ކުޅިވަރު / މާޒިޔާ ސ.ރ.ކ

ކޮންޓްރެކްޓް ހަމަވެފައިވާތީ ސެކުލޮސްކީ ބޭނުމީ ގައުމަށް ދާން

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބެންގަލޫރުގެ އޮފިޝަލަކާ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާތީއާ އެކު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި އުނދަގޫ ވަގުތު އޭނާ ބޭނުންވަނީ ފުރުސަތު ލިބުނުހާ އަވަހަކަށް އެނބުރި ގައުމަށް ދާން ކަމަށް ބުނެފި އެވެ.

އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދު ވަނީ އެ ޓީމުގެ ބިދޭސީ ހަތަރު ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ހަމަވެފައިވާ ކަމަށް ބުނެފަ އެވެ. މާޒިޔާ އަށް ކުޅެމުން އައި ބިދޭސީ ކުޅުންތެރިންނަކީ އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ޑިފެންޑަރު މުހައްމަދު ޝަރީފްގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ. ރެކްސިއު ފްލައިޓެއްގައި އަޒީޒީ އާއި ޝަރީފް ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. އެކަމަކު ކޯނޭ އާއި ޕީޓާ ހުރީ ރާއްޖޭގަ އެވެ.

އެ ޝޯގައި ކޯޗު ސެކުލޮސްކީގެ ކޮންޓްރެކްޓާ ބެހޭގޮތުން މާޒިޔާ އިން ވާހަކަ ދައްކާފައިނުވި ނަމަވެސް އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ ހަމަވެފަ އެވެ.

ލޮކްޑައުންއެއްގައި އޮތުމުން ސެކުލޮސްކީ ވެސް މި ވަގުތު ހުރީ ރާއްޖޭގައި ތާށިވެފަ އެވެ. ރެސްކިއު ފްލައިޓެއްގައި ވެސް އޭނާ އަށް އެނބުރި ދެވެން އޮތީ މެސެޑޯނިއާގެ ބޯޑަރު ހުޅުވުމުންނެވެ. ސެކުލޮސްކީ "މިހާރަ"ށް ބުނީ ފުޓްބޯޅަ އަވަހަށް ފެށޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންވެ މި ވަގުތު އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށެވެ.

"އޭއެފްސީ ކަޕްގެ ތެރެއިން އަހަރެމެން ކޮންޓްރެކްޓް އާ ކުރަން ވާހަކަ ދެކެވުނު. އޭރު މެޗުތައް ދިޔައީ ކުޅެވެމުން. އެއީ މީގެ ދެ މަހެއްހާ ދުވަސް ކުރިން. މިހާރު މި އޮތީ އޭރުގެ ހާލަތެއް ނޫން. އޭރު އަހަރެމެން އިންތިޒާރުކުރީ އޭއެފްސީން މުބާރާތަށް (އޭއެފްސީ ކަޕަށް) ހަދާ ގޮތެއް ބަލަން. އެކަމަކު މިހާރު މި އޮތީ ގިނަ ގައުމުތަކެއް ލޮކްޑައުންގައި،" ސެކުލޮސްކީ ބުންޏެވެ. "މާޒިޔާއާ އެކު އަހަރެންގެ ކޮންޓްރެކްޓް ހަމަވެއްޖެ. މިހާރު އަހަރެން ބޭނުންވަނީ (މެސެޑޯނިއާ)ގެ ބޯޑަރު ހުޅުވީމަ އެނބުރި ގައުމަށް ދާން،"

މާޒިޔާ އިން ސެކުލޮސްކީ ދެ ވަނަ ފަހަރަށް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. ރަނގަޅު ޓްރެއިނިން ކޭމްޕްތަކަކަށް ފަހު ސެކުލޮސްކީ ވަނީ މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން އެފްއޭއެމުން ނިންމީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ.

ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބަލިކުރި އެވެ. އެ އަށް ފަހު ޕްލޭއޮފްގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު ކަޓުވާލައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ ޗެންނާއީ ސިޓީއާ މާޒިޔާ ވަނީ އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕް ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެންމެ އަވަހަށް ވެސް އެ މުބާރާތް ފެށެން އޮތީ އަންނަ ސެޕްޓެމްބަރުގަ އެވެ.

ސެކުލޮސްކީ އެންމެ ފުރަތަމަ 2017 ވަނަ އަހަރު މާޒިޔާގެ ކޯޗުކަމުން ވަކިވީ ވެސް ކޮންޓްރެކްޓް ހަމަވުމުންނެވެ. އެ ފަހަރު އޭނާ ވަނީ އެ ޓީމާ އެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނުގައި މާޒިޔާ އިން ފެނުނު ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް އަންނަ ސީޒަނުގައި އެ ޓީމުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ވަހީދު ވަނީ ބުނެފަ އެވެ. އެކަމަކު ބިދޭސީ ކުޅުންތެރިންގެ ކަންތައްތައް ހަމަޖެއްސުމުގައި އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެ ކްލަބުން ބުނެ އެވެެ.

ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން ގަވާއިދުން ކުޅުންތެރިންނަށް މުސާރަ ދީ އެންމެ ރަނގަޅަށް ހިންގާ ކްލަބަކީ މާޒިޔާ އެވެ. "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން މާޒިޔާ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ ލޮކްޑައުންގެ މި އުނދަގޫ ހާލަތުގައި ވެސް މާޒިޔާގެ މެނޭޖްމަންޓުން ކުޅުންތެރިންގެ ހާލު ބަލައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 25%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަަަަަައާނާ

28 May 2020

ކޮން ދުވަހަކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454