25 މާޗް 2020 - 12:15
އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދަށް ކޮކާކޯލާ އިން ދީފައިވާ ސްޕޮންސާޝިޕް ތިން ވަނަ އަހަރަކަށް އިތުރުކޮށްފި އެވެ.
ކޮކޯކާލާގެ ރާއްޖޭގެ އެމްބެސެޑަރަކަށް 2018 ވަނަ އަހަރު ހަމަޖެއްސި ނަސްރު އަށް އެ ކުންފުނީގެ ސްޕޮންސާގެ ދަށުން ރާއްޖޭން ބޭރުގެ މެރެތަންތަކުގައި ވާދަކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ސިފައިންގޭގައި މަސައްކަތްކުރާ ނަސްރު ބުނީ ކޮކާކޯލާގެ ފަރާތުން ވަރަށް ބޮޑު އެހީއަކާ އެއްބާރުލުމެއް ލިބޭ ކަމަށާއި އޭނާ ރާއްޖޭން ބޭރުގެ މެރެތަންތަކުގައި ވާދަކުރުމުގެ ހަރަދުގެ ބޮޑުބަޔެއް ކޮކާކޯލާ އިން ކަވަރުކޮށްދޭ ކަމަށެވެ. މީގެ އިތުރުން ދި މެރެތަން ޝޮޕުންނާއި ބައެއް ރަށްޓެހިން އެހީވެދެ އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އެއް ބުއިން ކަމަށްވާ ކޯކް އުފައްދާ ކޮކާކޯލާ ކުންފުނިން އަންނަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޓީއެފްޖީ ލޯންގް ރަން 2013 ވަނަ އަހަރު ބާއްވަން ފެށީއްސުރެ ސްޕޮންސާކުރަމުންނެވެ. އެ ކުންފުނީގެ އެހީއާ އެކު، ލޯންގް ރަން މިހާރު ވަނީ މުޅި ރާއްޖެ އަށް ފުޅާކޮށް އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ބާއްވައިފަ އެވެ. މީގެ އިތުރުން ބައެއް ފުޓްބޯޅަ މުބާރާތްތައް ވެސް އެ ކުންފުނިން ސްޕޮންސާކޮށްފައިވެ އެވެ.
ނަސްރު ރާއްޖޭން ބޭރުގެ ކާމިޔާބަކަށް ފަހު އެނބުރި އައުމުން ކަޅުލުއްކަލާ ކޮށިން ސިފައިންގެ އޮފިސަރުން އޭނާ އަށް މަރުހަބާ ކިޔަނީ.
ނަސްރު ވަނީ މިދިޔަ މަހު ނިއު ދިއްލީ މެރެތަންގައި ދުވެ އޭނާގެ 57 ވަނަ މެރެތަން ފުރިހަމަކޮށް އޭޝިއާގެ ރެކޯޑަކާ ދިމާލަށް ދިއުމަށް ކުރާ މަސައްކަތަށް ބޮޅެއް އިތުރުކޮށްފަ އެވެ. ނަސްރުގެ ޓާގެޓަކީ މި އަހަރު އިތުރު 15 މެރެތަން ދުވުމެވެ. އެކަމަކު ކޮނޯނާވައިރަހާ ގުޅިގެން، ދުނިޔެ ހުއްޓުމަކަށް އައިސްފައިވާތީވެ، އެ އަދަދު ކުޑަވެދާނެ އެވެ.
ނަސްރުގެ ހާއްސަ ކަމަކީ، ޖުމްލަ 42 ކިލޯމީޓަރަށް ދުވަން ޖެހޭ ބުރަ ބޮޑު ރޭހުގައި ރަނގަޅު ޓައިމިންއެއްގައި ދުވަން ކުރާ މަސައްކަތެވެ. އާއްމުކޮށް ރެކޯޑް އަދަދަކަށް މެރެތަން ދުވާ ދުވުންތެރިން ޓައިމިން އަށް އެހާ ސަމާލުކަމެއް ނުދެ އެވެ. މި އަހަރުގެ ދެ މެރެތަންގައި ވެސް އަދި މިދިޔަ އަހަރު ނަސްރު ދުވި 20 ރޭހުގެ ތެރެއިން 16 ރޭހެއް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. ރާއްޖޭގައި، ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު ދުވުންތެރިންތަކެކެވެ.
އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދަކަށެވެ. އެ އަދަދު ކަށަވަރުކުރުމަށް ފަހު އެ ރެކޯޑް މުގުރާލަން އޭނާ ބޭނުންވެ އެވެ. އަދި އެއަށް ފަހު ދުނިޔޭގެ ރެކޯޑަކާ ދިމާލަށް ދިއުމަށް ވެސް އޭނާ ހުރީ ނިންމައިގެންނެވެ.
ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތިރިމަތި
25 March 2020
ސާބަހޭ ނަސްރު ސަރ ތިޔަ ކުރާ ހިތްވަރަށް. ބޭނުންވަނީ އިޝްތިހާރު ކުރާ ބާވަތެއްނޫން. ބޭނުންވަނީ މީހާ ކުރާ މަސައްކަތް
އިސް މާޢީލް
25 March 2020
ސާބަހޭ ، ސާބަހޭ. ވަރަށް އުފާވެ ފަޚުރުވެރިވަން.
އިކްރާމާ
25 March 2020
ސިއްހަތަށް ގެއްލުން ހުރި ޑްރިންކްސް އުފައްދާ ކުންފުންޏަކަށް މިކަހަލަ މީހުން ސްޕޮންސަރ ކުރަން ޗާންސްދިނުމަކީ އިއުލާނު ކޮށްފައިވާ ސަރުކާރުގެ ސިއްހީ ސިޔާސަތާ މުޅިން އިދިކޮޅު ކަމެއް. ދައްކާ ވާހަކައަކާ ކުރާ ކަމަކާ ދިމައެއް ނުވޭ. މިކަހަލަ ފިޒީ، އަންހެލްތީ ބުއިންތައް ބޮއިކޮޓް ކޮށް، ކުޅިވަރުގެ މައިދާނުން އެތަކެތި އުފައްދާ ކުންފުނިތައް އެކަހެރި ކުރަން ޖެހޭ.