ކުޅިވަރު / މާޒިޔާ ސ.ރ.ކ

އޭއެފްސީ ކަޕުގެ ހަފުތާގެ ގޯލަކަށް ފޭދޫ އިއްބެގެ ލަނޑު ހޮވިއްޖެ

އޭއެފްސީ ކަޕުގެ ފުރަތަމަ ހަފުތާގެ "ގޯލް އޮފް ދަ ވީކް" އަށް، ބުދަ ދުވަހު އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ ކޮޅަށް ރާއްޖޭގެ މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލް ހޮވިއްޖެ އެވެ.

ޗެންނާއީ އާއި މާޒިޔާ 2-2 އިން އެއްވަރުވި މެޗުގެ 67 ވަނަ މިނެޓުގައި ފޭދޫ އިއްބެ ޖެހި ގޯލަށް މި މަގާމް ލިބުނީ، އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލި ޕޯލް އަށް ލީ 10،233 ވޯޓުގެ ތެރެއިން 81 ޕަސެންޓް ލިބުމުންނެވެ.

މި ޕޯލުގައި ދެ ވަނަ އަށް ދިޔަ މިޔަންމާގެ ޝަން ޔުނައިޓެޑުގެ ހެއިން ހިޔޯ ވިންގެ ގޯލަށް ލިބުނީ އެންމެ 18 ޕަސެންޓެވެ. އެއީ ސިންގަޕޫރުގެ ޓެމްޕިނެސް ރޯވާސް އަތުން 2-1 އިން ޝަން ބަލިވި މެޗުގައި އޭނާ ޖެހި ގޯލެވެ. މި ޕޯލުން ތިން ވަނަ އަށް ދިޔަ ކެމްބޯޑިއާގެ ސްވޭ ރެއިންގެ ކެމަރޫން ކުޅުންތެރިޔާ ޖެއޮން ބެފޯލީ އެމްބާގް ޖެހި ގޯލަށް ލިބުނީ އެންމެ ޕަސެންޓެކެވެ. އެއީ ވިއެޓްނާމްގެ ތަން ގުއާންގް އަތުން 4-1 އިން ސްވޭ ރެއިން ބަލިވި މެޗުގައި އޭނާ ޖެހި ގޯލެވެ. ލިސްޓުގައި ދެން ހިމެނުނު ތަޖިކިސްތާނުގެ އިސްތިކްލޯލްގެ މަނުޗެޚް ހަލިލޯފުގެ ގޯލަށް އެންމެ ވޯޓެއް ވެސް ނުލިބެ އެވެ. އެއީ ތަޖިކިސްތާނުގެ ޚުޖާންދް އަތުން އިސްތިކްލޯލް 2-0 އިން މޮޅުވި މެޗުގައި ޖެހި ލަނޑެވެ.

"ގޯލް އޮފް ދަ ވީކް" އަށް ހޮވުނު ގޯލް ފޭދޫ އިއްބެ ޖެހީ ޗެންނާއީ ލީޑު ނަގާފައި އޮއްވާ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ލަނޑު ޖަހައި އެއްވަރުކުރިތާ އިރުކޮޅެއްގެ ތެރޭގަ އެވެ. މި ގޯލަކީ އިބްރާހިމް ވަހީދު ހަސަން (ނޮޅިވަރަމް އިއްބެ) އުފެއްދި އެޓޭކަކުން ޖެހި ގޯލެކެވެ. އޭނާ ސެންޓަ ސާކަލްގެ ތެރޭ ހުރެ ކަނާތް ފަޅީގައި އޭރު ހުރި ފޭދޫ އިއްބެ އަށް ބޯޅަ ޖައްސާލުމުން، ފަޅި ބަދަލުކުރުމުގެ ގޮތުން ފޭދޫ އިއްބެ އެ ބޯޅަ ހިފައިގެން އަނެއް ފަޅި އަށް އަރާ ބޯޅަ ޖައްސާލީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ.

ހަމްޕު، އޭނާގެ ކައިރީގައި ހުރި ޗެންނާއީ ޑިފެންޑަރަށް ފުރުސަތެއް ނުދީ އެ ބޯޅަ ހުރި ދިމާލުން އޭރިއާ ތެރެއަށް ފޮނުވާލުމުން ހުސެއިން ނިހާން (ނިހާޓް) އަރައި ބޯޅަ އަތުލި އެވެ. ނިހާޓަށް ބޯޅަ ގޯލަށް ފޮނުވާލެވެން އޮތް ނަމަވެސް އޭނާ އެ ބޯޅަ ކަނާތް ފަރާތަށް މަޑުމަޑުން ޖައްސާލީ ފޭދޫ އިއްބެ އެ ބޯޅަ އަށް އެރުމުންނެވެ. އެހެންވެ އެ ބޯޅަ އަތުލަން ޓެކްލްޖެހި ޗެންނާއީ ޑިފެންޑަރު ވެސް ބޯޅަ އަތުވާ ގޮތްނުވީ އެވެ.

އެކަމަކު އެ ބޯޅަ ފޭދޫ އިއްބެގެ ވެސް އަދި އޭނާ މާކްކުރަން ދެން އެރި ޑިފެންޑަރުގެ ފައިގައި ވެސް ލައްވާލާ ގޮތް ނުވެ ދިޔައީ ކުޑަކޮށް ފަހަތަށެވެ. ފޭދޫ އިއްބެ އެކަން ދެނެގަނެ ވަގުތު އެނބުރި ލާފައި، ސީދާ ފަޔަށް ހެޔޮވަރުކޮށްލާފައި ބޯޅަ ގޯލަށް ވައްދާލީ އެވެ. އަނެއް ފަޅިން އެރި ޑިފެންޑަރު ޖެހި ޓެކްލް ފޭދޫ އިއްބެގެ ފަޔަށް ނޭރީ ކިރިޔާ އެވެ. ނިހާޓް ބޯޅަ ހުރަސްކޮށްލި ވަގުތު ޗެންނާއީގެ ގޯލްކީޕަރު ކޮންމެސްވަރަކަށް ވެއްޓިގެންފައި ބޯޅަ ހޯދަން މަސައްކަތްކުރި އެވެ. އެ ބޯޅަ ފޭދޫ އިއްބެއާ ދިމާލަށް ދިއުމުން އަލުން އެދިމާލަށް ދާން ކީޕަރު މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

އާއްމުކޮށް ފުޓްބޯޅައިގައި މޮޅު ގޯލުގެ ގިނަ ބަޔަކު ފާހަގަކުރަނީ އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދައްކާފައި ޖަހާ ގޯލްތަކާއި ދުރުން ޖަހާ ގޯލްތަކާއި ބާރު ޝޮޓްތަކުންނާއި އެކްރޮބެޓިކް ހަރަކާތް ބޭނުންކޮށްގެން ޖަހާ ގޯލްތަކެވެ. ފޭދޫ އިއްބެގެ މި ގޯލަކީ މާޒިޔާގެ އެޓޭކިން ކުޅުންތެރިން ޔުނިޓެއްގެ ގޮތުގައި މަސައްކަތްކޮށް މޮޅު ކޮމްބިނޭޝަން ކުޅުމެއް ދައްކައި، އެޓޭކިން މޫވްމަންޓްތަކަކުން، އިދިކޮޅު ޓީމުގެ ޑިފެންސް ރޫޅާލައި ޖެހި ތަފާތު މޮޅު ގޯލެކެވެ. ޗެންނާއީގެ ހަތަރު ޑިފެންޑަރުންނާއި ކީޕަރު މަސައްކަތްކޮށްގެން ވެސް އެ ބޯޅަ ނުހުއްޓުވުނީ، މާޒިޔާގެ ކުޅުންތެރިންނަށް ނިންމުން ނިންމަން ލިބުނު ފަޅި ސިކުންތުގެ ތެރޭގައި ހަރަކާތް އަވަސްކޮށް ރަނގަޅު ދިމަދިމާލަށް ބޯޅަ ފޯރުކޮށްދީފައިވާތީވެ އެވެ.

ފަހަކަށް އައިސް ރާއްޖޭން ފެނުނު އެންމެ ހުނަރުވެރި އެއް އެޓޭކިން ކުޅުންތެރިޔާ، އައްޑޫ ފޭދޫ އަށް އުފަން ފޭދޫ އިއްބެ، އެންމެ ފުރަތަމަ ދިވެހި ފުޓްބޯޅައިގައި ވިދާލީ ވެސް އޭނާ ވައްދާލި މޮޅު ގޯލަކުންނެވެ. އެއީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލުގައި ސ. ފޭދޫ ޓީމަށް އޭނާ ޖަހައިދިން ގޯލެވެ. އެ މެޗުގައި ހާފުގެ މެދަކާ ހަމައިން، އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލްކޮށް ކުރިއަށް އަރައި ފަހަތުން އައި ޑިފެންޑަރު ފަސްދީ އޭރިއާ ތެރެއަށް ވަނީ އެވެ. އަދި އޭރިއާ ތެރެއިން ބޯޅަ އަތުން ޓެކްލް ޖެހި ޑިފެންޑަރު ކައިރިން ދެމި ގަނެ، ކީޕަރު ކައިރިން ވެސް ދެމި ގަނެ ހަނި އޭންގަލުން ގޯލަށް ވައްދާލީ ދެން ޓެކްލް ޖެހި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނީ އެވެ. އެ ޓީމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ހޯދައި އަދި ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު މާޒިޔާ އަށް ބަދަލުވެ އެ ޓީމުގައި ވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. އެ ޓީމަށް މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގައި ފޭދޫ އިއްބެގެ ދައުރު ބޮޑެވެ. ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ފޭދޫ އިއްބެ އަކީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖެ ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައި، ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ.

2 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭބީ

15 March 2020

ޓީމު ގޯލެއްދޯ؟

The name is already taken The name is available. Register?

ޢަލީ ނަޢީމް (ޢަލީ ސޯ)

16 March 2020

އެހެންދޯ ވާނީ... އެކަމް އިއްބެ އެއްނު ގޯލް ޖެހީ.. މީހަކަށް މޮޅެއް ލިބުނީމަ ޖޭ ވީ ދޯ އޭބީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454