މިދިޔަ އަހަރު ފީފާގެ އޮފިޝަލަކާ އެކީ އެފްއޭއެމްގެ ރައީސް ބައްސާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: މިހާރު
04 ޖުލައި 2020 - 11:00
އެފްއޭއެމްގެ ފާއިތުވި 20 އަހަރުގެ ފުރިހަމަ އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށް އެ އިދާރާގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ހަވީރު އެފްއޭއެމްގެ ހައުސް ޓެރަހުގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޮޑިޓެއް ކުރުމުގެ ބޭނުމަކީ އެފްއޭއެމްގެ އަގު ހިފެހެއްޓުން ކަމަށެވެ.
"އެފްއޭއެމްގެ ކްރެޑިބިލިޓީ ހިފެހެއްޓުމަކީ އެފްއޭއެމްގެ ރައީސެއްގެ މަސްއޫލިއްޔަތުގެ ތެރެއިން އަޅުގަނޑު އަދާކުރަންޖެހޭ ކަމެއް. އެހެންކަމުން މިއީ 2020 ވަނަ އަހަރު ކަމުގައިވާތީ ނިމިދިޔަ 20 އަހަރުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް އަޅުގަނޑު އިންޓަނޭޝަނަލް އޮޑިޓް ފާމަކާ ހަވާލުކުރާނެ ވާހަކަ ތި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން،" ބައްސާމް ވިދާޅުވި އެވެ.
ފަހަކަށް އައިސް ބޭއްވުނު އެފްއޭއެމްގެ ކޮންމެ އިންތިހާބަކަށް ފަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިންތިހާބުވާ ރައީސަކަށް އަމާޒުވާ އެއް ސުވާލަކީ އޮޑިޓެއްކުރުމަށް ފަހު ކަންތައްތައް ރަނގަޅު ކުރުމުގެ ވިސްނުމެއް ހުރިތޯ އެވެ. އެއީ އާންމުންގެ މެދުގައި އެފްއޭއެމާ މެދު ގިނަ ވާހަކަ ތަކެއް ދެކެވޭތީ ކުރެވޭ ސުވާލެކެވެ.
ބައްސާމް ވިދާޅުވީ އިންތިހާބުވި ހުރިހާ ރައީސުންގެ ދައުރުގައި ހިނގާފައިވާ ކަންތައްތައް އޮޑިޓްކުރެވިގެންދާނެ ކަމަށެވެ.
"އިންތިހާބު ވެގެން އައިސް ތިބި ހުރިހާ ރައީސުންގެ ދައުރުތަކުގައި ހިނގާފައި ހުރި ހުރިހާ ކަންތައްތަކެއް އެ އޮޑިޓްގައި ކުރެވިގެންދާނެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ އިންތިހާބީ ރައީސް. އޭގެ ދެ ވަނަ ރައީސް. ތިން ވަނަ ރައީސް. ހަތަރު ވަނަ ރައީސް އަދި އަޅުގަނޑުގެ ދައުރު ވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ. އަޅުގަނޑު ޔަގީންކަން އަރުވަނީ އެފްއޭއެމަކީ ކޮރަޕްޝަނުގެ ނުބައި އަމަލުތަކުން ދުރުވެފައި އޮތްތަނެއް ކަމުގެ ޔަގީންކަން އަރުވަން. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ކުރިއަށްދާނީ އެފްއޭއެމްގެ ސްޓެޓިއުޓްސްއާ އެއްގޮތަށް،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިހާބީ ރައީސުންގެ ތެރޭގައި ބައްސާމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ އާޒިމް އާއި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ.
ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ޒަމާންތަކަކަށް ފަހު މިދިޔަ ދެ އަހަރު އެފްއޭއެމްގެ މާލީ ހާލަތު ރަނގަޅުވެ ރިޕޯޓްތަކަށް ބަލައިފިނަމަ ނިންމާލީ ފައިދާގައި ކަމަށާއި އަދި އަހަރުން އަހަރަށް އޮތް ދަރަނިތައް ވެސް ބޮޑުތަނުން މަދުކުރެވިފައިވާ ކަމަށެވެ.
"ވަރަށް ޒަމާނުއްސުރެން އެކުވަމުން އެކުވަމުން އައި ދަރަނިތަކެއް ހުރި އަޅުގަނޑުމެން މިހާރު ވާނީ ވަރަށް ގިނަ ދަރަނިތަކެއް ވެސް އަދާކުރެވިފައި އެހެން ނަމަވެސް އަނެއްކާވެސް ބެކްލޮގްވެފައި ހުންނާނެ ކަމަށް މި ގަބޫލުކުރަނީ. ބައެއް ދަރަނިތައް އެބަހުރި މިހާރު އަޅުގަނޑުމެންގެ ދަރަނިތައް އެހާ ބޮޑެއް ނުވާނެ. އިރާދަކުރެއްވިއްޔާ މި ހަތަރު އަހަރު ތެރޭ ކޮންމެ އަހަރެއްގެ ބަޖެޓްގެ ތެރެއަށް އަޅުގަނޑު އިންނާނީ ދަރަނި އަދާކުރަން ވަކި އަދަދެއް ކަނޑައެޅިފައި. އިރާދަކުރެއްވިއްޔާ އެ ދަރަނިތައް އަދާކުރަމުންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުލިބި ހުރި ފަރާތްތަކަށް އެ ދަރަނިތައް މިހާރު ދައްކާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އޭނާ އަކީ ފުޓްބޯޅަ އާއިލާ އަކުން އައި އަދި ފުޓްބޯޅަ އަށް ވަރަށް ބޮޑު ލޯތްބެއް ހުންނަ ފަރާތެއް ކަމަށާއި އެހެންކަމުން ފުޓްބޯޅަ އަށް ގެއްލުމެއް ވިޔަ ނުދޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސަކަށް އޭނާ އެކަނި ކުރިމަތިލައިގެން ހޮވުނު ކަމުގައި ވިޔަސް ހަގީގަތުގައި އޭނާ އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ރަނގަޅު ކުރަން ހުރި މަސައްކަތްތައް ކުރުން ކަމަށެވެ.
"މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ޓީމު އެކަނި ކުރިމަތިލިއެއް ކަމަކު އަޅުގަނޑު އަބަދުވެސް ދަންނަވަމުންދާ ވާހަކައެއް އަޅުގަނޑުމެންގެ އޮޕޮޒިޝަނަކީ އިންސާނެއް ނޫނޭ. އަޅުގަނޑުމެންގެ އޮޕޮޒިޝަނަކީ ފުޓްބޯޅައިގައި ހުރި ކަންތައްތައް އިސްލާހުކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް މިކުރާ މަސައްކަތް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ އިއްޔެގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަޑިމޭން
05 July 2020
އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުލިބި ހުރި ފަރާތްތަކަށް އެ ދަރަނިތައް މިހާރު ދައްކާފައިވާ ކަމަށް ބައްސާމް ބުނާއިރު 2016 ވަނަ އަހަރު ލީގް ޗެމްޕިަން ކަން ހޯދާ ޓީމަކަށް ދޭން ބުނި 3މިލިއަން ރުފިޔާ އެއަހަރު ލީގު ހޯދި ނިއުރޭޑިއަންޓަށް ނުދީ، ދޮގާ މަކަރާއި އޮޅުވާލުމުގެ ތެރެއިން ލީގު ހޯދުމުން ލިބޭނީ 3ލައްކަ ރުފިޔާކަމަށް ބުނެ އެފައިސާ ނިއުރޭޑިއަންޓަށް އަދިވެސް ނުދޭ
Happy
05 July 2020
ޢަޅެ މީނަނޫން މީޙަކު ނެތީތަހަމަ!!?
އިސްމާލު
05 July 2020
20 އަހަރުގެ އޮޑިޓެކޭ؟ ހަމަހޭގަތަ ތިޔަހުރީ؟ ތިޔަ އޮޑިޓް ނުނިމޭނެ ޤަރުނެއްވާއިރުވެސް. ފާއިތުވެދިޔަ ފަސްއަހަރުގެ ރިސްކީ ސްޕެސިފިކް އެކައުންޓްތަކުގެ ރިވިއުއެއްކޮށްފައި، ފާއިތުވެދިޔަ އަހަރުގެ އެކްސްޓާނަލް އޮޑިޓެއް ކުރުން އެންމެ ފީޒިބަލްވާނީ. މީގެ ކުރިން އޮޑިޓެއް ކޮށްފައި ވަނީނަމަ ރިކޮމެންޑެޝަންސް އިމްޕްލައި ކުރެވުނު ބަލާލުންވެސް ރަނގުޅުވާނެ.
މައުރީސ
04 July 2020
ވެލެންސިޔާގެ އޮޑިޓެއް ހަދާބަލަ
އާންމު މީހެއް
04 July 2020
"އަޅުގަނޑު ޔަގީންކަން އަރުވަނީ އެފްއޭއެމަކީ ކޮރަޕްޝަނުގެ ނުބައި އަމަލުތަކުން ދުރުވެފައި އޮތްތަނެއް ކަމުގެ ޔަގީންކަން އަރުވަން." އޮޑިޓެއް ނުކޮށް މިހެން ބުނުމުން އޮޑިޓުގެ ނަތީޖާ ވަރަށް ސާފު.
ނަން
04 July 2020
އެފްއޭއެމް މީ ކިހިނެއްވާތަނެއްތަ؟ އަބަދު ޚަބަރުން ފެންނާނެ. ކޮންމެވެސް މީހަކު ކިޔާލަދީފާނަންތަ މީ ކިހިނެއްވާ ތަނެއްކަން. ޚަބަރުތަކުން ވަރަށް ފޯރިހުރޭ. މާ ގިނައިން ލާރިލިބޭ ތަނަކީތަ؟ ނޫނީ މާ ނުފޫޒު ގަދަ ތަނަކީތ؟ ނޫނީ ގޭންގްތަކުން ހިންގާ ތަނަކީތަ؟
މުލޭ
05 July 2020
ނިންމާލަމުން ބުނެފައޮތް ވާހަކަ ރަނގަޅުހެން ހީވަނީ.
ނޫވިލު
04 July 2020
އަނެއްކާ ތިޔަފަށަނީ އަނެއްކަންތައް. ބޭނުމަކީ މިހާރު ބައްސާމޭކިޔައިގެން ވާހަކަދައްކާ އަނގަތައް ބަންދުކޮށް ބިރުގެންނެވުން. ކޮންމެ ބަޔަކު މަގާމަށްއަރާފާ މިއޮންނަނީ އަނެކާގެ ބަނޑުފެޅުން.
އޭސީސީ އައް
04 July 2020
އޮޑިޓް ކުރިޔަސް އެމްއެމްޕީއާރުސީ މައްސަލަ ލަހެއްނުވެ ބަލާނެ ހަމަ ޔަގީން
ފޫގި
04 July 2020
ތިޔަ އޮޑިޓުން ބައްސާމުމެން ވޯޓް ލީގޮތާއި އެއަށް ލިބުނު ފައިދާ އެނގޭނެތަ? ނިކަން ރަނގަޅަށް ތިޔަތާގައި ސިޔާސީ ހަރަކާތް ހިންގިގޮތްވެސް ލިޔެލާތި.
ކަކުނިބޯ
04 July 2020
1. އޮޑިޓް ކުރަނީ ސާ މްޕަލް ބޭސްކޮށް އެހެން ވީމ މާ 20 އަހަރު އޮޑިޓްކުރު މަކީ ފައިސާ ބޭކާރުކުރުން 2. މިހާރުވެސް އޮޑިޓްކޮށް މާލީ ރިޕޯޓް ހަދަ މެއްނޫންތޯ އޭގަހުރި ކަންކަން ރަނގަޅުކޔރެވިގެން ނޫންތޯ އެހެންކަންތަތައް ހޯދާރަނގަޅުކުރަންވީ. 3. އަހަރަކުން އަހަރަކުން މިހާރު ކޮށްފަ ހުރި އޮޑިޓްރިޕޯޓްތަށް ކަ މުނުދަނީތޯ އޭގައި ރަނގަޅުކުރަނެ ކަ މެއް ބުނެފަނެތީތޯ 4. 20 އަހަރު އޮޑިޓްކުރަން ނުކިޔާ ވަކި މީހަކު ގެ ސްޕެސިފިކް އޮޑިޓް ހިންގާނަ މޭ ބުނިއްޔާ ތާހިރުވާނެ
ބޮޑު މުހައްމަދު
04 July 2020
ސާބަހޭ ބައްސާމް. މިފަހަރު ވާނެ ރަނގަޅަށް ކެޔޮކޭވަރު ބަލަން. މާ ނަޒާހަތްތެރިއެއް ކަމަށް ހެދިގެން މަޖިލީހަށް ވަދެ އިނދެގެން ތެޅުނަކަސް އެފްއޭއަކާ ނުކުޅެވޭނެ