އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް (ކ) އާއި ކުޅިވަރާ ބެހޭ މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖުލައި 2020 - 10:20
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބާއްވަނީ ސަރުކާރުން އެއްވެސް ހަރަދެއްކޮށްގެން ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގައި ހިނގާ ހަރަދުތައް ހަމަޖައްސާނީ އެފްއޭއެމާއި އޭއެފްސީން ކަމަށެވެ.
"އޭގައި އަޅުގަނޑުމެން ނުޖެހޭ ރާއްޖޭން އެއްވެސް ހަރަދެއް ކުރަން. އޭގައި ހުރިހާ ހަރަދެއްކުރާނީ އޭއެފްސީންނާއި އަދި އެފްއޭއެމުން. އަޅުގަނޑުމެން ޔޫތު މިނިސްޓްރީގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ހަރަދެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ކަނޑައެޅީ ކްލަބްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ވެސް ގިނަ ކަންތައްތަކެއް ބެލުމަށް ފަހު އެވެ. ހުކުރު ދުވަހުގެ ނިޔަލަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލިއިރު ރަސްމީކޮށް ބިޑްކޮށްފައިވަނީ ރާއްޖޭންނެވެ. ބަންގްލަދޭޝް ވެސް ފަހަކާ ޖެހެންދެން މެޗުތައް ހޯސްޓް ކުރުމުގެ ކަންތަކުގައި ބިޑްކުރަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެ ގައުމުން ބިޑް ކުރިކަން އެނގިފައެއްނުވެ އެވެ. މި ސަރަހައްދުގެ އެއްވެސް ގައުމަކުން ބިޑް ނުކުރިނަމަ މެޗުތައް ދެން ބާއްވާނެ ޓީމެއް ކަނޑައަޅަން އޮތީ އޭއެފްސީންނެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. އިންޓަ ޒޯން ސެމީ ފައިނަަލަށް މިތަނުން ދަތުރުކުރާނީ ކޮންމެވެސް އެއް ޓީމެކެވެ.
އާންމުކޮށް ޔޫތު މިނިސްޓްރީގެ ބަޖެޓުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ކްލަބްތަކަށް ހަރަދުތަކެއް ކުރެ އެވެ. އެ ގޮތުން ރާއްޖޭން ބޭރުގައި ކުޅޭ މެޗުތަކަށް ޓީމުތަކަށް ޓިކެޓް ނެގުމުގެ ކަންތައްތައް ކޮށްދެނީ މިނިސްޓްރީންނެވެ. މި އަހަރު ވެސް ވަނީ އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ ޓީސީ އާއި މާޒިޔާ އަށް ހަރަދުތަކެއް ކޮށްފަ އެވެ. އެކަމަކު ރާއްޖޭގައި މެޗުތައް ހޯސްޓްކުރާ ގޮތަށް އޮތުމުން އެ ހަރަދުތަކަށް ވެސް ލުއިތަކެއް އަންނާނެ އެވެ.
މިނިސްޓަރު ވިދާޅުވީ އޭއެފްސީ ކަޕް ރާއްޖޭގައި ހޯސްޓްކުރުމުގެ ފައިދާ ދެ ގޮތަކަށް އެބައޮތް ކަމަށެވެ. އެއީ ރާއްޖޭގެ ކްލަބްތަކާއި ޓޫރިޒަމަށެވެ.
"މިއީ މިވަގުތު އަޅުގަނޑުމެންގެ ބޯޑަރު ހުޅުވިގެންދާއިރު ރާއްޖޭގައި މުބާރާތެއް ހޯސްޓްކުރަން ފުރުސަތު ލިބިގެންދިޔައީމަ އޭގެ މާނަ އަކީ އަޅުގަނޑުމެންގެ ޓުއަރިސްޓުންނަށްޓަކައި މި ފެންނަނީ ކޮވިޑްގެ ވިސްނުމުން ބަލާއިރު ޓޫރިސްޓުންނަށް ސޭފްކަން. އިންޑިއާ އާއި ބަންގްލަދޭޝްގައި އެކަން ނުކުރެވޭކަން އެ ގޮތުން އަޅުގަނޑުމެންގެ އެއްބާރުލުން ދެން،" މަހުލޫފް ވިދާޅުވި އެވެ.
"ދެން އަދި ރާއްޖޭގެ ދެ ކްލަބެއް ޓީސީ އާއި މާޒިޔާ އެބަކުޅޭ. ރާއްޖޭގެ ޓީމަކަށް ކްލަބަކަށް ފުރަތަމަ އެ ސްޓޭޖް ފަހަނައަޅައި ރަނގަޅު ހިސާބަކަށް ދިއުމަށް މަގުފަހިވެގެންދާނެތީ އަޅުގަނޑުމެން އެކަމަށް އެއްބާރުލުން ދިނީ އަދި ސަޕޯޓްކުރަނީ."
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެ ކުރިން "މިހާރަ"ށް ވިދާޅުވީ ރާއްޖޭން ބިޑްކުރިއިރު މަސައްކަތްތައް ރޭވިފައި އޮތީ ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މާ ބޮޑެތި ހަރަދުތަކެއް ނުކޮށް މުބާރާތް ހޯސްޓް ކުރުމަށް ކަމަށެވެ. އެގޮތުން ބަލާއިރު އޭއެފްސީން ދޭ ފަންޑުގެ ތެރެއިން ވެސް ގިނަ ކަންތައްތަކެއް ހަމަޖައްސަން ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު، ގަލޮޅު ދަނޑުގެ އިތުރުން ދެ ވަނަ ދަނޑެއްގައި ކުޅެން ޖެހޭ މެޗު އޮންނާނީ އައްޑޫ ސިޓީގަ އެވެ. ރާއްޖޭން އެންމެ ފަހުން ހޯސްޓް ކުރި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކީ މިދިޔަ އަހަރު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް ބައިނަލްއަގުވާމީ 15 އަހަރުން ދަށުގެ މުބާރާތެވެ. އޭގެ ކުރިން އައްޑޫގައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ އެއް ގްރޫޕްގެ މެޗުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އޭއެފްސީން މިހާރު ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށްދާނެ އެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އިސްމާއިލް
22 July 2020
ދެން މަހުލޫފުގެ ޖީބުން ތޯ ހަރަދު ކުރަނީ
އޮނަރަބްލް އަފީފު ދީދީ
21 July 2020
މުބާރާތަށް ސަރުކާރުން ޙަރަދާއި ހޭދަ އަދި ވަސީލަތް ވެސް ދޭނެ. އެކަމަކު ވެގެން ތިއުޅޭގޮތަކީ ސޯޝަލް މީޑިއާގައި މިމުބާރާތުގެމެޗްތައް މާލެއިންބޭރަށްގެންގޮސް ހަނިމާދޫ ނުވަތަ އައްޑޫސިޓީގައި ކުޅެން އަޑުއުފުލާތީ މާލޭގެ ބޮޑުންނަށް އެކަން ކަމުނުދަނީ. # މިނިސްޓަރ މަޙްލޫފު، އާޒިމް، އަދި ބައްސާމް އަކީ ވެސް މާލޭމީހުން. މިމީހުން ސަރުކާރުން ޙަރަދެއް ނުކުރާނެއޭ ކިޔައިގެން ފޮނުއަރުވަނީ މުބާރާތް ބޭއްވުމަށް އައްޑޫސިޓީގެ ސްޓޭޑިއަމްގައި ލައިޓް ހަރުކުރުން ފަދަކަންކަން ނުކުރާންވެގެން.
ގާޑި އައްލާ.
21 July 2020
ބަރާބަރު ވާހަކަ އެއް. 3 މީހުން ވެގެން މާލެ ނޫން ތަނެއްގައި މުބާރާތް ބޭއްވެންބެތްކަން ރައްޔަތުންނަށް ކޮންވިންސް ކޮށްދޭންވެގެން ދައްކާ ވާހަކަ. އެމީހުން ބޭނުމެއްނުވާނެ މާލޭގެ ފުރާޅެއްގެ މަތީގައި މެޗް ކުޅެން ޖެހުނު ކަމުގައި ވިޔަސް ހަނިމާދޫ ނުވަތަ އައްޑޫސިތީގައި ތިޔަ މެޗްތައް ކުޅޭކަށް. ސަރުކާރުން ޙަރަދު ނުކުރާނެއޭ ކިޔަނީ އެހެންވެ.
ނެވިމީހާ
21 July 2020
ތިހެން ބުނެވޭކަށް ނެތް، ހަމަ ރާއްޖޭގެ ރިސޯސް ބޭނުން ކުރަން ޖެހޭނެ ދެއްތޯ، މިސާލަކަށް ސެކުއުރިޓީ ކަންތަކުގަ ޕޮލިސް އަދި ސިފައިން އަދި މާލޭގަ އެމީހުން ދަތުރު ފަތުރުގެ ހަމަ ޖެއްސުމަށް ސިފައިންގެ ބަސް ބޭނުން ކުރުން. މިކަހަލަ ޙަރަދު ހަމަ ކުރަން ޖެހޭނީ ސަރުކާރުން އިނގޭތޯ! ހަމަ މޮޅު ވާހަކަ ދައްކަން އިނގޭނީ!
ފަޅީޔު
21 July 2020
އެފްއޭ އޭމް އަށް ބަޖެޓު ދެނީ ރަޝިޔާއިންތަ ނޫނީ ދިވެހި ސަރުކާރުންތަ؟
އޭނަ މީނަ
22 July 2020
އެފްއޭއަމަށް ސަރުކާރުން ބަޖެޓެއްނުދޭނެ. ފީފާޔާ، އޭއެފްސީ އަދި އެހެނިހެން ގޮތްގޮތުން އެތަނަށް ބަޖެޓުދެނީ.
ހަކީމް
21 July 2020
އާޒިމް ދެންވެއްޖެދޯ ގޮތްދޫކުރަން .. ބައްސާމް ވެސް ވެއްޓޭނެ ދުވަހެއް އަންނާނެ.