07 މާޗް 2020 - 22:23
ރާއްޖޭން ކޮރޯނާވައިރަސް (ކޮވިޑް-19) ފެނުމާ ގުޅިގެން، އެ ބަލި ފެތުރުން ހުއްޓުވުމަށް އެސޯސިއޭޝަން ފެންވަރުގައި މަސައްކަތްކުރުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން މިރޭ ނިންމީ އެސޯސިއޭޝަނުން މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިން މެދުކަނޑާލާށެވެ. އަދި އެސޯސިއޭޝަނުގެ މެމްބަރު ކްލަބް އަދި އެކަޑަމީ ތަކުން ވެސް މި ގޮތަށް އަމަލުކުރަން އެސޯސިއޭޝަނުން އިލްތިމާސްކުރެ އެވެ. މީގެ އިތުރުން އޭޕްރިލް މަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ހުރިހާ އެތުލެޓިކްސް މުބާރާތްތަކެއް ފަސްކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މި ބަލި ރާއްޖޭން ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިރޭ އެވެ. އެ ބައްޔަށް ޕޮޒިޓިވްވީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ.
ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު ބަލި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހަލުވިކަމާ އެކު ފެތުރެމުންދާތީވެ އެސޯސިއޭޝަނުން ވަނީ އެތަން މެދުވެރިކޮށް ރާއްޖޭން ބޭރަށް އެތުލީޓުން ޓްރެއިނިން އަށް ފޮނުވުމާއި އޭޕްރިލްގެ ނިޔަލަށް އެސޯސިއޭޝަނުން ބައިވެރިވާން ނިންމާފައިވާ މުބާރާތްތަކާއި އެސޯސިއޭޝަން މެދުވެރިވެގެން ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިނުވާން ވެސް ނިންމައިފަ އެވެ.
"ވައިރަސްގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމުން، ފަސްކުރެވުނު މުބާރާތްތައް ރީޝެޑިއުލްކޮށް، އެތުލެޓިކްސް ޓްރެއިނިންތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އެވެ،" އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ ސަރުކާރުން ނިންމާ ނިންމުންތަކަށް ބަލައި، އެސޯސިއޭޝަނުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށެވެ. އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލް ފެންވަރުގައި އެންމެ ފުޅާކޮށް ކުރިއަށްދާ އެއް ކުޅިވަރެވެ.
މިއަދު ބާއްވަން ރާވާފައި އޮތް މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން ވެސް ވަނީ މިދިޔަ ހަފުތާގައި ފަސްކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ ބަޔަކު އެއްވާ އެފަދަ ހަރަކާތްތައް މިދުވަސްވަރު ނުބާއްވަން ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ޗައިނާގައި ފެބްރުއަރީ މަހު ބާއްވަން އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކެންސަލްކޮށް އަދި މި މަހު ބާއްވަން ހަމަޖައްސާފައި އޮތް ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް މިހާރު ވަނީ ފަސްކޮށްފަ އެވެ.
މީގެ ތެރެއިން އޭޝިއާ މުބާރާތަށް ރާއްޖޭގެ ހަތަރު ދުވުންތެރިން އައީ ތައްޔާރުވަމުންނެވެ. އެއީ ހަސަން ސާއިދާއި ހުސެއިން ރިޒާ އާއި މަރިޔަމް އަލްހާ ހުސެއިނާއި އައިޝަތު ހިމްނާ ހަސަން އެވެ.
ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭން އެއް ޖާގަ ލިބޭތީ ރާވާފައި އޮތީ، އޭޝިއާ މުބާރާތުން އެންމެ ނަތީޖާ ރަނގަޅު ދުވުންތެރިޔަކަށް އެ މުބާރާތުން ފުރުސަތު ދޭށެވެ. ވޯލްޑް ޗެމްޕިއަންޝިޕް މިހާރު ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރު އެވެ.
ކޮރޯނާވައިރަސް މުޅި ދުނިޔޭން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ޖެހި ތިންހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރޭ
07 March 2020
ރަނގަޅު ނިންމުމެއް
ރައްޔަތުމީހާ
07 March 2020
އާރޓިފިޝަލް ބީޗް/ރަސްފަންނު/ކުޑަކުދިންގެ ބަގީޗާ/ސަލްޓަންޕާކް ފަދަ ތަންތަނަށް އެއްވެސް ގަޑިއެއްގައި ކުޑަކުދިން/އިސްރަށްވެހިން/ޒުވާނުން ގޮސް އުޅުން މިދުވަސްކޮޅު ބުއްދިވެރިއެއް ނޫން. އިހަށްދުވަހު ފަތިހު ވެސް ފެނުނީ ވަރަށް ހީނުކުރާ ކަހަލަ މަންޒަރެއް. އާރޓިފިޝަލް ބީޗްގައި ކުޑަކުދިންތަކަށް ފެތުމުގެ ޓްރޭނިންގ ދެމުން ގެންދިޔަ އިންސްޓަރަކްޓަރ އެކުދިން ކައިރީހުރެ މޫދަށް އަރިދަފުސް ފޮޅާލީ. އޭރު އެތާ މޫދުގައި އެހެންމީހުން ވެސް އުޅޭ. މިއީ ދެރަކަމެއް. #ހޭލަމާ
ސައިނީ
07 March 2020
ހާދަ ފާސްޓް އޭ ދޯ!