ސްޕޯޓްސް ކޯޕަރޭޝަން އުވާލަންޖެހޭ: މަހުލޫފް

ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އަދަލުވެރި މިންގަނޑުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން ވެސް ހިމެނެ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ސަރުކާރުގެ ޕްލޭނާ އެއް ގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި މި އަހަރު ތެރޭގައި ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މީގައި ހަގީގަތަކީ އަޅުގަނޑުމެން މިހާރު ގާނޫނަށް އިސްލާހު ހުށަހަޅާއިރު އަޅުގަނޑުމެން އެއް ސްޓެޕްގެ ތެެރެއިން އެ މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ އުވާލަންޖެހޭ ކުންފުންޏެއްކަން. މީގެ އިތުރަށް މި ފަހުން މި ހަފްތާ ތެރޭގައި ބޭއްވުނު ކެބިނެޓް ވޯކިން ގްރޫޕުގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަ ދެކެވުނުއިރުގައި މިއީ އުވާލަންޖެހޭ ކުންފުންޏެއް ގޮތަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ވޯކިން ގްރޫޕްގައި ހެދުނު ސަބް ކޮމިޓީގައި ވެސް ވަނީ މި ކަމަށް މަޝްވަރާކުރެވިފައި،" މަހުލޫފް ވިދާޅުވި އެވެ.

ރަސްމީކޮށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ނިންމުން ކެބިނެޓުން ނިންމާފައިނުވާ ކަމަށާއި އެކަން ކުރެވެން އޮތީ މަޖިލީހަށް ހުށަހަަޅައިގެން ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. ކުޅިވަރު ގާނޫނަށް ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތުގެ އެއް ބައި ކަމަށްވާ ކުޅިވަރު އެސޯސިއޭޝަނުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސްޓެޕްގައި އޮތް ގޮތުން މި އަހަރު މި މަސައްކަތް ކުރަން މި އޮތީ ހަވާލުކޮށްފައި. ދެން މިހާރު ސްޕޯޓްސް ކައުންސިލް ތެރޭގައި އެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ. ބައިވަރު ކުޅިވަރު އެސޯސިއޭޝަންތައް ވެސް ހިމެނޭތީ އެންމެނަށް ވެސް ކޮމެންޓްސް އަށް ފޮނުވާ. އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތަށް ބަލާއިރު މި މަހު 15 އަށް އެސޯސިއޭޝަންތަކުން ލިޔުންތައް ފޮނުވަން ޖެހޭ. އޭގެ ފަހުން މި މަސް ނިމެން ވާއިރު މަސައްކަތް ކުރާނަން އޭޖީ އަށް ފޮނުވާލެވޭތޯ،" މަހުލޫފް ވިދާޅުވި އެވެ.

މި ވަގުތު ކުޅިވަރު ގާނޫނު އޮތްގޮތުން ސްޕޯޓްސް ކޯޕަރޭޝަނަށް އޮތް މަސްއޫލިއްޔަތުގެ ތެރޭގައި ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުން ހިމެނޭއިރު، ސްޕޯޓްސް ކޯޕަރޭޝަނާ ބިމެން ހަވާލުކުރާ ހިސާބުން މިނިސްޓްރީގެ ކޮންޓްރޯލް ގެއްލޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސާލަކަށް ވޮލީ އަށް ހާއްސަކޮށްގެން ލިބިފައި އޮތް ބިމެއް ވޮލީ އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވޭނީ މިނިސްޓްރީ އަތުގައި އެ ބިމުގެ ކޮންޓްރޯލް އޮވެގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މަހުލޫފް ވަނީ ސްޕޯޓްސް ކައުންސިލް އުވާލުމަށް ފަހު ސަރުކާރުގެ ޕްލޭނުގެ ތެރެއިން ކަންތައްތައް ރޭވިފައި ހުރި ގޮތް ހިއްސާކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އެއް ސްޓެޕް ތެރޭގައި އެބަ އޮތް ވަކިން ސްޕޯޓްސް ފަންޑެއް އުފެއްދުން. މި އަހަރު ތެރޭ އެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ ވެސް އިކޮނޮމިކް ކައުންސިލްއާ ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެވިފައިވަނީ އަޅުގަނޑުމެންގެ ބިންތައް އަމިއްލަ ފަރާތްތަކަށް ދީގެން ތަރައްގީކޮށް ސްޕޯޓްސް ފެސިލިޓީސް އެ ތަންތާގައި ޑިވެލޮޕްކޮށް ދައުލަތަށް އެ އާމްދަނީ ވަންނަ ގޮތަށް. އެ ވަންނަ އާމްދަނީ އަކީ އެ ފަންޑް ތެރެއަށް ވަންނަ އެއްޗަކަށް ހަދާފައި. އޭގެ ތެެރެއިން އަޅުގަނޑުމެން ކުޅިވަރަށް ހަރަދުކުރަމުން ގެންދާ ގޮތަށް،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ތިން އަހަރު ތެރޭ އަމިއްލަފައި މައްޗަށް ތެދުވަންޖެހޭ ބައެއް ކަމަށާއި އަދިވެސް އެކަން ނުކުރެވި އޮތްއިރު އެ ކޯޕަރޭޝަން އޮތީ ފުދޭ ވަރަކަށް ހަރަދު ހިނގާ އޭގެ ބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މަޖިލިސް ކޮމިޓީ އަށް ހާޒިރުވިއިރު އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް އޮތްތަނުގައި އެ ތަނުން ކުރަން އޮތް ބައެއް މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އެ ގޮތުން ހުޅުމާލެ އިން ބޮޑު ބިމެއް ބަލައި އެ ތަނުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރަން ވެސް މަޝްވަރާކުރި ކަމަށްވެ އެވެ. އެކަމަކު އެކަން ވެސް މި ވަގުތަށް މަޑުޖެހިފައި އޮތް ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއްޔެ ކޮމިޓީގައި ވަނީ ބުނެފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ މަޝްހޫރު ކޯޗު އަދި ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސްޕޯޓްސް ކޯޕަރޭޝަނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 61 ރަށުގެ ޖިމް ސާމާނު ގެންނަން ވަނީ ހަވާލުކޮށްފަ އެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ މި އަހަރު ސްޕޯޓްސް މާކެޓިން ކޯހެއް ވެސް ހިންގައިފަ އެވެ. އޭރު އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ބުނެފަ އެވެ.