެވެ.
މެޗުގެ ފަހު ވަގުތު އަބަހާނީގެ ކުޅުންތެރިޔަކު ބޯޅަ އެއްލަން ދިޔަ ވަގުތު މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީގެ ގައިގައި ޖެހުމުން، އަމިއްލަ އަށް ރުޅިގަދަވެ، ފަހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ހަމަނުޖެހުމެއް ދިޔަ އެވެ. އަދި މެޗުގެ ތެރޭގައި އާއި މެޗަށް ފަހު ވެސް ރެފްރީއާ މެދު އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރުޅިވެރިކަން ފާޅުކުރި އެވެ. ލެމޯސް ބުނީ އޭނާ އަށް ރެފްރީގެ ފަރާތުން ގޯސް ނިންމުމެއް ނުފެންނަ ކަމަށާއި ބަލިވީ ނުކުޅެވިގެން ކަމަށެވެ.
އިއްޔެގެ މެޗަށް ދަނޑަށް ވަން 700 އެއްހާ ސަޕޯޓަރުންގެ ތެރެއިން 500 އެއްހާ ސަޕޯޓަރުންނަކީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ. ލެމޯސް ވަނީ އަމިއްލަ ދަނޑުގައި އަދި ރަށުން ބޭރުގައި ކުޅުނު މެޗުގައި ވެސް ބަންގްލަދޭޝް ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑަފި
13 February 2020
ދަނޑަށް ބަނގާޅީން ވައްދައިގެން ނަމަވެސް އިބޫގެ ދަނޑު ފުރާލުމުގެ ވައުދު ފުއްދަން އެބަޖެހޭ،
ޢަހްމަދު007
13 February 2020
މެޗް ބަލަންވަން މާޒިޔާގެ ސަޕޯޓަރުން ހާދަ ގިނަޔޭ.. 100 ވަރު ހަ މަކޮށް ލެވުވީ..
އައްލާ
13 February 2020
ބެންގަލޯ މެޗުގެ ކުރިން އަމިއްލަ ރަށުގަ، ޓީމުގެ ކޮންފިޑެންސް ބޫސްޓް ކުރަން ލިބުނު ފުރުސަތުގަ ގޯލެއް ނުޖެހުނީމަ ކަޑަ. ރާއްޖޭގަ ތިބި އެންމެ މޮޅެތި ކުޅުންތެރިން ތިބިއިރުވެސް މިވަރުވީމަ ބެންގަލޯ އަތުން ލަނޑުކަންނޭގޭ ލިބޭނީ. އެންމެ މޮޅުކުޅުންތެރިއާ އަސަދުއްﷲ ވެސް ފެނުނީ ވަރަަށް ދަށްކޮށް.
އިބްރާ
13 February 2020
ވަރަށް ޑިސިޕްލިން ކޯޗެއް ކަން ފާހަގަ ކުރެވުނެ....މަރުހަބާ