ކުޅިވަރު / އަލީ ސުޒޭން

ތަށި ހޯދުމަށް ވުރެ އުނދަގުލީ އިހުތިރާމާއި ލޯބި ހޯދުން: ސުޒޭން

ދިވެހި ފުޓްބޯޅައިގައި ކުރިން އޮތީ ހަމައެކަނި ތަށި ހޯދުމުގެ ވިސްނުން ކަމަށާއި އެކަމަކު މިހާރު އެ ވިސްނުން ބަދަލުވެ ކުޅިވަރުގެ ބާރު ބޭނުންކޮށްގެން ގައުމާއި މީހުން ބިނާކުރުމުގެ ވިސްނުން އައިސްފައިވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) "އިންސްޓަގްރަމް" މެދުވެރިކޮށް ކުރިއަށްގެންދާ "ޗެޓް ވިތު ޗެމްޕިއަންސް" ލައިވްގައި ވާހަކަދައްކަމުން ސުޒޭން ބުނީ ތަށި ހޯދުމަށް ވުރެ އުނދަގުލީ ލޯތްބާއި އިހުތިރާމް ހޯދުން ކަމަށާއި މިއަދު އެންމެ އުފާވަނީ ވެސް އޭނާ އަށް ކުޅުންތެރިންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާތީ ކަމަށެވެ.

ވިކްޓްރީގައި ސުޒޭނަށް ކޯޗުކޮށްދިން އަބްދުލްޖަލީލް (އަބުޖީ) ގެ ނަޒަރުގައި އެންމެ މުހިއްމީ ތަށި ހޯދުން ކަމަށް އިޝާރާތްކޮށް މަރުޒޫގު ކުރި ސުވާލަކަށް ޖަވާބުދެމުން ސުޒޭން ބުނީ އަބުޖީގެ އިތުރުން އަބުޖީ ކައިރީގައި މަސައްކަތްކުރި މީހުންގެ ވިސްނުމުގައި އޭރު އެންމެ މުހިއްމީ ތަށި ކަމަށެވެ.

"މިހެން ބުނީމާ އަބުޖީ ރުޅި ވެސް އަންނާނެ. އެކަމަކު ތަށި އެކަންޏެއް ނޫން މުހިއްމީ. ކުޅިވަރުގެ ބިއުޓީގައި، ވަރަށް ގިނަ ސަޅިކަންކަން ކޮށްލެވޭނެ. މިކަމުގެ ތެރޭގައި މަސައްކަތްކުރަން ފެށީމާ ވަރަށް ރަނގަޅަށް އެކަން އެބަ އެނގޭ. މިސާލަކަށް ބަލާ ނަމަ އަޅުގަނޑު އެންމެ އުފާވީ ތަށިތަކެއް ލިބިގެން ނޫން. ތަށި ގުނަން ވެއްޖެއްޔާ އެއް އަތަކުން ނުގުނެނޭނެ. ދެ އަތް އުފުލާލައިފިއްޔާ ވެސް ހަމަނުވާނެ،" ވިކްޓްރީ އާއި މާޒިޔާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު ބުންޏެވެ.

"އެންމެ މުހިއްމީ ފުޓްބޯޅަ އާއިލާގެ ކުޅުންތެރިންގެ އިހުތިރާމާއި ލޯބި ލިބިފައިވުން. އެއީ އެހާ ފަސޭހަ ކަމެއް ނޫން. އިހުތިރާމާއި ލޯބި ލިބޭނީ ކަންތައްތަކެއް ސާބިތުކޮށްދެވިފައިވާތީވެ."

ސުޒޭން އޭނާގެ ބައްޕަ (ވ-2) އާއި ބޭބެ ގާނާ (ކ-2) އަދި ދެކޮއްކޮ ކަމަށްވާ ޝިނާ (ކ) އާއި ނަޒީހާ އެކު: ވިކްޓްރީ އަށް ނިސްބަތްވާ އާއިލާއެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން ބުނީ ދިވެހި ފުޓްބޯޅައިގެ ޅަފަތުގައި އޭރު އޮތް ހަމައެކަނި ޗެލެންޖަކީ ތަށި ކާމިޔާބުކުރުމުން ކަމަށްވާތީ ކުޅިވަރު ބާރު ބޭނުންކޮށްގެން އިތުރު ކަންތައްތަކެއް ހާސިލްކުރުމަށް ވުރެ އޭރު އެންމެން ވެސް އިސްކަން ދިނީ ކްލަބަށް ކާމިޔާބީ ހޯދައިދޭން ކަމަށެވެ. އެގޮތުން ފުޓްބޯޅައިން ގައުމަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ވެސް ބަދަލުވެގެން އައީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްއާ ހަމައިން ކަމަށާއި އޭގެ ކުރިން ބޭރުގެ މުބާރާތަކަށް ދާދިއުން ސިފަކުރެވިފައި އޮތީ ހަމައެކަނި ދަތުރެއްކޮށްލުމުގެ ގޮތުގައި ކަމަށް ސުޒޭން ބުންޏެވެ.

އެކަމަކު މިހާރު މިއޮތީ ކުޅިވަރަކީ ހަމައެކަނި ކުޅިވަރަކަށް ވުރެ ބޮޑަށް މީހުން ތަރުބިއްޔަތުކުރުމާއި މީހުން ބިނާކުރުމާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މީހުން ތަމްރީންކުރާ އެއްޗަކަށް ބަދަލުވެފައި ކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ސިފަކުރި ގޮތުގައި އެކަންކަން ބަދަލުވުމުގެ އަސްލަކީ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރާއްޖެ ރިހި މެޑަލް ހޯދުމެވެ. އެގޮތުން އެ ކާމިޔާބީއާ އެކު ދިވެހި ކުޅިވަރަށް ހާއްސަކޮށް ފުޓްބޯޅަ އަށް މި ސަރަހައްދުން އިހުތިރާމް ލިބުނު ކަމަށާއި އަދި މި ސަރަހައްދުގައި ފުޓްބޯޅައިގައި ރާއްޖެ ފެވިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އޭގެ ފަހުން ލިބުނު ކާމިޔާބީތައް ވެސް ހަމަ އެ މޯޓިވޭޝަނުގައި ފަހުން ލިބިގެން ދިޔައީ،" ސުޒޭން 2008 ގައި ވިކްޓްރީ އަށް ކޯޗުކޮށްދިންއިރު އެ ޓީމުގެ ޖެނެރަލް ސެކްރެޓަރީއަކަށް މަސައްކަތްކުރި މަރުޒޫގާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ރާއްޖޭގައި ޒުވާނުން ބިނާކުރުމުގައި، ބައެއް އިންސްޓިޓިއުޝަންތަކަށް ވުރެ ބޮޑަށް ހާއްސަކޮށް ބައެއް ސްކޫލްތަކަށް ވުރެ ވެސް ރާއްޖޭގެ ކްލަބްތަކުގެ ދައުރު އޮތް ކަމަށް ގަބޫލުކުރަންތޯ މަރުޒޫގު ސުވާލުކުރުމުން ސުޒޭން ބުނީ އެކަމާ ޝައްކެއް ނެތް ކަމަށެވެ. ސުޒޭން ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަކީ އޭގެ ޒާތުގައި ވަރަށް ޒުވާން ތަންތަން ކަމަށާއި އެފްއޭއެމް 1982 ގައި އުފެދުނު ނަމަވެސް ބައިނަލްއަގްވާމީ ފެންވަރުގެ އަސާސީ ގަވާއިދަކަށް ފައްތައިގެން ހިންގަން ފެށިތާ 15 އަހަރު ނުވާ ކަމަށެވެ.

"(އެހެންކަމުން) ހަގީގަތުގައި ދިވެހި ކުޅިވަރު މިހިސާބުގައި ހިފެހެއްޓި ބަޔަކީ ސީދާ ހަމަ ރާއްޖޭގެ ބޮޑެތި ކްލަބްތައް. ވިކްޓްރީ، ނިއު ރޭޑިއަންޓް ވެލެންސިއާ. އަދި ލެގޫންސްގެވެސް ދައުރެއް އެބައޮތް. ފުޓްބޯޅަ ރާއްޖޭގެ ލެވެލް ހިފެހެއްޓީ އެ ކްލަބްތައް. އަދި ފަހުން އިލްމީ މީހުން އައިސް ބައިނަލްއަގްޗާމީ މައިދާނުގައި ވެސް ރާއްޖެ އަށް ކުޅިވަރުގައި ކަންކަން ކުރެވޭނެކަމުގެ ވިސްނުން ގެނެސްދިން. ހަގީގަތުގައި އިލްމީ މީހުން އައިސް ކުޅިވަރު ބަދަލުކުރަން އެބަ މަސައްކަތްކުރޭ. މީގެ ތެރޭގައި ކުރިން ތިބި މީހުން ވެސް އެ މީހުންނަށް ލިބޭ މައުލޫމާތެއް ބޭނުންކޮށްގެން އެހީތެރިވެވޭ،" ސުޒޭން ބުންޏެވެ.

އެކަމަކު ސުޒޭން ބުނި ގޮތުގައި ދެރަކޮށް ދިމާވި ކަމަކީ، ކުޅިވަރުގެ މޫނުމަތި ބަދަލުކުރިއިރު ވެސް ފައިނޭންޝިއަލް ސަޕޯޓެއް ނުލިބުން ކަމަށާއި އެއްވެސް ކުޅިވަރަކަށް ބެލި ނަމަވެސް ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ އިންޓަނޭޝަނަލް އެންމެ ސްޓޭޑިއަމެއް ރާއްޖޭގައި ނެތް ކަމަށެވެ.

2 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 6%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

04 May 2020

ވިސްނިއްޖެ. ތިދައްކަވަނީ މުޅިއުމުރުދުވަސް އެޓީމެއްގެ ކޯޗްގެ ގޮތުގައި މަންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރެއްވެވި ކޯޗްގެ ވާހަކަ އެހެން ނޫންތޯ؟ .... އެންމެނަކަށް ނޭގޭނެ. އެކަމަކު ހާދަވަރަކަށް ސަޕޯޓްކުރާ ޓީމް ގަދަކުރަން މަސައްކަތް ކުރައްވަނީ..!

The name is already taken The name is available. Register?

ބޮނަންޓްރީ

03 May 2020

އަދިވެސް ކުޅިގަނޑު ހުއްޓާލާކަށް ނުވޭތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454