29 އޯގަސްޓް 2020 - 08:12
ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާ އެކު މުބާރާތް ކެންސަލްކުރުމުގެ ވިސްނުން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭއެފްސީން ވަނީ މުބާރާތް ކެންސަލްކުރުމާ މެދު މަޝްވަރާތަކެއްކޮށް އެކަން އެ އިދާރާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓަށް ހުށަހަޅައިފަ އެވެ. އަދި ބެލެވޭ ގޮތުގައި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް މި ކަމުގައި ގޮތެއް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ.
"އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދިއުން މި ވެގެންދަނީ ވަރަށް އުނދަގޫ ކަމަކަށް. އޭއެފްސީން އަންނަނީ ސެންޓްރަލައިޒްކޮށް މެޗުތައް ކުރިއަށްގެންދަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން. އެކަމަކު މެޗުތައް ބާއްވަން ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެކި ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އެކި ފިޔަވަޅުތައް އަޅާތީ. އެކި ޕްރޮޓޮކޯލް މި ހުރީ،" ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.
މެމްބަރު އެސޯސިއޭޝަންތަކާއި ކްލަބްތަކާ އެކު އޭއެފްސީން ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމާފައި އޮތީ އީސްޓް ޒޯންގެ މެޗުތައް އަންނަ މަހު ކުޅުމަށާއި ވެސްޓާއި ސައުތު ޒޯންގެ މެޗުތައް އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ.
"އޭއެފްސީ ކަޕް ކުރިއަށްގެންދެވޭތޯ ހުރިހާ ގޮތަކުން އޭއެފްސީން މަސައްކަތްކޮށްފި. އެކަމަކު އެކަން ވާގޮތް އޮތީ ނުވެފައި. ސަބަބަކީ ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓްކުރާނެ ގައުމެއް ނެތް. އެހެން ގައުމުތަކުގައި އެކި މައްސަލަތައް އެބަހުރި. މިސާލަކަށް ވިއެޓްނާމް ކަނޑައެޅީ އާސިއާންގެ ދެ ގްރޫޕެއްގެ މެޗުތައް ހޯސްޓްކުރަން. އެކަމަކު ކޮވިޑްގެ ކޭސްތައް އަނެއްކާ އިތުރުވުމާ އެކީ އެ ގައުމުން މިހާރު ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލަން ނިންމާފައި،" އެ ރިިޕޯޓްގައިވެ އެވެ.
އޭއެފްސީން މީގެ ކުރިން ވަނީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކެންސަލްނުކޮށް މުބާރާތް ފުރިހަމަކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ދާދި ފަހުން ވެސް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްހުރީ އެ ވިސްނުމުގައި ކަމަށް ބުނެފަ އެވެ. މެޗުތައް ބޭއްވޭނެ ގޮތެއް ނެތިގެން އޭއެފްސީން މުބާރާތް ކެންސަލްކޮށްފިނަމަ ރަނގަޅަށް މުބާރާތަށް ތައްޔާރުވަމުން އައި ޓީމުތަކަށް ބޮޑު ގެއްލުންތަކެއްވާނެ އެވެ.
އޭއެފްސީން ހުޅުވާލި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭން ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕް ކަމަށްވާ އީގެ މެޗުތައް މާލޭގައި ހޯސްޓްކުރަން ބިޑްކޮށްގެން އެ ފުރުސަތު ހޯދައިފަ އެވެ. އެ ގްރޫޕްގައި ވާދަކުރަނީ ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
ގްރޫޕް އީގެ މެޗުތައް އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރަކަށް ކުރިއަށްގެންދަން އޭއެފްސީން ޝެޑިއުލް ވެސް އާންމުކޮށްފައިވާއިރު، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ އިން އަންނަނީ މި މުބާރާތަށް އަމާޒުކޮށް ޓީމު ވަރުގަދަ ކުރަން އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. ޔަގީނުން ވެސް މުބާރާތް ކެންސަލްކޮށްފިނަމަ މި ދެ ޓީމަށް ވަރަށް ބޮޑު ގެއްލުމެއްވާނެ އެވެ. މާޒިޔާ އިން ވަނީ އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށައިފަ އެވެ. އަދި ބަޝުންދުރާ އިން ވެސް ވަރަށް އަަވަހަށް ރަސްމީ ޕްރެކްޓިސްތައް ފަށާނެ އެވެ.
ޓީސީ އާއި ޗެންނާއީ އިން މާ ބޮޑަށް އަދި އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ކަންތައްތަކުގައި ނޫޅެ އެވެ. ޓީސީން މި ހަފްތާ ތެރޭގައި ޕްރެކްޓިސް ފަށާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އިންޑިއާގައި ހާލަތު އޮތްގޮތުން ޗެންނާއީ އަށް ޕްރެކްޓިސް ފެށޭނެ ތާރީހެއް ނޭނގެ އެވެ.
މި މަހު 12 ވަނަ ދުވަހު ޗެންނާއީ ޓީމުގެ ވެރިޔާ ރޯހިތު ރަމޭޝް ގޯލް.ކޮމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ހާލަތު އޮތްގޮތުން ޕްރެކްޓިސްތައް ކުރިއަށްގެންދެވޭނެ މާހައުލެއް ނެތް ކަމަށާއި އެހެންވެ އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. މުބާރާތުގައި ވާދަކުރާނަމަ ޗެންނާއީގެ ވިސްނުން ހުރީ އޮކްޓޫބަރު ކުރީކޮޅުގައި މާލެ އައިސް ޓީމު އެއްކޮށް މެޗުތަކަށް ތައްޔާރުވުމެވެ. އެއީ އިންޑިއާގައި ޓީމު އެއްކޮށް ފަރިތަކުރެވޭނެ ގޮތެއް ނެތުމުންނެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭއެފްސީ ކަޕް ކެންސަލްކުރަން އުޅޭ ވާހަކަތައް އިވެން ފެށުމާ އެކު އެ މުބާރާތްތައް ތައްޔާރުވާން ޗެންނާއީ އިން ކުރަަމުން އައި މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އަދި ރަސްމީކޮށް އޭއެފްސީން ވަކި ގޮތެއް އެންގުމުން ނޫނީ ދެން އިތުރަށް މަސައްކަތް ކުރިއަށްނުގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން މަޝްވަރާކުރެވުނު ގޮތްތަކަށް ބަލާއިރު އިންތިޒާމްތައް ހުރި ގޮތުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ޗެންނާއީ ޓީމާއި ބަޝުންދުރާ އެ ދެ ގައުމުން ރާއްޖެ އަންނަން ފުރާނީ ކޮވިޑް-19 އަށް ޓެސްޓްކޮށް އޭއެފްސީ އަށް އެ ޓެސްޓްގެ ނަތީޖާ ފޮނުވުމަށް ފަހު އެވެ. އަދި ރާއްޖެ އެ ޓީމުތައް އައުމުން ދެން އަމަލުކުރަން ޖެހޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރަން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
30 August 2020
ޥަރަށްއުފާވެރި ޚަބަތެއް
ޓަކިބެ
29 August 2020
ތި މުބާރާތް މިއަހަރު ނުކުޅެވޭގޮތް ވިއްޔާ ކިތަންމެހާވެސް ރަނގަޅު. ރާއްޖެވެސް ދެން މިހާރު ފުޓުބޯޅަކުޅެވޭތޯ މިޖަހާ ސަކަރާތް ހުއްޓާލާފަ ޓީމްތައް މަހަށް ފޮނުވިޔަސް މާ ރަނގަޅުވާނެ.