02 މާޗް 2020 - 10:27
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ސީޒަނުގައި ބާއްވަން ޝެޑިއުލްކުރި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުށީގެ މެޗުން ފަށާނެ އެވެ.
ނޮކްއައުޓް އުސޫލުން ކުޅޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކްލަބަކަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ބައވެރިވީ އެންމެ އަށް ޓީމުކަމުން މުބާރާތް ފަށާނީ ކުއާޓާ ފައިނަލް ބުރުންނެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ޓީސީ އާއި އޭދަފުށި ކުޅުމަށް ފަހު އެރޭ އޮންނާނީ މާޒިޔާ އާއި ކްލަބް ގްރީންސްޓްރީޓްސްގެ މެޗެވެ. އަދި ހުކުރު ދުވަހު ހަވީރު ފޯކައިދޫ އާއި ދަ ގްރާންޑޭ ކުޅުމަށް ފަހު އެރޭ އޮންނާނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑުގެ މެޗެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މި މަހުގެ 16 ވަނަ ދުވަހު ހަވީރު ވާދަކުރާނީ މާޒިޔާ/ ގްރީން އިން މޮޅުވާ ޓީމާއި ފޯކައިދޫ/ ދަ ގްރާންޑޭ މެޗުން މޮޅުވާ ޓީމެކެވެ. އެރޭ އޮންނަ ދެ ވަނަ ސެމީން ފުރުސަތު ލިބޭނީ ޓީސީ/ އޭދަފުށި މެޗުން މޮޅުވާ ޓީމަށާއި އީގަލްސް/ވިލިމާލެ މެޗުން މޮޅުވާ ޓީމަކަށެވެ. ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެރޭ އެވެ.
މި ފަހަރު ވާދަކުރާ އަށް ޓީމުގެ ތެރެއިން މާޒިޔާ، އީގަލްސް، ދަ ގްރާންޑޭ، ޓީސީ، ފޯކައިދޫ އަދި ގްރީންސްޓްރީޓްސް އަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ޓީމުތަކެވެ. މީގެ ތެރެއިން މުބާރާތުގެ ފޭވަރިޓަކީ މާޒިޔާ އެވެ. ލީގު ކާމިޔާބުކުރުމުގެ އިތުރުން އެ ޓީމުން ވަނީ ދާދި ފަހުން އޭއެފްސީ ކަޕުގެ ޕްލޭއޮފުން އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު ކަޓުވާލައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. އަނެއްކޮޅުން ލީގުގެ ދެ ވަނަ ހޯދި އީގަލްސް ވެސް ފަހުން އޮތީ ރަނގަޅު ފޯމެއްގައި ކަމުން އެ ޓީމު ވެސް ތަށްޓެއްގައި އަތްލުމަށް މި މުބާރާތުގައި ރަނގަޅު ވާދައެއް ކުރާނެ ކަމަށް ބެލެވެ އެވެ. ޓީސީ ވެސް އޮތީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ތައްޔާރުވުމަށް ގަތަރުގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށް ރަނގަޅު ހާލަތެއްގަ އެވެ.
މުބާރާތުގައި ދެން ވާދަކުރާ ކްލަބް އޭދަފުށްޓާއި ވިލިމާލެ ޔުނައިޓެޑަކީ ފުރަތަމަ ޑިވިޝަނަށް އާ ޓީމުތަކެވެ. މީގެ ތެރެއިން އޭދަފުށީގެ ޓީމު ކުރިން ރާއްޖޭގެ ފުރަތަމަ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ކްލަބް އޭދަފުށްޓަކީ ވަރަށް ފަހުން ރަޖިސްޓްރީކުރީ އެ ރަށަށް ނިސްބަތްވާ އާ ކްލަބެކެވެ. ވިލިމާލެ ޔުނައިޓެޑް ނިސްބަތްވާ ވިލިނގިލީ ވިޔަންސާ ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ.
އެފްއޭ ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ އަށް 1988 ވަނަ އަހަރު ތައާރަފްވި މުބާރާތެކެވެ. ގަވާއިދުން ބޭއްވުމަށް ފަހު މެދުކެނޑުނީ 2015 ވަނަ އަހަރެވެ. އެއީ އެ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ޝެޑިއުލަށް ބަދަލު ގެންނަން ޖެހުމުންނެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށް ފަހު 2018 އާއި 2019 ވަނަ އަހަރު ދިޔައީ އަނެއްކާ ވެސް ނުބޭއްވި އެވެ. ދެ ފަހަރު ވެސް ދިމާވީ ޝެޑިއުލްގެ މައްސަލަ އެވެ.
މިހާތަނަށް 29 ފަހަރު މުބާރާތް ބާއްވާފައިވާއިރު އެންމެ ކާމިޔާބީ 12 ފަހަރު ތަށި ހޯދި ނިއު ރޭޑިއަންޓެވެ. އެ ޓީމުން މި މުބާރާތް 1998 އަދި 2007 ގައި މިލްކުކުރި އެވެ. ދެން އެންމެ ކާމިޔާބީ ފަސް ފަހަރު ތަށި ހޯދި ކްލަބް ވެލެންސިއާ އާއި ހަތަރު ފަހަރު ތަށި އުފުލާލި ވިކްޓްރީ އެވެ. މާޒިޔާ، އައިއެފްސީ، ވީބީ އައްޑޫ އެފްސީ އަދި ކްލަބް ލެގޫންސްގެ ތެރެއިން ކޮންމެ ޓީމަކުން ދެ ފަހަރު ތަށި ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން ގެ ފަރާތުން
02 March 2020
ނުދެނަހުރިން ލެގޫންސް އަދި އައި އެފް ސީ ދެފަހަރު އެފް އޭ ކަޕް ހޯދިކަމެއް
ކްލައުސް
03 March 2020
ވާނުވައެއް
ރެދަން
02 March 2020
ފަށާ. ފަށަފަށާފަ ނިންމާ. ކާކުތަ ދަންނަނީ ތިކަންކަން ކުރިޔަށް ދާކަންވެސް.
ހަަސަން
02 March 2020
އަހަރެން އެމްޑީޕީއަށް ވޯޓްދިނީ ދަނޑުފުރާލާނެ ވާހަކަ ބުނީމަ، އަހަރެން ހީކުރީ ދަނޑުގެ އެހެން ހުރިހާކަމެއްވެސް ރަގަޅުވާނެކަމަށް. އެހެންވެ އަހަރެން ބަލާލަން ބޭނުންވަނީ ރަށުޓީމު ކުޅޭ މެޗު ޓީވީން ދައްކާނެތޯ. އަހަރެންގެ ދޮށީ ސޮރު ކުޅޭތަން ބަލަން އަހަރެން ވަރަށް ބޭނުނުން ކޮންމެހެންވެސް، އަހަރެންގެ އެހެން ދަރިންނާއެކު، އޭނަގެ މަންމަަވެސް ވަރަށް ބަލާހިތުން ހުންނަނީ އެކަމަކު މިހާތަނަށް ފެނިފައި ހުންނާނީ މިހާކު ފޯނަކުން ރެކޯޑް ކުރި ކުޑަތަންކޮޅެއް.
ދަޑަށް ވަނުން
03 March 2020
ދަޑަށް ވަނު މަކީ، ވަކި ސިޔާސީ ޕާޓީއަކާއި، ނަވަތަ ސަރުކާރަކާއި ގުޅިފައިވާ ކަ މެއްނޫނެވެ. ފުޓަބޯޅައިގެ ކިކުއަންނަންޏާ ވަންނާނެއެވެ. ޢަދި އަ މިއްލަދަރި ކުޅޭނަ މަ ކޮން، މެހެންވެސް ވަންނަންޖެހޭނެ.
ފޯކާދޫ.
02 March 2020
އޭދަފުށި މާލޭ މުބާރާތެއްގައި ބައިވެރިވީ ވަކިމޮޅެއްވާނެކަމަށްތަ ؟ ކިތަންމެ ހިތްވަރުކޮށް މޯލަށް ކުޅުނުކަމުގައި ވިޔަސް މާލޭ ޓީމް ތަކާއި ބައްދަލުކުރާ މެޗުތަކުގައި އެރަށުޓީމްތައް މޮޅުކުރުމަށް ހެދެންހުރި ހުރިހާއެއްޗެއް ހަދާނެ. ތިއަށް ވުރެން ރަނގަޅުވާނެ އަތޮޅުގެ ޒުވާން ކުޅުންތެރިން ބައިވެރިކޮށްގެން އަތޮޅުތެރޭގެ ރަށްރަށުގެ މެދުގައި މުބާރާތެއް ބޭއްވިޔަސް.
ޑޮރިއަން
03 March 2020
ކަލެއަށް މާ އިނގެނީ އޭދަފުށި ބައިވެރިވިީ ތައްޔާރުވެގެން ރަނގަލޅާސް މޮޅުވާން އެކަން އަދި ފެންނާނެވެސްމެ އިންޝާ ﷲ....ކަލޭ ދިވެހި ފުޓުބޯޅައަށް މާ ހެޔޮ އެދޭ ކަމަށް ތިހެން ބުނިއިރު ފުޓުބޯޅަ ނުބަލާކަން އިނގެގެން މިދިޔައީ.. އެހެންނަމަ އޭދަފުށި މުބާރާތަށް ވި ތައްޔާރީ އެނގޭނެ