02 ޖުލައި 2020 - 09:36
ފަސްކޮށްފައިވާ އެފްއޭއެމްގެ އިންތިހާބު މިއަދު އޮންނާނެ ކަމަށް، ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީއަކުން ހާމަވެއްޖެ އެވެ.
އެކަމަކު އިންތިހާބު އޮންނަ ކަމެއް އެފްއޭއެމުން މިހާތަނަށް މީޑިއާތަކަށް އަންގާފައެއް ނުވެ އެވެ. އަދި އެކަން ސާފުކުރަން "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވި އެވެ.
އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން އެފްއޭއެމުން އިއުލާންކުރީ ފެބްރުއަރީ މަހު އެވެ. އޭރު ތާވަލުކުރީ މާޗު 20 ވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑް-19 ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ފަސްކުރީ އެވެ. ފަހުން ބައްސާމް ވިދާޅުވީ އިންތިހާބު މިދިޔަ މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ.
އެކަމަކު، ފަހުން ތަފްސީލެއް ނުދީ އޮއްވާ މިއަދު ބާއްވާކަން އެނގުނީ ފީފާގެ ފަރާތުންނެވެ. އެއީ އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅާފައިނުވާތީވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން އެފްއޭއެމަށް އިއްޔެ ދިން ޖަވާބުގަ އެވެ.
ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަކީ އެތަނުގެ މައްސަލަތައް ކުރިއަށްގެންދަން ޖެހޭނީ މިނިވަންކަމާ އެކު އަދި ތިން ވަނަ ފަރާތެއްގެ ނުރަނގަޅު ނުފޫޒުއް ނެތިކަމަށް ހަނދާންކޮށްދީ އެ ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް ޖުލައި 2 ވަނަ ދުވަހު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން އެތަނުން ވަނީ ހިތްވަރުދީފަ އެވެ.
އާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މި ގަރާރަށް ބަހުސްކުރުމަށް ފަހު ވަނީ ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
"މިހާރަ"ށް ކޮޕީއެއް ލިބިފައިވާ، އެފްއޭއެމުން ކްލަބަކަށް ފޮނުވި ސިޓީއެއްގައި ވަނީ މިއަދު ހަވީރު 4 ޖަހާއިރު އެފްއޭއެމް ހައުސްގައި ކޮންގްރެސް އޮންނާނެ ކަމަށް އަންގައިފަ އެވެ. އަދި ކޮންގްރެސް ބޭއްވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާ މިންގަނޑަށް އެންމެހާއި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އޭނާ އަށް ރާއްޖޭގެ ބައެއް ކްލަބްތަކާއި ފުޓްބޯޅައިގެ ހަރަކާތްތެރިން ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ އާއި އޭނާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާތީވެ ބެލެވިފައި އޮތީ ބައްސާމާ އިދިކޮޅަށް ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ.
ބައްސާމަށް ފުރަތަމަ ޑިވިޝަނުން ތާއީދުކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީންސްޓްރީޓް އަދި ކްލަބް އީގަލްސް އެވެ. ދެ ވަނަ ޑިވިޝަނުން ތާއީދުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
ވޯޓަށް އަހާނީ ބައްސާމް އަދި އޭނާ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުއްވި ޓީމަށް އެއްކޮށެވެ. އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ބައްސާމް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ. މިހާރުގެ ނައިބް ރައީސް އަދި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އަށް މި ފަހަރު ޖާގައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުވައިސޫރި
02 July 2020
ފީފާ އިންވެސް ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުން ބާރުލިބިގެން މިނިސްޓީއިން އެކުލަވާލާފާވާ ގަވާދައް އިހުތިރާމް ކުރަންޖެހޭނެ ރާއްޖޭގެ ފުޓްބޯޅައަކީ ބައްސާމުގެ މިލްކަކައްވެގެންނުވާނެ އަދި މިނިސްޓުރީގެ އެއްވެސް ބަހެއްނުހޯދާ ބައްސާމް އަމިއްލަޔައް ކަންތައް ނިންމްމަކީ ސަރުކާރައް ބޯނުލެބުން މިކަމާދައުވާކުރެވެންޖެހޭނެ
ސީޒަން ޖެކްޝަން
02 July 2020
ފުޓުބޯޅައަށް ބޭނުންވަނީ ބައްސާމުނޫންމީހަކު! ކުޅިވަރު ވަޒީރަކަށް ބޭނުންވަނީ މަހުލޫފުނޫން މީހަކު!
ބޮން
02 July 2020
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ ގޮތުގައި ފުރަތަމަ ޑިވިޝަނުގެ ބައެއް އިސްވެރިން ތިބުމުން އެ ކޮމެޓީގެ ނިންމުންތައް ވަކިކޮޅަކަށް ނުޖެހޭނެބާ؟ އެގްޒެކެޓިވް ކޮމެޓީގައި ތިބުން ރަގަޅީ ފުޓްބޯޅައިގެ ތެރޭގައި އުޅެފައި ރިޓަރޔަޑް ކޮށްފައިވާ ތަޖްރިބާކާރުން.
ހަކީމް
02 July 2020
ބައްސާމް ނޯސް ހައުޓު ޕްލޭ ދިސް ގޭމް ... މަޝްހޫރު ބްރޯ ގެ ދަރިވަރެއް ، ޔާމީން ބެކިން އަބަދުވެސް ލިބޭ. ރާއްޖޭގެ ފުޓުބޯޅައިގެ ވެއްޓުމަކީ ފުޓްބޯޅަ ސިޔާސީ ކުޅިގަނޑުގެ ތެރެޔަށް ވައްދާ ޓީމްތަށް ސިޔާސީ މީހުން ކުޅޭކުޅޭ އެއްޗަކަށް ހެދުން.
މޮސް
02 July 2020
ބޭރުކުރޭ. ސަސްޕެންށަނަކުން ދިވެހި ފުޓުބޯޅައަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ބަންސާމް ހުރެގެންވަމުންދަނީ!
ބްލެޓަރ
02 July 2020
އެފްއޭއެމްއަކީ ފީފާއިން ހިނގާ ބޮޑު ކޮރަޕްޝަން ގަނޑެއް. ފީފާ އަކީ ކޮރަޕްޝަންއާ ވަރަށް ރައްޓެހި މުއައްސަސާއެއް.
ބީފާ
02 July 2020
ބޭރުގެ ނުފޫޒު ދިވެހިންގެ ކަންކަމަށް ފޯރުވިގެން ނުވާނެ!
ރަދީފްއޮފިޝިއަލް
02 July 2020
ގަނޑުކޮށް ވޯޓް ނަގާގޮތަށް ތޯ؟؟؟!
މުލޭ
02 July 2020
އެއީ ސިޔާސީ ޕާޓީއަކުން ދަސްކޮށްދިން ގޮތެއް.