ކުޅިވަރު / ބައްސާމް

އިންތިހާބު ބާއްވައި، ބައްސާމް ރައީސަކަށް ހޮވައިފި!

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް މިއަދު ކުރިއަށްދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، އެފްއޭއެމުން މިއަދު ހަވީރު އިންތިހާބީ ކޮންގްރެސް ބާއްވައި، މިހާރު ވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެ މަގާމަށް އަލުން ހޮވައިފި އެވެ.

ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

އެފްއޭއެމް ހައުސްގެ ޓެރަހުގައި ބޭއްވި މި ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ދައުވަތު ނުދީ އެވެ. އެއީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އެއްކުރެވެން ނެތުމުންނެވެ. އެކަމަކު ކޮންގްރެސް އެފްއޭއެމްގެ ފޭސްބުކް ޕޭޖުން ދިޔައީ ލައިވްކުރަމުންނެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފީފާ އާއި އޭއެފްސީގެ މަންދޫބުން ދިޔައީ ބަލަމުންނެވެ.

އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް މިއަދު ކުރިއަށްދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެފްއޭއެމްގެ އިންތިހާބު ނުބާއްވަން މިނިސްޓްރީން މިއަދު އެދުނީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން، މިނިސްޓްރީގައި އެ ކޮމިޓީން އެދުނު އެދުމުންނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އަންގާރަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ އިއްޔެ އިންޒާރުކޮށްފަ އެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން އެތަނުން ވަނީ ހިތްވަރުދީފަ އެވެ.

އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އޭނާ އަށް ރާއްޖޭގެ ބައެއް ކްލަބްތަކާއި ފުޓްބޯޅައިގެ ހަރަކާތްތެރިން ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ އާއި އޭނާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާތީވެ ބެލެވިފައި އޮތީ ބައްސާމާ އިދިކޮޅަށް ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ.

ބައްސާމްގެ ފެށުމާއި މިހިސާބަށް ކުރި ދަތުރު

ކްލަބް ވެލެންސިއާ ހިންގެވުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅަ ހިންގެވުމުގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމަށް އިންތިހާބުވި ހިސާބުންނެވެ. އޭގެ ކުރިން ބައްސާމް ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި ވެސް ހަރަކާތްތެރިވި އެވެ.

ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގަން ހަވާލުވެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ދިނުމުންނެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ޝަވީދު ފަހުން މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަތުމުން 2016 ވަނަ އަހަރުގެ ކުރީކޮޅު ބައްސާމް އެ ކޮމިޓީގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު.

އަދި އެ އަހަރުގެ އިންތިހާބުގައި ޝަވީދު އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަން ތައްޔާރުވިއިރު ބައްސާމް ހުންނެވި އޭނާއާ އެކު އެވެ. އެކަމަކު ދެން ކުރިމަތިލެއްވި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އާއި ޝަވީދު ފަހުން އެއްކޮށް އިންތިހާބުގައި ވާދަކުރަން ނިންމައި އިންތިހާބު ކާމިޔާބުވުމާ އެކު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބައްސާމް އަލުން އައްޔަންކުރީ އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް ޓޮމް ވަނީ ބައްސާމް އެ މަގާމުން ވަކިކޮށްފަ އެވެ. އެއާ އެކު އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރުން ކަމަށްވާ ނައިބް ރައީސް އަލީ އުމަރާއި ޝަކީބާއި އާއި މުހައްމަދު އީސާ (މޯ) އާއި ނާޒިމާ އަދި އައްސަދު އަބްދުލްގަނީ އިސްތިއުފާ ދެއްވީ އެވެ. ނަތީޖާއަކަށްވީ އެގްޒެކެޓިވް ކޮމިޓީ އުވުމެވެ.

ފަހުން ފީފާ އިން ވަނީ ބައްސާމް މަގާމުން ވަކިކުރީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އޭނާ އަށް އަލުން އެ މަގާމް ދޭން އަންގައިފަ އެވެ. އެއާ އެކު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަލުން އިންތިހާބުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ ޒިންމާއާ ބައްސާމް ހަވާލުވާން ޖެހިވަޑައިގަތީ އެވެ.

އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ބޭއްވި އާ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި 14-11 ވޯޓުން ބައްސާމް އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ޓޮމްއާ ވާދަކުރައްވައި ކުރި ހޯއްދަވަން، ޔާމީންގެ ކޮއްކޯފުޅެއް ކަމަށްވާ ބައްސާމް ބޭނުންކުރެއްވި އެއް ހަތިޔާރަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މަޖިލިސް މެމްބަރުންތަކެއް އެގްޒެކެޓިވް ކޮމިޓީގައި ހިމެނުއްވުމެވެ. އޭގެ ތެރޭގައި ސީނިއާ ނައިބް ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފާއި ކޮމިޓީ މެމްބަރުންގެ ގޮތުގައި މުހައްމަދު އަލީ އާއި އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހުސެއިން ޝަހުދީ އާއި މުއާޒް މުހައްމަދު ރަޝީދާއި އަލީ ޝާހު އެފްއޭއެމްއާ ގުޅިވަޑައިގަތެވެ.

ބައްސާމުގެ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ. އަންހެން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. އެހެން އުސްއަލިތަކަށް ބަލާއިރު ސަރުކާރުގެ އެހީއާ އެކު ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ އިތުރުން ޖޫނިއާ އާއި ޔޫތު ފެންވަރުގައި ގައުމީ ޓީމުތަކަށް ފުރުސަތު އިތުރުކޮށްދީ އަދި އަތޮޅު މުބާރާތުގެ ފެންވަރު ވެސް މަތިކުރި އެވެ.

އެކަމަކު ތަފާތު ސަބަބުތަކާ ހެދި ފަހުން އައިސް އާއްމުންގެ ނުރުހުން އަމާޒުވާން ފެށި އެވެ. އޭގެ ތެރޭގައި ބައެއް މުބާރާތްތައް ނެތުމާއި ކަލަންޑަރު ރަނގަޅަށް ނުރޭވި، ކްލަބް ފުޓްބޯޅައިގެ ފޯރިކެނޑުމާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުމާއި ގައުމީ ޓީމުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމުގައި އެފްއޭއެމްގެ ނުފޫޒެއް އޮތް ކަމަށް ތުހުމަތުކުރެވުން ހިމެނެ އެވެ.

މީގެ ތެރެއިން އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން، މި ސަރުކާރުން ވެރިކަމަށް އައިސް 2018 ވަނަ އަހަރުގެ ފަހުކޮޅު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ފެށްޓެވި އެވެ. އެފްއޭއެމުން އެކަމާ ހިތްހަމަނުޖެހި، އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނަ އެވެ. އެއާ އެކު އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ދީފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވާހަކަދައްކަވަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެން ފެނުނީ ބައްސާމާއި އެގްޒެކެޓިވް ކޮމިޓީ މެމްބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ބައެއް ކްލަބްތަކުން ތައްޔާރުވިތަނެވެ. އެގޮތުން އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ސިގްނަލެއް އެންމެ ފުރަތަމަ ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަހުލޫފެވެ. އޭނާ އެހެން ވިދާޅުވީ، ސަރުކާރުގެ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކައި، އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މަހުލޫފު މަސައްކަތްކުރައްވަމުން އަންނަ ކަމަށް އެފްއޭއެމުން ބުނިތާ މާގިނައިރުތަކެއް ނުވަހީހެވެ.

ނިއު ރޭޑިއަންޓުން އިސް ނަގައިގެން ކުރަން ފެށި އެ މަސައްކަތުގެ ސިގްނަލެއް މަހުލޫފު ދެއްވި ދުވަހާ ވިދިގެން އައި ދުވަހު އެފްއޭއެމުން ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް ބުނެ ނިއު ސަސްޕެންޑްކޮށްފަ އެވެ. ނިއު އިން ތުހުމަތުކުރި ގޮތުގައި ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުމުން އެކަން ހުއްޓުވަން ކަމަށެވެ.

ކްލަބްތަކުން ބައްސާމާ ދެކޮޅަށް ހުށަހެޅި ކަންކަމުގެ ތެރޭގައި އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި އެތަން ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަން ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އެހެން ނުކުތާތަކުގެ ތެރޭގައި އަސާސީ ގަވާއިދާ އެއްގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވުމާއި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ސަރަހައްދީ އޮފީސްތައް ނެހެދުމާއި މުހިއްމު މުބާރާތްތައް ނުބޭއްވުން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ޖާގަތައް ގެއްލުމުގައި އެފްއޭއެމްގެ ފަރުވާކުޑަކަން އޮތްކަމަށް ތުހުމަތު ކުރެވުމާއި ފުޓްބޯޅައާ ގުޅުން ހުރި މުހިއްމު ނިންމުންތައް އެގްޒެކެޓިވް ކޮމިޓީ އާއި ކްލަބްތަކުގެ ބަހެއް ނެތި ނިންމުން ހިމެނެ އެވެ.

އެ ދުވަސްވަރު ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީ ހިންގަވަމުން ގެންދެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި 2017 އާއި 2018 ގައި ސަރުކާރު ކުންފުނިތައް މެދުވެރިވެގެން ކްލަބްތަކަށް ގިނަ ފައިސާތަކެއް ހަރަދުކުރެވިއްޖެ ކަމަށާއި އެކަމަކު އޭގެ އެއްވެސް ފައިދާއެއް ނުކުރާ ކަމުގެ ހެއްކަކީ މިހާރު ރާއްޖޭގެ ކްލަބްތައް ބަނގުރޫޓުވެފައި އޮތުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތައް މެދުވެރިކޮށް ހުރިހާ ކުޅިވަރަކަށާއި ހާއްސަކޮށް ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް އަންނަ ގޮތަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.އަދި އޭނާ ވަނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ ޕާޓީގެ އޮފީހެއް ހުޅުވި މައްސަލަ އާއި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ އޮފީސް ސަރަހައްދަށް ފުލުހުން ވަންނަން ޖެހުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ހިނގައިދިޔަ ސްކޭންޑަލްގެ (އެމްއެމްޕީއާރްސީ ހިޔާނާތުގެ) ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނީމަ. އެއީ ފީފާ ސްޓެޓިއުޓްސްގައި އޮންނަ އެއްޗެއްތޯ. އަޅުގަނޑުމެންގެ ގައުމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި އެފްއޭއެމް ތެރެއިން ކަޅު ދަބަސްތައް ނެރުނު. އެކަން ފުލުހުންނާއި ތަހުގީގީ އިދާރާތަކުން އޮޅުން ފިލުވަންވީނޫންތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.

މަހުލޫފު އޭގެ ކުރިން "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދިނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް: މިއީ އޭނާ އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ދެ ވަނަ ދައުރު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ކަންތައްތައް ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތްކުރި ނިއު ކުއްލި ގޮތަކަށް ސަސްޕެންޑްކުރުމުން އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މަސައްކަތާ ހަވާލުވީ ވިކްޓްރީންނެވެ. އެކަމަކު ވިކްޓްރީން ހުށަހެޅި ލިޔުމުގައި، ގާނޫނީ އަދަދު ހަމަނުވާ ކަމަށް ފީފާ އިން ބުނުމުން އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އެވެ. އަދި ފަހުން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް އެފްއޭއެމްއާ ސުލްހަވީ އެވެ. އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އަދި މަހުލޫފާއި އަލީ ވަހީދު ވެސް ހިމަނުއްވައިގެން އެފްއޭއެމުން ގައުމީ ޓީމު ކޮމިޓީއެއް ހަދައި ގުޅިގެން މަސައްކަތް ފެށި އެވެ. އެ ދުވަސްކޮޅު ފުޓްބޯޅަ ކަންކަމުގައި އެންމެ އިސް ސަފުގައި ހުންނެވީ ވެސް އަލީ ވަހީދެވެ.

އެކަމަކު އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލުމާ އެކު އަލީ ވަހީދު އަނެއްކާ ވެސް ފެންނަން ފެށީ ތަންކޮޅެއް ދުރުންނެވެ. އެކަމަކު މަހުލޫފު ގެންދެވީ އެފްއޭއެމްއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އަދި މި އިންތިހާބަށް ސަރުކާރުން ކެންޑިޑޭޓަކު ނެރެން މަސައްކަތްކުރި ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ އަލީ ވަހީދު ވެސް ވާހަކަތައް ދެކެވެން ފެށި އެވެ. ދެން އިވިގެން ދިޔައީ އެފްއޭއެމުން ކުއްލި ގޮތަކަށް އިންތިހާބު އިއުލާންކުރި އަޑެވެ.

އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން އެފްއޭއެމުން އިއުލާންކުރީ ފެބްރުއަރީ މަހު އެވެ. އޭރު ތާވަލުކުރީ މާޗު 20 ވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑް-19 ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ފަސްކުރީ އެވެ. ފަހުން ބައްސާމް ވިދާޅުވީ އިންތިހާބު މިދިޔަ މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ. އެކަމަކު، ފަހުން ތަފްސީލެއް ނުދީ އޮއްވާ މިއަދު ބާއްވާކަން އެނގުނީ ފީފާގެ ފަރާތުންނެވެ. އެއީ އާޒިމް މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން އެފްއޭއެމަށް އިއްޔެ ދިން ޖަވާބުގަ އެވެ.

40 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިރަށުއައްމަޑޭ

03 July 2020

ދިވެހި ފުޓުބޯޅަ 50 އަހަރު ފަހަތަށް. އަތްޖަހާ ކަހަލަ؟

The name is already taken The name is available. Register?

ފޫހި

02 July 2020

ރައީސް ކަމަކީވާ ފައިދާބޮޑު ކަމެއް. ދިވެހި ސަރުކާރާއި ރާއްޖޭގެ ގާނޫނުތައް ނުހިނގަންޏާ ދައުލަތުން އެއްވެސް އެހީއެއް މިއެސޯސިއޭޝަނަށް އަދި މިކަމަށް ތާއީދުކުރި ޓީމުތަކަށް ނުދިނީމަ ސައިޒްވާނެ. ޢަދި ފީފާއަށްވެސް ރާއްޖޭގެ ގާނޫނާ ހިލާފަށް ތިޔަކަން ކުރާކަށް ނޭންގޭނެ.

The name is already taken The name is available. Register?

ކަޓޭ

02 July 2020

ކުޅިވަރުގެ ތެރެއަށް ފައިސާގެ ނުފޫޒު ފޯރުވުން މީ ހިތާމަހުރިކަމެއް. ފައިސާ ފައިސާ ފައިސާ.

The name is already taken The name is available. Register?

އައްޔު 123

02 July 2020

ފުޓްބޯޅަ އަށް އަދި އަވި ދިއްލޭނެ..ބައްސާމް އާއި އެކީ އެނެއްކާވެސް އަނދިރިކަން ފެންނަނީ..އޭނަ މުޅި ފުޓްބޯޅަ ހިސޯރުކޮށް ފުޓްބޯޅަ ހަލާކުކޮށްލައިފި.

The name is already taken The name is available. Register?

ދޫނި

02 July 2020

މަހުލޫފް ގެ ސައިޒު އެ ދަށްކާލީ.

The name is already taken The name is available. Register?

އާރީ

02 July 2020

މަހުލޫފް އިސްތިއުފާ

The name is already taken The name is available. Register?

ާއެންޑިޔޫ

02 July 2020

ދިވެހި ފުޓްބޯޅަ ހަލާކުޥީތި އަނެއްކާ!!!

The name is already taken The name is available. Register?

ބެރުދުންމާރި

02 July 2020

ވޯޓުގައި ގިނައީ ގޭންގްކުދިންދޯ

The name is already taken The name is available. Register?

ހަކީމް

02 July 2020

ބޮޑު ސުވާލަކީ ފުޓުބޯޅަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ރުހުން ބޭނުންތޯ ނުވަތަ ނޫންތޯ.

The name is already taken The name is available. Register?

މޮހުރުކަލީ

02 July 2020

އިންފަންޓިނޯއައް ވޯޓް ދިނަސް މި ބޮޑު ވަރު. ފިޔަވަޅު އެޅިޔަސް އެބަޖެހޭ މިކަން ހުއްޓުވަން. ފީފާ ވޯޓަށް އަނެއްކާ ޑީލެއް ހަދާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454