ކުޅިވަރު / އެފްއޭއެމް

އެފްއޭއެމުން ކްލަބްތަކަށް މާލީ އެހީދޭން ކޮންޓްރެކްޓެއް

ފައިނޭންޝިއަލް އެސިސްޓަންޓްސް ޕްރޮގްރާމްގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި މާޒިޔާގެ ޗެއާމަން ސާޖިދު.-- ފޮޓޯ: އެފްއޭއެމް

ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުން އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މާލީ އެހީދޭން 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ކްލަބްތަކަށް އެހީވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށެވެ. އޭރު ކޮންޓްރެކްޓް ހެދީ ކްލަބްތަކާއި ކުންފުނިތަކާ މެދު އެވެ. އެފްއޭއެމްގެ މާ ބޮޑު ރޯލެއް އޭރު އެ ކޮންޓްރެކްޓްގައި ނެތްއިރު، ކޮންޓްރެކްޓްގައި ބުނާ ގިނަ ކަންތައްތަކެއް އެ ފަހަރު ކްލަބްތަކަށް ފުރިހަމަ ވެސް ނުކުރެވުނެވެ.

އެސްއޯއީ ކޮންޓްރެކްޓް ދެ އަހަރު ދުވަހަށް ހަދައި 2018 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަމަވިއިރު، މި ސަރުކާރުން ނިންމީ އެ އުސޫލުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބްތަކަށް ހަރަދުނުކުރާށެވެ. އެއާ އެކު އެސްއޯއީ ޕްރޮގްރާމް ހުއްޓުމުން ކްލަބްތަކަށް ލިބެމުން އައި ފައިސާގެ ދޮރު ބަންދުވީ އެވެ. ސަރުކާރުން ކްލަބްތަކަށް އެގޮތަށް މާލީ އެހީ ނުދޭން ނިންމީ އެއީ އެއްވެސް އުސޫލެއްގެ ދަށުން ކުރެވުނު ކަމެއްގެ ގޮތުގައި ގަބޫލުނުކުރެވޭތީ ކަމަށް ސްޕޯޓްސް މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި އެސޯސިއޭޝަނަކަށް ވުރެން ބޮޑަށް މުޅި ކުޅިވަރަށް ހަރަދުކުރުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އޭރު "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ރިސްކެއް ނެގުމަށް ފަހު މިދިޔަ އަހަރު އެފްއޭއެމުން އެ އެސޯސިއޭޝަނުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނައި ފުރަތަމަ ޑިވިޝަން ކްލަބްތަކަށް މާލީ އެހީތެރިކަން ދޭން ނިންމި އެވެ. އެއީ އެފްއޭއެމަށް ބޭރު ސްޕޮންސަރުތަކުގެ ތެރެއިން ލިބޭ އެހީ އިންނެވެ.

ރަސްމީ ކޮންޓްރެކްޓެއް ހެދުމެއް ނެތި މިދިޔަ އަހަރު ކްލަބްތަކަށް މާލީ އެހީތެރިކަން އެފްއޭއެމުން ފޯރުކޮށްދިން ނަމަވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފަހުން ވިދާޅުވީ އެކަން ދެން ކުރާނީ ރަނގަޅު އުސޫލުގެ ތެރެއިން އެފްއޭއެމް ފާރަވެރިވާ ބަޔަކުގެ ގޮތުގައި އޮވެވޭ ގޮތަށް ކަމަށެވެ.

އެފްއޭއެމުން މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމާ އެކު ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގައި ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޖުމްލަ ކޮންމެ ޓީމަކަށް ތިން މިލިއަނެއްހާ ރުފިޔާ ދޭން ނިންމާފައިވާއިރު، އެކަން ކުރާނީ ބަހާލައިގެން ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން ފައިސާ ދޭން ނިންމާފައިވަނީ ލީގުގެ ކޮންމެ ބުރަކަށާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެގްރީމެންޓްގައި ހިމެނޭ ވަކި ކަންތައްތަކެއް ފުރިހަމަވަމުންދާ މިންވަރަށް ބެލުމަށް ފަހު ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސްއެއްގެ ތެެރެއިން އެ އިދާރާގެ ރައީސް ބައްސާމް (ކ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާ--. ފޮޓޯ:ނިޝާން އަލީ/ މިހާރު

ކޮންޓްރެކްޓް ބިނާވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށެވެ. އެއީ ކްލަބް ލައިސަންސިން، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމަންޓް، ކްލަބް މެނޭޖްމަންޓް، ކްލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓްސް، ސީއެސްއާރް އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް އެވެ.

"ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރެވުނުއިރު ފުރަތަމަ އަހަރުގައި މި ކަންތައްތައް ފުރިހަމަނުވެއްޖެނަމަ ދެން އަންނަ އަހަރު ލިބޭ ފައިސާގެ އެހީ މަދުވާނެ. މީގެ ބޭނުމަކީ ކްލަބްތައް ހަރުދަނާކޮށް ހިންގޭނެ ގޮތްތަކެއް މަތީގައި ސާބިތުކުރުން،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވި އެވެ.

އެފްއޭއެމްގެ މީޑިއާ މެދުވެރިކޮށް ދިން އިންޓަވިއުގައި ޖަވާ ވިދާޅުވީ މި ހެދުނު ކޮންޓްރެކްޓްގެ ސަބަބުން ހަގީގަތުގައި ބޮޑު ފައިދާތަކެއް ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ވިޔަފާރި އުސޫލުން ކްލަބްތައް ހިންގުމަށް މަގި ފަހިވެގެންދާނެ ކަމަށެވެ.

"ހާއްސަކޮށް ފައިނޭންޝިއަލީ ކްލަބްތަކަށް މި ލިބޭ އެހީގެ އިތުރަށް ބިޒްނަސް މޮޑެލް އަކަށް ކްލަބް ހިންގުން ބަދަލުކުރުމާ ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވަރަށް ގިނަ ކަންތައްތަކެއް މި އެގްރިމެންޓްގައި ހިމެނިފައިވާނެ. އެ ގޮތުން އެފްއޭއެމް އިން މިހާރު ފަށާފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުން ހެދޭ އިމާރާތްތަކުގެ އެހީގައި އާމްދަނީ އިތުރުކުރަން ކްލަބްތަކަށް ފުރުސަތު ލިބޭނެ،" ޖަވާ ވިދާޅުވި އެވެ.

މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ އަދި މިިދިޔަ ސީޒަނު ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް ވެލެންސިއާ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ރާއްޖޭގެ ތާރީހީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އޮތީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފަ އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

01 September 2020

ގޭދޮށުޓީމްތަކަށް ޙަރަދުކުރާން މަރުކަޒީ ބެންކްގެ ތިޖޫރިތައް ޙަވާލު ކުރިކަމުގައިވިޔަސް ދަނޑަށް މީހުންނުވަންނަނަމަ ތިއީ ބޭކާރުކަމެއް. # ރާއްޖެ 3 ސަރަޙައްދަކަށް ބަހާލާ މާލޭގެ އިތުރުން ހަނިމާދޫ އަދި އައްޑޫސިޓީގައި ސްޓޭޑިއަމާއި ވަސީލަތް ޤާއިމްކޮށް އުތުރާއި ދެކުނުގެ ޓީމްތަކުގެ ހޯމް ސްޓޭޑިއަމްތަކަކީ އެއީކަމުގައިހަދާ ދިވެހި ލީޤް ހޯމްއަވޭ އުސޫލަށް ނުކުޅޭހާ ހިނދަކު ގަލޮޅުދަނޑަށް އަހަރުމެން ވަންނާނެ ކަމެއްނެތް. ލާރި ތަޅަން އެކުދިން ބައިތިއްބާ.ދުވަސްކޮޅަކުން ވައިވެދާނެ.

The name is already taken The name is available. Register?

ޓާކޫރޭ.

02 September 2020

ބަރާބަރު. މާލޭ މީހުންގެ ކިބައިން މިދައުލަތް ސަލާމަށް ކުރާންޖެހޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

01 September 2020

ބަހާފަ ބަހައްޓާ.މަމެންގެ ކްލަބް ނިއު އެނބުރި އަންނާނެ.އިންޝާﷲ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454