ކުޅިވަރު

ޓީސީ ބަލިވެ 19 އަހަރަށް ފަހު ބަންގްލަދޭޝް ޓީމެއްގެ އަތްދަށުވެއްޖެ

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަތުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ތަފާތު ބޮޑުކޮށް 5-1 އިން ބަލިވެއްޖެ އެވެ.

މިއީ އޭއެފްސީގެ މުބާރާތެއްގައި 19 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ޓީމެއްގެ އަތުން ރާއްޖޭގެ ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. އެ ގައުމުގެ ޓީމެއްގެ އަތުން ރާއްޖޭގެ ޓީމެއް އެންމެ ފަހުން ބަލިވީ 2001/2002 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގަ އެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގެ އީސްޓް އޭޝިއާ ޒޯނުގައި ބަންގްލަދޭޝްގެ މުކްތިޖުއްދާ ސަންގްސާދު އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް 2-1 އިން އަދި 1-0 އިން ބަލިވެ 3-1 ގެ އެގްރިގޭޓަކުން ކެޓީ އެވެ.

އޭގެ ފަހުން ފެށި އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް މިމެޗާ ހަމަޔަށް ބަންގްލަދޭޝްގެ ޓީމުތަކާ އަށް ފަހަރު ބައްދަލުކޮށް ހަ މެޗުން މޮޅުވެ ދެ މެޗުން އެއްވަރުކުރި އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އިން ޑާކާގައި އަދި މާލޭގައި އަބަހާނީ ލިމިޓެޑް ޑާކާ އަތުން 2-0 އިން މޮޅުވި އެވެ. ޖެހިގެން އައި އަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ޓީސީން ވަނީ ސައިފް ސްޕޯޓީން އަތުން ޑާކާގައި 1-0 އިން އަދި މާލޭގައި 3-1 މޮޅުވެފަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓެޖުގައި ނިއު އިން އަބަހާނީ އަތުން ޑާކާގައި 1-0 އިން އަދި މާލޭގައި 5-1 އިން މޮޅުވި އެވެ. މި އަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން އަބަހާނީއާ ޑާކާގައި 2-2 އިން އެއްވަރުކޮށް މާލޭގައި 0-0 އިން އެއްވަރުކުރި އެވެ.

އެކަމަކު މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝް އިން އިންތިޒާމްކުރި ބައިނަލްއަގްވާމީ މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް ކަޕުގައި މިދިޔަ އަހަރު ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ އަތުން 4-1 އިން ވަނީ ބަލިވެފަ އެވެ. އޭގެ ކުރިން 2017 ވަނަ އަހަރުގެ އެ މުބާރާތުގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު ގްރޫޕް ސްޓޭޖުގައި ޑާކާ އަބަހާނީ އަތުން 1-0 އިން މޮޅުވި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ކުޅުނު މެޗެއްގައި ޓީސީގެ ފޯވާޑް މެލްކޮމް (ކ) ގްރީންސްޓްރީޓްސްގެ ކުޅުންތެރިޔެއް ކައިރިން ދެމި ގަންނަން މަސައްކަތްކުރަނީ. --ފޮޓޯ:

މިއަދުގެ މެޗުން ޓީސީ އަތުން ބަޝުންދުރާ މޮޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ހަތަރު ގޯލް ޖެހި އާޖެންޓީނާ ފޯވާޑް ހެނާން ބާކޯސް އެވެ. އާޖެންޓީނާ ގައުމީ ޓީމަށް 2012 ވަނަ އަހަރު ލިއޮނަލް މެސީއާ އެކު ކުޅެފައިވާ ބާކޯސް ގެނައީ މި މުބާރާތަށް ހާއްސަކޮށްގެން މަހަކު 20،000 ޑޮލަރުގެ މުސާރައަކަށް 10 މަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަނެއް ގޯލް ޖެހީ ބަޝުންދުރާގެ ކެޕްޓަން، ކޮސްޓާ ރީކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންޑްރެސް އެވެ.

މި މެޗުގެ ކުރިން ވެސް ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ވަނީ ގްރޫޕުގެ ހަތަރު ޓީމުގެ ތެރެއިން އެންމެ ރޭޓްކުރާ ޓީމަކީ ބަޝުންދުރާ ކަމަށާއި އޭގެ ސަބަބަކީ އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިން ހާއްސަކޮށް ބާކޯސް އާއި ކޮލިންޑްރެސްކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ނިއު އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ކޯޗުކޮށްދޭ ބަޝުންދުރާ އިން ވަނީ މިއަދުގެ މެޗު ޑޮމިނޭޓްކުރި ނަމަވެސް ޓީސީ އަށް ފުރަތަމަ ހާފުގައި އެ ޓީމުގެ ކޮންޓްރޯލްގެ ދަށަށް މެޗު ގެންނާނެ ފުރުސަތު ލިބުނެވެ.

ޑާކާގެ ބަންގުބަންދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ބަޝުންދުރާގެ ފުރަތަމަ ގޯލް ޖެހީ 18 ވަނަ މިނެޓުގައި ވައްދާލީ ބާކޯސް އެވެ. އޭގެ ތިން މިނެޓު ފަހުން އިސްމާއިލް އީސާ ވަނީ ޕެނަލްޓީއަކުން ޓީސީ އަށް އެއްވަރުކޮށްދީފަ އެވެ. އީސަ މި ގޯލް ވައްދާލީ އޭނާ ޖެހި ޕެނަލްޓީ ބަޝުންދުރާގެ ގޯލްކީޕަރު އަނިސުރް ރަހްމާން މަތަކޮށް ފޮނުވާލުމުން ރީބައުންސެއްގަ އެވެ. އޭގެ އިރުކޮޅެއް ފަހުން 26 ވަނަ މިނެޓުގައި ބަކޯސް ވަނީ ބަޝުންދުރާ އަށް އަލުން ކުރި ހޯދައިދީފަ އެވެ. ހާފު ނިމުމުގެ ކުރިން ޓީސީ އަށް އެއްވަރުކޮށްދޭން އިޝާން އިބްރާހިމް (ސައްޓު) އަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ.

ބަޝުންދުރާގެ ކެޕްޓަން ކޮލިންޑްރެސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ޓީސީ އަށް އަލުން އެއްވަރުކުރަން ޕެނަލްޓީއެއް ލިބުނެވެ. އީސަ ފުރަތަމަ ޖެހުމުން ކީޕަރު މަތަކުރި އެވެ. އެކަމަކު ކީޕަރު ލައިނަށް ވުރެ ކުރިއަށް ނުކުމެ ހުރުމުން އަލުން ޖަހަން ރެފްރީ އެންގުމުން، އީސަ ޖެހުމުން ވެސް ކީޕަރު އެ ބޯޅަ ސަލާމަތްކުރި އެވެ.

އެހިސާބުން ބަޝުންދުރާގެ ގޭމްގެ ސްޕީޑް އަވަސްކޮށް އެޓޭކްތައް ވަރުގަދަކުރި އެވެ. އަދި ޕެނަލްޓީއަކުން ބަކޯސް 68 ވަނަ މިނެޓުގައި ގޯލް ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ. ބަޝުންދުރާގެ ހަތަރު ވަނަ ގޯލް 76 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ކޮލިންޑްރެސް އެވެ. އެ ޓީމުގެ ފަސް ވަނަ ގޯލް ބާކޯސް ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ބަންގްލަދޭޝްގައި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރޭތީ އެ ގައުމުން ރާއްޖެ އައުން މަނާކޮށް ސީދާ ދަތުރުތައް ހުއްޓާލާފައިވާތީ މި މެޗަށް ފަހު ޓީސީ ރާއްޖެ އައުމަށް ހުރަސްތަކެއް އެބައޮތެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިކަމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ޓީސީއާ ވާހަކަދައްކަވާފައިވާ ކަމަށާއި މިހާރު ހަމަޖެހިފައި އޮތީ ލަންކާގައި ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތުހަމަކޮށްފައި ރާއްޖެ އަންނަ ކަހަލަ ގޮތަކަށް ކަމަށެވެ.

ބަންގްލަދޭޝް އިން މީހުން ދިއުން ލަންކާގައި މަނާކޮށްފައި ނުވާތީ ޓީސީ އަށް އެ ގައުމަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެތަނުގައި ޕްރެކްޓިސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި އަންނަ ހަފުތާގައި ޓީސީ މެޗެއް ކުޅެން އެބައޮތެވެ. އެ މެޗު ނުކުޅެ މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެތީ އެ މުބާރާތުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.

5 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 61%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ފުޓްބޯލް ފޭން

12 March 2020

‫ވަރަށްފެސް ފޯރިގަދަ މެޗެއް. އެމަކު ތިކުދިންކުޅޭތަން ސަޕޯޓަރުންނަށް ދައްކާލެވޭވަރުގެ ކޭޕެބިލިޓީއެއް ދިވެހި އެއްވެސް ޗެނަލެއްގައެއް ނެތް. އަހަންނަށް ހީވަނީ ގައުމީ ކުޅިވަރު ދެން ބަދަލުކުރަންވީހެން. ޔޫތު މިނިސްޓްރީއަކުން, އެފް.އޭ.އެމް އަކުން އަދި ސަރުކާރުގެ މީޑިއާއަކުންވެސް މިކަމަށް ހައްލެއް ނުގެނެވުނު.

The name is already taken The name is available. Register?

ބާބާ

11 March 2020

ބަޝުންދުރާ ވަކި މޮޅެއްނުން ޓީސީއަށްވުރެ. ތަފާތަކީ އެޓީމުގެ ފޯވަޑުން. ޓީސީއަށް ފައިނަލް ތާޑުގަ ލިބޭބޯޅަތަކަށް ހަދާނެ ގޮތެއް ނޭގޭ؛ ރަން އިންޓް ބްލައިން އެލީސް! 2-1 ބަލިވެފައި އޮތްވައި ދެވަނަ ހާފުގެ މާކުރީ ކޮޅު ޓީމު މާކުރިއަށް ޖައްސާ އޯލްއައުޓް އެޓޭކަށް ދިޔައީމަ މައްސަލަ ގޯސްވީ. ފަހަތުން ހެދުނު ބާގަޑުތަށް ފިލްކުރަން އެޓީމު އެޓެކު ކުރިއިރު ދިވެހިޓީމަށް ޕޮޒިޝަންތަށްނުނެގުނު. އެމީހުން ގޯލުކުރިމަތީ ނުލާހިކު ހުށިޔާރު. ޓީސީއަށް ބޭނުންވަނީ ރަގަޅު ފޯވަޑެއް

The name is already taken The name is available. Register?

އެހެންވީމަ

11 March 2020

ތިބުނެވެނީ ބަޝުންދުރާ މޮޅޭ ނޫންތަ؟

The name is already taken The name is available. Register?

އޭނަ

11 March 2020

މިއީ އަހަރެންބުނި ވާހަކަ. ބަންގާޅުން އައީ ވަރުގަދަޔަށް މިމުބާރާތަށް ތައްޔާރުވަމުން. މެޗު ފެށުމުގެ ކުރިންވެސް އިނގޭ ޓީސީ ބަލިވާނެކަން. މާޒިޔާގެ އޮތްކަހަލަ ސްޕީޑީ ފޯވާރޑް ލައިނެއް ޓީސީގައެއްނެތް. އެހެންވީމަ މޮޅުވުން އުނދަގޫވާނެ. އޮސްކާގެ ޓީމުން ކާމިޔާބު ހޯދާނެކަމަށް އުންމީދުކުރަން. އުމުރުން 35 އަހަރުގެ އަޝްފާޤުފަދަ ކުޅުންތެރިންނަށް ބަރޯސާވެގެނެއް ޓީސީޔަކަށް ނުކުޅެވޭނެ. ކީއްވެ އަޝްފާޤަށް ޕެނަލްޓީޖަހަން ނުދިނީ.

The name is already taken The name is available. Register?

ޒިންދަގީ

11 March 2020

އަވަހަށް މާލެއައިސް 14 ދުވަސް މަޑުކޮށްލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!