އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ އިވެންޓުގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޖުލައި 2020 - 14:41
ޕޯޗުގަލްގެ ބެންފީކާ އިން އުމުރުން 18 އަހަރުގައި ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފަން ޖެހޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ފީފާގެ ވެބްސައިޓަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފި އެވެ.
ދަގަނޑޭ އަށް ބެންފީކާގެ ޔޫތު ޓީމުގެ ޓްރަޔަލް އިން ފުރުސަތު ހޯދައިދިނީ، އޭރު ގައުމީ ކޯޗު ޕޯޗުގަލްގެ މެނުއަލް ގޯމޭޒޭވެ. ދަގަނޑޭ ދާން އެއްބަސްވެ ޕާކިސްތާނަށް ގޮސް ވިސާ ވެސް ޖެއްސި ފަހުން ދާން ދެކޮޅު ހެދީ، އޭނާ އެ ޓީމާ ގުޅޭކަން އިއުލާންކުރަން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ދަގަނޑޭ އެ ފުރުސަތު ދޫކޮށްލުމަކީ އޭރު ވަރަށް ގިނަ ދިވެހިންނަށް ލިބުނު މާޔޫސްކަމެކެވެ. އެ އުމުރުގައި އޭނާ އެ ޓީމަށް ދިޔަ ނަމަ ޔޫރަޕުގެ މަތީ ފަންތީގައި ވިދާލާނެ ކަަމަށް ގިނަ ބަޔަކު އޭރު ގަބޫލުކުރި އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ އިދާރާގެ ވެބްސައިޓުގައި ފީޗާކުރި ދިވެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ދިން އިންޓަވިއުގައި ދަގަނޑޭ ވެސް ވަނީ އެކަމާ އެއްބަސްވެފަ އެވެ.
"ޔޫރަޕާއި އޭޝިއާގެ ކްލަބްތަކުން އަހަންނަށް އޮފާތައް ލިބުނު. ބެންފީކާއާ އޮފާއާ މެދު އަހަރެން ސީރިއަސްކޮށް ވިސްނީ. އެއީ އަހަރެން ބޭނުންކުރަން ޖެހޭ ފުރުސަތެއް ސަބަބަކީ އަހަރެން އެ ކްލަބާ ގުޅުނު ނަމަ ދުނިޔޭގެ މޮޅު ބައެއް ކުޅުންތެރިންނާ އެކު ކުޅެލެވުނީސް،" ދަގަނޑޭ ބުނެފައިވެ އެވެ.
ފަހުން ވެސް ދަގަނޑޭ ވަނީ ޔޫރަޕުގެ ކްލަބަކުން އަދި އޭޝިއާގެ ބައެއް ކްލަބްތަކުގެ އޮފާ ދޫކޮށްލައިފަ އެވެ. އެކަމަކު 2007/2008 ގައި ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަށް އަދި 2014-2016 އަށް މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނެވެ. ދަގަނޑޭ ވަނީ ޕީޑީއާރްއެމް މެލޭޝިއާގެ ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ، މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ފީފާ ވެބްސައިޓުގެ ލިޔުމުގައި ބުނެފައިވާ ގޮތުގައި ޓޫރިޒަމްގައި މަޝްހޫރު ގައުމަކަށް ވިޔަސް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައިދާނުގައި ރާއްޖެ އަކީ ކުރިން މީހުންނަށް ނޭގޭ ގައުމެއް ކަމަށެވެ. އެހެންވެ 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) ގެ ލަނޑު ލިސްޓުގެ ދެ ވަނައިގައި ދަގަނޑޭ ހިމެނި، ރާއްޖޭގެ ނަން ފާހަގަވެގެން ދިއުމަކީ، ލިބުނު ހައިރާންކަމެއް ކަމަށެވެ.
ދަގަނޑޭގެ ނިއުގެ ޖާޒީގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބޮޑެތި ކްލަބް މުބާރާތްތަކުގައި ޖަހާ ލަނޑުތައް ބަލައިގެން ހެދި އެ ލިސްޓުގައި ދަގަނޑޭ އޮތީ 23 ލަނޑު ޖަހައިގެންނެވެ. އެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ދަގަނޑޭ އަށް ވުރެ ދެ ލަނޑު އިތުރަށް ޖަހައިގެންނެވެ. އަދި އެ ލިސްޓުގައި ދަގަނޑޭ އޮތީ ޒަލަޓާން އިބްރަހިމޮވިޗަށް ވުރެ ފަސް ގޯލް އަދި ލިއޮނަލް މެސީ އަށް ވުރެ އަށް ގޯލް ޖަހައިގެންކަން ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ. އެ ފަހަރު އޭނާ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް 10 ގޯލް އަދި އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ނުވަ ގޯލް ޖެހި އެވެ.
"އެއީ އަހަރެންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް އަހަރު. އެހާ ވަރުގަދަ ކުޅުންތެރިންނާ އެއް ނޭވާއެއްގައި އަހަރެންގެ ނަން ކިޔާލުން ވެގެންދިޔައީ އަހަންނަށް ގަބޫލުކުރަން ދަތިވި ކަމަކަށް. އެކަން ހާސިލްވީ އަހަރެންގެ ބުރަ މަސައްކަތަކުން އެކަންޏެއް ނޫން، ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުޅުންތެރިންގެ ވެސް ބުރަ މަސައްކަތުން،" ދަގަނޑޭ ބުނެފައިވެ އެވެ.
ދަގަނޑޭ ބުނީ ވެލިޒާ ޕޮޕޯފުގެ ދަށުން އެ ފަހަރު ނިއުގައި ވަރަށް ވަރުގަދަ ސްކޮޑެއް އޮތް ކަމަށެވެ. އެ ސީޒަނުގައި ނިއު އިން ރާއްޖޭގެ ހުރިހާ ތަށްޓެއް ކާމިޔާބުކުރީ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އޭއެފްސީ ކަޕުގެ ކުއާޓާ އިން ޖާގަ ހޯދި އެވެ.
ފީފާ އިން ފާހަގަކޮށްފައިވާ ގޮތުގައި ދަގަނޑޭ އަކީ، އެ އިދާރާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގެ އޭޝިއާ ބުރަށް އާ މޫނެއް ނޫނެވެ. ދަގަނޑޭ ވަނީ 2003 އިން ފެށިގެން ކޮލިފައިންގައި މިހާތަނަށް 14 ގޯލް ޖަހައިފަ އެވެ. ޕްރެސް ކޮންފަރެންސަކަށް ހާޒިރުނުވުމުން ދިން ސަސްޕެންޝަނަކާ ގުޅިގެން ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު މިދިޔަ އަހަރު އެނބުރި އައިސް ދަގަނޑޭ ވަނީ ކޮލިފައިންފައި ސީރިއާ އަތުން 2-1 އިން ބަލިވި މެޗާއި ގުއާމް އަތުން 3-1 އިން މޮޅުވި މެޗުގައި ގޯލް ޖަހައިފަ އެވެ.
"ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ލަނޑު ޖެހުމަކީ ވަރަށް ހާއްސަ ކަމެއް،" ދަގަނޑޭ ބުންޏެވެ. "އެއީ އަދި ކޮލިފައިން ވިޔަސް، ވޯލްޑް ކަޕާ ގުޅުން ހުރި މެޗުތަކެއްގައި ވާދަކުރުމަކީ އަބަދުގެ ހުވަފެން. ރާއްޖެ އަކީ ކުޑަ ގައުމެއް އެކަމަކު އެކަމަކު އަހަރެން ވަރަށް ބޮޑެތި ހުވަފެންތައް ދެކެން. ކޮންމެސް ދުވަހަކު ރާއްޖެ ވޯލްޑް ކަޕުގައި ކުޅުމަކީ ހުވަފެނެއް."
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖެ އޮތީ ގްރޫޕް އޭ ގެ ހަތަރު ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖެ ހަތަރު ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ގުއާމް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ރާއްޖޭގެ އަމާޒަކީ ދަށްވެގެން ތިން ވަނަ ހޯދުމެވެ. ދަގަނޑޭ ބުނީ މިއީ އުނދަގޫ ގްރޫޕެއް ކަމަށާއި އެކަމަކު ގުއާމް ފިޔަވައި އެހެން ޓީމުތަކަށް އުއްމީދު އެބައޮތް ކަމަށެވެ. ރާއްޖޭން ކުރިއާލާ ރަނގަޅަށް ތައްޔާރުވެ ރަނގަޅަށް މަސައްކަތްކޮށްފި ނަމަ، ފުރުސަތު އެބައޮތް ކަމަށް ދަގަނޑޭ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނުނު
23 July 2020
ވެދިޔަތަނެއް ނުލިބޭނެ ދެން ނުރޯ
އެކަން ފެނުން މީހެއް
22 July 2020
މާލެ ފުޓްބޯޅަ ކުރިއަރާގެނެއްނުދާނެ. ރާއްޖެތެރަށް ތި ފުޓްބޯޅަ ހުޅުވާލާގެންނޫނީ
ރަށު އޮޑި
21 July 2020
ޤައުމީޓީމްގެ ކުޅުންތެރިންގެ ޑިސިޕްލިން ރަގަޅު، ގުރޫމިން ފެންވަރު ރަގަޅު ކުރަންޖެހޭ، މިސާލަކަށް ބޯކޮށުމާއި ތުނބުޅި ސާފް ޠާހިރުކޮށް ބަހަށްޓަން ކިޔައިދޭންފެނޭ، އަދިވެސް ބައެއް ކަންކަން އެބަހުރި.......
ކޮރަކަލޯ
22 July 2020
ކަލެޔަށ ތި އަޅައިގަތީ ދަގޑޭގެ ތުބުޅި ތާދޯ، ކަލޯ އެއީ ހަމައެކަނި ނިސާނެތް އެނިސާން ފޮހެލުމަށް ހާދަ ފޯރި އެބަހުއްޓޭ ދޯ
މަންމް
21 July 2020
ތިޔަކަމުގަ ޒިންމާނަގަން ޖެހޭނެ އޭރުގަ ކުޅުނު ސީނިއަރ ކުޅުން ތެރިން (އަލީ އުމަރު ، އަލީ ސިޔާމް ހުރާއައްޔަ ) އެމީހުންނައް ފުރުސަތު ނުލިބި ޅަކުައްޖަކައް ފރުސަތު ލިބޭކައް ނޭދެ
ދާގީނާ
20 July 2020
އަޝްފާގު ބެންފީކާއަށް ނުދިޔަ ސީދާ ސަބަބު އެބަޖެހޭ ދިވެހީންނަށް، ޚާއްސަކޮށް ޒުވާން ކުޅުންތެރިންނަށްޓަކައި، އަދި ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ކިޔާދޭން. ބަޔަކު ދިން ގޯސް ނަސޭހަތްތަކެއްގެ ސަބަބުން ކަމަށް ވާނަމަ އެބަޔަކުވެސް އެބަޖެހޭ ކަންތައް ވީގޮތް ކިޔައިދީ އެންމެން ކައިރީ މާފަށް އެދެން، އަދި ޒުވާންޖީލު މިކަމުން އިބްރަތް ހާސިލްކުރަން! ޔޯލަ ޔޯލަ އަށް ދޫކޮށްލާ ވަރަށް ވުރެ ސީރިޔަސް ކަމެއް އަސްލު މީ!
ފަބޭ
20 July 2020
ތިޔަ ފުރުސަތު ދަގަނޑޭއަށް ލިބުނު ދުވަސްވަރަކީ ފަހުގެ ތާރީހެއްގައި ވެލެންސިއާ އެންމެ މަތީ ފަންތީގައި މޮޅު ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ ވަރަށް ކާމިޔާބު ދުވަސްވަރެއް. އޭރު ދަގަނޑޭއަކީ ވެލެންސިއާގެ ރަންބިސް އަޅާ ކުކުޅު.. ދަގަނޑޭ ކުޅޭތަން ބަލާލަންވެސް އެތައް ސަތޭކަ ސަޕޯޓަރުންނެއް ދަނޑަށްވެސް ވަންނަމުންދިޔަ. އިދިކޮޅު އެއްވެސް ޓީމަަކަށް ދަގަނޑޭ ހުއްޓުވުން އެއީ އޭރު ކުރެވުނު ކަމެއްނޫން.. އޭނަގެ ފަރާތުން ލިބެމުން ދިޔަ ފައިދާގެ ސަބަބުން އޭރު ތިބި ޓީމުގެ ވެރިން ބޭނުން ނުވީ އެވަރުގެ ކުޅުންތެރިޔަކު ގެއްލެން. އެހެންވެ އަމިއްލަ އެދުން ކުރިއަށްނެރެ ދަގަނޑޭގެ ވިސްނުމާ ކުޅެ މޮޅެތި ހުށަހެޅުންތައް ދިނީމަ ދަގަނޑޭގެ ވިސްނުން ބަދަލުވީ. އެދުވަހު ބެންފީކާއަށް ދިޔަ ނަމަ ދަގަނޑޭ އަދި މުޅި ދިވެހި ފުޓުބޯޅަވެސް އެހެން ހަރުފަތަކަށް ދިޔައީސް. ދެން މިހާރު އެވާހަކަ ދެއްކުމުގެ މާނައެއް ނެތް.
އާރީ
20 July 2020
ބެންފީކާއަށް ކުޅެށްލިބުނި ފުރުސަތު ގެއްލުނަސް ދެރަވާނި ކަމެއްނެތް. ބެންފީކާއާއި އެއްމެ ތަންކޮޅެއް ވެސް ދެރަޓީމެއް ނޫން ނިއުރޭޑިޔަންޓަކީ ވެސް. ނިއުގަ ދަނގޭ ހޯދި ކާމިޔާބުތައް އެކަމަށް ހެކިދޭ.
އިންމާ
20 July 2020
ދޮންކަލޯ ބެންފީކާއާ ނިއުކަހަލަ ކުލަބުތައް އަޅާވެސް ނުކިޔޭނެ. ނިއުއަކީ ހަފްތާއަކު 3 ޕްރެކްޓިސްކުރާ ކުލަބެއް. ޕްރެކްޓިސްކުރާނީވެސް ނަމަކަށް. ބެންފީކާއަކީ ދުނިޔޭގެ އެންމެ މޮޅު އެއްއެކަޑެމީ ހުންނަ، ސްޕޯޓްސް ސައިންޓިސްނުންނާ، ނިއުޓްރިޝަނިސްޓުނާ، ފިޓްނަސް އެކްސްޕާޓުންގެ ބޭނުން ހިފާ، ފުލްޓައިމް ބޮޑު ކުންފުންޏެއް. ސަލާންޖަހާ ކަންމަތީ ކުލަބުތަކާކުޅެ ލީގުހޯދުމާ ޔޫރަޕުގެ އެންމެ މޮޅުކުލަބުތަކާ ދެކޮޅަށް ކުޅުން ހާސްބައި ތަފާތު.
އަލީ12345
20 July 2020
ދަގޭއަށް މި ފުރުސަތުލިބި ބޭނުން ނުކުރުމުގެ ފަހަތުގައި ހުރީ މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމްގެ ބައްޕަ އަދީލް ޖަލީލް. އޭރު ދަގޭ ކުޅުނީ ވެލެންސިޔާއަށް. ވެލެންސިޔާގެ އޭރުގެ މަސްއޫލުވެރިޔަކީ އަދީލް ޖަލީލް.
އަލިކޮ
21 July 2020
އެހެންވީމަ ތިޔަ އާއިލާ އަކީ ދިވެހި ފުޓުބޯޅައަށް ޖެހިފަ އޮތް މުސީބާތެއްތާ.
ޖޭޖޭ
20 July 2020
މީމިހާރުގެ އަރަމުން އަންނަ ކުޅުންތެރިންނަށް ދަނގަޑޭ ދޭން ބޭނުންވާ މެސެޖު ކަންނޭގޭ. މިގޮތަށް ލިބޭ ފުރުސަތެއް ހެޔޮނުވާނެ ދޫކޮށް ނުލާށޭ.
އީސާ އަލީ މަނިކު
20 July 2020
÷ޕޯޗުގަލުން ލިބުނުފުރުސަތު އަޝްފާގު ދޫކޮށްލި ކޮންމެވެސް ސަބަބެއްއޮންނާނެކަން ޔަޤީން އެކަންސާފުކޮށްލަދޭނީ ކިހިނެއްކޮންނޫހަކުންބާ؟