21 އޯގަސްޓް 2020 - 07:38
އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން ރާއްޖޭގެ މާޒިޔާ އާއި ޓީސީ އިން ޕްރެކްޓިސް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އިން ޕްރެކްޓިސް ފަށަން ތައްރުވެއްޖެ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ. މެޗުތައް އަންނަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް ބާއްވަން ތާވަލުކޮށްފައިވަނީ ގަލޮޅު ދަނޑުގަ އެވެ. މި ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީގެ އިތުރުން ބަޝުންދުރާ އަދި ޗެންނާއީ ސިޓީ އެވެ.
މިހާރު އޮތްގޮތުން އޭއެފްސީ ކަޕަށް މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށޭނެ ކަމަށް ބެލެވެނީ ބަޝުންދުރާ އަށެވެ. ބަޝުންދުރާ އިން އަންނަނީ އަވަހަށް ޕްރެކްޓިސް ފެށުމުގެ ގޮތުން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ. ބަޝުންދުރާގެ އޮފިޝަލަކު އިއްޔެ ބަންގްލަދޭޝްގެ މީޑިއާ އަށް ބުނީ ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭގައި ޓެސްޓްތަކުގެ ނަތީޖާތައް ލިބި ޕްރެކްޓިސް ފެށޭނެ ކަމަށެވެ.
ބަޝުންދުރާގެ ކޯޗު ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން މިހާރު ވަނީ ބަންގްލަދޭޝަށް ގޮސްފަ އެވެ. އަދި ބެލެވޭ ގޮތުގައި ބަޝުންދުރާގެ ބިދޭސީ ކުޅުންތެރިން ލަސްވެގެން އަންނަ މަހު ފުރަތަމަ ހަފްތާ ތެރޭގައި ބަންގްލަދޭޝަށް ދާނެ އެވެ.
އޭއެފްސީ ކަޕަށް އަވަހަށް ޕްރެކްޓިސް ފަށަން ރާއްޖޭގެ މާޒިޔާ އާއި ޓީސީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަަމަށާއި އެހެންވެ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް ޕްރެކްޓިސް ފެށޭނެ ގޮތެއް މަގުފަހިކޮށްދޭން މާޒިޔާ އިން ވަނީ ސަރުކާރުގައި އެދިފަ އެވެ. ޕްރެކްޓިސްތައް ފެށެން ނެތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުލިބޭތީ އެވެ. މާޒިޔާ އޮތީ ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވެސް ޕްރެކްޓިސް ފަށަން ތައްޔާރަށެވެ.
މިހާރު ޕްރެކްޓިސް ފަށައިފިނަމަ މުބާރާތުގެ މެޗުތަކާ ދެމެދު ފަރިތަކުރަން ދެ މަސް ދުވަސް ލިބޭނެ އެވެ.
އިންތިޒާމްތައް ހުރި ގޮތުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ޗެންނާއީ ސިޓީ ޓީމާއި ބަޝުންދުރާ ޓީމު އެ ގައުމުން ރާއްޖެ އަންނަން ފުރާނީ ކޮވިޑް-19 އަށް ޓެސްޓްކޮށް އޭއެފްސީ އަށް އެ ޓެސްޓްގެ ނަތީޖާ ފޮނުވުމަށް ފަހު އެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު މިހާރު އޮތްގޮތުން އެ ގައުމުގައި ޕްރެކްޓިސްތައް ބޭއްވުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންވެ ޗެންނާއީ ޓީމުން ބޭނުންވަނީ މުބާރާތުގެ ކުރިން ރާއްޖެ އައިސް ޕްރީ ސީޒަނެއް ބޭއްވުމަށެވެ.
މި މަހު 12 ވަނަ ދުވަހު ޗެންނާއީ ޓީމުގެ ވެރިޔާ ރޯހިތު ރަމޭޝް ގޯލް.ކޮމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ހާލަތު އޮތްގޮތުން ޕްރެކްޓިސްތައް ކުރިއަށްގެންދެވޭނެ މާހައުލެއް ނެތް ކަމަށާއި އެހެންވެ އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު ސިންގަޕޫރުގައި ހުރި ޓީމުގެ ހެޑް ކޯޗު އަކްބަރު ނަވާޒް ގެނެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި މި ކަމުގައި އެ ޓީމަށް ހައްލެއް ހޯދުމަށް އޭއެފްސީއާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ހުރި ދަތިތަކާ އެކު އަހަރެމެން އޭއެފްސީ އަށް މަޝްވަރާކޮށް އެދިފައިވާނީ އަހަރެމެން އޮކްޓޫބަރު މަހުގެ ކުރީކޮޅުގައި ރާއްޖެ އަށް ގޮސް އެ ތަނުގައި ޕްރީ ސީޒަނެއް ހެދޭ އިންތިޒާމެއް އޮތްތޯ ބަލަން. އެ ގޮތަށް ބަލާއިރު އަހަރެމެންނަށް ކޯޗު ސިންގަޕޫރުން ރާއްޖެ އަށް ވެސް ގެންދެވިދާނެ. މި ހުރިހާ ކަމެއް ވެސް ކޮޅެއްގައި ޖެހެން އޮތީ ކޮވިޑް-19ގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލާފައި ކަމަށް އޭއެފްސީން އޮތީ އަހަރެމެންނަށް އަންގާފައި،" ރޯހިތު ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ އާއި ޗެންނާއީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ
އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބަޝުންދުރާ އާއި މާޒިޔާ އަންނަނީ އިތުރު ކުޅުންތެރިން ޓީމަށް ގެންނަމުންނެވެ. ޓީސީން ވެސް ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. ޗެންނާއީ ޓީމުން އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ކުޅުނުއިރު ޓީމުގައި ބިދޭސީ ކުޅުންތެރިން ހިމެނެ އެވެ. އެކަމަކު ރޯހިތު ވިދާޅުވީ އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ޓީމު ވަރުގަދަ ކުރުމުގެ ވިސްނުން އެބަހުރި. އެކަމަކު އަހަރެމެން އެބަޖެހޭ ވާގޮތެއް ވެސް ބަލަން. ކުޅުންތެރިއަކު ގެންނައިރު ހާލަތު އޮންނާނެ ގޮތް ވެސް އެނގެންޖެހޭ. އަހަރެމެންގެ ވިސްނުމެއް މުޅިން އިންޑިއާ އަށް ނިސްބަތްވާ ކުޅުންތެރިން ގޮވައިގެން ކުޅުން ވެސް. އެކަމަކު ހުރިހާ ކަމެއް ސާފުވާނީ ކަންތައްތައް ކުރިއަށްދާ ގޮތެއް އެނގިގެން،" ރޯހިތު ވިދާޅުވި އެވެ.
އޭއެފްސީ ކަޕް މާޗް މަހު މެދުކަނޑާލުމުގެ ކުރިން ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
23 August 2020
ބަންގާޅާ އިންޑިއާ ނަގާފަ ދެކުނުއޭޝިއާގަ ކޮވިޑް އެންމެ ބާރަށްފެތުރޭ ރާއްޖޭގަ ފުޓުބޯޅަ ނުކުޅެވިގެން އުޅޭތީ ހަމަ ކޮސްވޭ. ދެކުނުއޭޝިއާ އަކީ ކަބައްޑީ އާ ކްރިކެޓްގެ ސަރަހައްދެއް މާމޮޅަށް ފުޓުބޯޅަ ކުޅެވޭ ބައެއްވެސްނޫން ދެން ކޮން ފުޓުބޯޅައެއް ކުޅޭކަށް؟
އޭނަ މީނަ
21 August 2020
ކީއްވެތަ މިޤައުމުގައި ބާއްވަން ނިންމީ. މިތާގައި ކޮވިޑުގެ ނުރައްކާ ކުޑައެއްނޫން.
ބޯހަލާކު ވޭ
21 August 2020
ކޮވިޑް ގެ ނުރައްކާ ކުޑައެއްނޫން ، އެކަމަކު ޓީމް ތަކުގެ ފަރިތަކުރުން ތައްނުފެށިގެން ، ކީކޭބުނާނީ ، ހަމަޖެހޭ ވާހަކަ ދައްކަބަލަ އެޗް ޕީ އޭއިން
އަހްމަދު އަލީ
21 August 2020
ރާއްޖޭގައިވެސް ޓީމު އައިސޮލޭޓްކޮށްގެން ޕްރެކްޓިސް ކުރެވިދާނެ. ބަންގާޅުގައި އެ ކުރަނީ އެ ގޮތަށް.