އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އެޕްރީލް 2020 - 16:07
ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ހެދި، އޭއެފްސީ ކަޕާއި އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތައް ހިމެނޭގޮތަށް އޭއެފްސީގެ ހުރިހާ މެޗެއް މުއްދަތެއް ނެތްގޮތަށް ފަސްކުރަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ނިންމައިފި އެވެ.
އޭއެފްސީން އެންމެ ފުރަތަމަ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމީ މި މަހު ކުޅެން ހުރި މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހާއި ޖޫން މަހު ވެސް މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއް އޮންނާނެ ކަމަށް ނުބެލެވޭތީ މުއްދަތެއް ނެތްގޮތަށް މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ. އަދި މި ގޮތަށް ނިންމީ ބޭއްވި ކުއްލި ބައްދަލުވުންތަކެއްގައި ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް އޭއެފްސީން ބުނެފައިވެ އެވެ.
"އޭއެފްސީން މިދަނީ މެމްބަރު ގައުމުތަކާ އެކީ މަޝްވަރާތަށް ކުރަމުން. އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނެ ގޮތްތަކާ ބެހޭގޮތުން. މެޗުތައް ފުރިހަމަކުރަން ހުރި ހުރިހާ ފުރުސަތެއް ބަލާނަން،" އޭއެފްސީގެ ބަޔާނުގައިވެ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މިދިޔަ މާޗް މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގެ ޗެންނާއީގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ.
ޗެންނާއީއާ ދެކޮޅަށް ކުޅުމަށް ފަހު މާޒިޔާ ވަނީ އެނބުރި މާލެ އައިސްފަ އެވެ. ބަންގްލަދޭޝްގެ މެޗު ނިންމާލުމަށް ފަހު ޓީސީން ރާއްޖެ އައީ ކަރަންޓީނުގެ މުއްދަތެއްގައި ލަންކާގައި 24 ދުވަސް ހޭދަކޮށްފަ އެވެ. ޓީސީ މި ވަގުތު އަންނަނީ ރާއްޖޭގައި ވެސް ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަމުންނެވެ. ބޭރުން އަންނަ ކޮންމެ މީހެއް 14 ދުވަހު ކަރަންޓީނުކުރާ އުސޫލުގެ ތެރެއިން ޓީސީ ކަރަންޓީނުކޮށްފައިތިބީ ފުރަވެރި ރިސޯޓުގަ އެވެ.
އޭއެފްސީ ކަޕްގެ ޝެޑިއުލް އޮތްގޮތުން ޓީސީ އާއި މާޒިޔާ ދެން ކުޅެން އޮތް މެޗުތައް އޮތީ ރާއްޖޭގަ އެވެ. ޓީސީ ކުޅެން ޖެހޭނީ ޗެންނާއީ އާ އެވެ. އަދި މާޒިޔާ ބައްދަލުކުރާނީ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޯންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝުންދުރާ ކިންގްސްއާ އެވެ.
އޭއެފްސީން ވަނީ މިދިޔަ މާޗް މަހުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާޗް މަހާއި ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ވެސް ފަސްކޮށްފަ އެވެ. މާޗް މަހުގައި ރާއްޖެ ކުޅެން އޮތީ ރަށުން ބޭރުގައި ޗައިނާ މެޗުގެ އިތުރުން މާލޭގައި ސީރިއާއާ ދެކޮޅަށެވެ. އަދި ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށެވެ. މީގެ ތެރެއިން ޗައިނާ ހޯމް މެޗު އެ ގައުމުގައި އޭރު ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާތީ ކުޅެން ރޭވީ ތައިލެންޑްގަ އެވެ. އެހެން ނަމަވެސް ފަހުން އެ މެޗު ފަސްކުރަން ނިންމީ ހާލަތު އިތުރަށް ގޯސްވާތީ އެވެ.
ކޮވިޑް-19 އިން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށް ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 210 ގައުމަކުން ވަނީ ފެނިފަ އެވެ. ރާއްޖޭން މިހާތަނަށް މި ބައްޔަށް 20 މީހުން ޕޮޒިޓިވްވެފައިވާއިރު، އިންޑިއާ އިން ވަނީ 10،000 މީހުންނަށް ބަލިޖެހިފަ އެވެ. އަދި ބަންގްލަދޭޝް އިން މި ބައްޔަށް ޕޮޒިޓިވްވެފައިވީ މީހުންގެ އަދަދު ވަނީ 800 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy