އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވާން ކުރި ބިޑް ކާމިޔާބުކޮށްފި އެވެ.


ގްރޫޕް ސްޓޭޖުގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ކަނޑައެޅީ ކްލަބްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ވެސް ގިނަ ކަންތައްތަކެއް ބެލުމަށް ފަހު އެވެ. ހުކުރު ދުވަހުގެ ނިޔަލަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލިއިރު ރަސްމީކޮށް ބިޑްކޮށްފައިވަނީ ރާއްޖޭންނެވެ. ބަންގްލަދޭޝް ވެސް ފަހަކާ ޖެހެންދެން މެޗުތައް ހޯސްޓް ކުރުމުގެ ކަންތަކުގައި ބިޑްކުރަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެ ގައުމުން ބިޑް ކުރިކަން އެނގިފައެއްނުވެ އެވެ. މި ސަރަހައްދުގެ އެއްވެސް ގައުމަކުން ބިޑް ނުކުރިނަމަ މެޗުތައް ދެން ބާއްވާނެ ޓީމެއް ކަނޑައަޅަން އޮތީ އޭއެފްސީންނެވެ.

ރާއްޖޭން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ބާއްވަން ބިޑް ކާމިޔާބުކުރިކަން އިއުލާނުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް ވިދާޅުވީ މިއީ ކާމިޔާބު މަސައްކަތަކަށްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އުއްމީދަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިވެހި ކްލަބެއް ދިއުން ކަމަށެވެ.

ބައްސާމް ކުރެއްވި ޓްވީޓް.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. އިންޓަ ޒޯން ސެމީ ފައިނަަލަށް މިތަނުން ދަތުރުކުރާނީ ކޮންމެވެސް އެއް ޓީމެކެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރަން ބަލާއިރު މި ވަގުތަށް ވެސް ކުރަން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ގަލޮޅު ދަނޑުގެ ލައިޓިން ރަނގަޅު ކުރުމުގެ މަސައްކަތެވެ. އެންމެ ފަހުން އޭއެފްސީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަށް ފަހު ވެސް ވަނީ ދަނޑުގެ ލައިޓިން ރަނގަޅުކުރަން އަންގައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެ ކުރިން "މިހާރަ"ށް ވިދާޅުވީ ރާއްޖޭން ބިޑްކުރިއިރު މަސައްކަތްތައް ރޭވިފައި އޮތީ ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މާ ބޮޑެތި ހަރަދުތަކެއް ނުކޮށް މުބާރާތް ހޯސްޓް ކުރުމަށް ކަމަށެވެ. އެ ގޮތުން ބަލާއިރު އޭއެފްސީން ދޭ ފަންޑުގެ ތެރެއިން ވެސް ގިނަ ކަންތައްތަކެއް ހަމަޖައްސަން ފަސޭހަތަކެއް ވެގެންދާނެ އެވެ.

އޭއެފްސީން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނެ އެވެ. މި ވަގުތު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު، 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެ އެވެ. ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު، ގަލޮޅު ދަނޑުގެ އިތުރުން ދެ ވަނަ ދަނޑެއްގައި ކުޅެން ޖެހޭ މެޗު އޮންނާނީ އައްޑޫ ސިޓީގަ އެވެ. ރާއްޖޭން އެންމެ ފަހުން ހޯސްޓް ކުރި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކީ މިދިޔަ އަހަރު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް ބައިނަލްއަގުވާމީ 15 އަހަރުން ދަށުގެ މުބާރާތެވެ. އޭގެ ކުރިން އައްޑޫގައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ އެއް ގްރޫޕްގެ މެޗުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި މަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ބޯޑަރު ހުޅުވާލި ގައުމަކީ ރާއްޖެ އެވެ. އޭއެފްސީ ކަޕަށް ރާއްޖޭން ބޭރުގެ ދެ ޓީމެއް އަންނަ ގޮތަށް އޮތްއިރު މީގެ ތެރެއިން އެއް ޓީމު ކަމަށްވާ ބަންގްލަދޭޝްގެ ޗެމްޕިއަން ބަަޝުންދުރާގައި ހުރީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗެއް ކަމަށްވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.

އަލުން އޭއެފްސީ ކަޕްގެ މެޗުތައް ފަށާއިރު ޓީމުތަކަށް ބަދަލު އަންނާނެ އެވެ. އަލުން ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދޭން އޭއެފްސީން ވެސް ނިންމާފައިވާއިރު ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން ކޯޗުންނަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ. އޭއެފްސީ ކަޕްގައި މާޒިޔާ އަށް އިރުޝާދުދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ބަދަލުގައި އެ ޓީމުން އަންނަނީ ދިވެހި ކޯޗަކާ ޓީމު ހަވާލުކުރަން މަސައްކަތްކުރަމުންނެވެ.

އޭއެފްސީ ކަޕް ޝެޑިއުލް:

- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)