މި އަހަރުގެ ގައުމީ ބޮޑީބިލްޑިން މުބާރާތް ނުބާއްވާނެ

އަންނަ މަހު ބާއްވަން ތާވަލުކުރި 19 ވަނަ ގައުމީ ބޮޑީބިލްޑިން މުބާރާތް (މިސްޓަ މޯލްޑިވްސް) މި އަހަރު ދެން ނުބާއްވާ ގޮތަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ނިންމައިފި އެވެ.


ކޮވިޑް-19 ފެތުރޭތީ މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ސަބަބުން މި އަހަރު ސެޕްޓެމްބަރު މަހު މާފުށީގައި ބާއްވަން ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި ބީބީއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ބޮޑީބިލްޑިން މުބާރާތާއި ގައުމީ ބޮޑީބިލްޑިން ސްކޮޑު ނެގުން ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.

ބީބީއޭއެމް އިން ބުނީ ގައުމީ މުބާރާތާއި ގައުމީ ސްކޮޑު ނެގުން އަންނަ އަހަރަށް ފަސްކުރަން ނިންމީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާގެ ލަަފަޔާ އެކު ބީބީއޭއެމްގެ ބޯޑުން ކަމަށެވެ.

ކުރިން މަސައްކަތްކުރީ މިދިޔަ އޭޕްރީލް މަހު ގައުމީ ސްކޮޑު ނެގުމަށާއި ޖުލައި 17 ވަނަ ދުވަހު ގައުމީ މުބާރާތް ބާއްވާށެވެ. އެކަމަކު ބީބީއޭއެމް އިން މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އަހަރުގެ މާޗް 21 ވަނަ ދުވަހު ގައުމީ ބޮޑީބިލްޑިން މުުބާރާތް ބޭއްވުމަށެވެ. އަދި ގައުމީ ސްކޮޑުން ނެގުން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް ދެ ވަނަ ދުވަހަށެވެ.

އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ފުރަތަމަ ހަފްތާގަ އެވެ.

ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެންމެން އެއްބާރުލުން ދޭން ޖެހޭ ކަމަށް ބީބީއޭއެމް އިން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ދާދިފަހުން ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ވަގުތަށް ބަލާއިރު މި އަހަރު ކުޅިވަރު މުބާރާތްތައް ބާއްވަން ސިއްހީ ބޭފުޅުން ގަޔާނުވާ ކަމަށެވެ. އަދި ސީދާކޮށް މުބާރާތްތައް ފެށޭނެ ތާރީހެއް ބުނަން ވެސް އުނދަގޫ ކަމަށާއި އެކަމަކު ނިއު ނޯމަލްގެ ގައިޑްލައިންތަކުގެ ތެރެއިން އެހެން ކަންތައްތައް ކުރަން ވެސް ޖާގަ ލިބެމުންދާ ގޮތަށް ކުޅިވަރު މުބާރާތްތައް ބޭއްވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.