ޓީޓީގެ ލީޑާޝިޕަށް އައްޔަ އާއި ޝިއުރީގެ ޕެއާ ކުރިމަތިލައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ރައީސަކަށް، މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އަދި ނައިބަކަށް ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީގެ ޕެއާ ވާދަކުރަން ނިންމައިފި އެވެ.


މި މަހު 8 ގައި ބާއްވާ އިންތިހާބުގައި އައްޔައާ ވާދަކުރައްވާނީ، ޣިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ. ރައީސްގެ މަގާމަށް ދެން ކުރިމަތިލެއްވި މުހައްމަދު ޖަލާލް ވަނީ ނަން އަނބުރާ ގެންދަން ނިންމަފާއިވާކަން "އަވަސް" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

އައްޔަގެ ޓީމުގައި ޝިއުރީގެ އިތުރުން ހިމެނެނީ ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ކްލަބް މެމްބަރަކަށް ޖާދުﷲ ހަސަން (ޖޭޑް)، އެސޯސިއޭޓް މެމްބަރަކަށް ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔާ އިސްމާއިލް ޝުޖާއު (މިހާރުގެ ޖެނެރަލް ސެކްރެޓަރީއެއް ނޫން)، ފަރުދީ ފިރިހެން މެމްބަރަކަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ބައިނަލްއަގްވާމީ އަމްޕަޔަރު އައްޒާމް އިބްރާހިމް އަދި ފަރުދީ އަންހެން މެމްބަރަކަށް ކުރީގެ ޗެމްޕިއަން އައިޝަތު ސަމާހަތު ބިންތި ފިރާގެވެ.

ތޯހާގެ ޓީމުން ނައިބް ރައީސްގެ މަގާމަށް ވާދަކުރަނީ އަބްދުﷲ ޝަރީފެވެ. އެ ޓީމުގައި ދެން ހިމެނެނީ ހަޒާންދާރަކަށް މުހައްމަދު ސައީދު، ކްލަބް މެމްބަރަކަށް އިބްރާހިމް ލަތީފް (ސީވީޑް)، އެސޯސިއޭޓް މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ފަރުދީ ފިރިހެން މެމްބަރަކަށް ކުރީގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އަދި ފަރުދީ އަންހެން މެމްބަރަކަށް ކުރީގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދެވެ.

އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަން އަދި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ހިދުމަތްކުރަމުންނެވެ. އެގޮތުން 2006 އިން 2008 އަށް އިދާރީ މަސައްކަތްތައް ކުރިއިރު 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ނައިބް ރައީސެވެ.

އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޓީޓީގެ 60 އަހަރުވީ ތާރީހުގައި ލިބުނު ފުރަތަމަ ރަން މެޑަލް ވެސް ހިމެނެ އެވެ. އެ ކާމިޔާބީތަކުގެ ފަހަތުގައި، އައްޔަގެ ނައިބަކަށް ވާދަކުރާ ޝިއުރީގެ ހިއްސާ ބޮޑެވެ.

ޝިއުރީ (ކ) އާއި އައްޔަ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ކޮންގްރެސްގައި.

އެކްސްކޯގެ ކްލަބް މެމްބަރަކަށް މިހާރު ހުރި ޝިއުރީ އަކީ، ފުރަތަމަ ރަން މެޑަލް ފާތިމަތު ދީމާ އަލީ ހޯދިއިރު އޭނާގެ ކޯޗެވެ. ޝިއުރީގެ ކޯޗުކަމުގައި ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް، އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އަންހެން ޓީމު ތިން ރަން މެޑަލް ހޯދިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އެވެ. އެއީ އައިޝަތު ރަފާ ނާޒިމާއި ދީމާ އާއި މުއީނާ އަދި ޖުމާނާ ނިމާލް ހޯދި އަންހެން ޓީމު އިވެންޓުގެ ރަން މެޑެއްޔާއި ރަފާ އާއި ދީމާ ހޯދި އަންހެން ޑަބަލްސް އިވެންޓުގެ ރަން މެޑަލް އަދި ދީމާ ހޯދި އަންހެން ސިންގަލްސް އިވެންޓުގެ ރަން މެޑެއްޔެވެ. ނަތީޖާއަކަށްވީ ދެ ރިހި މެޑަލް ވެސް ރާއްޖެ އަށް ލިބުމެވެ.

އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޝުޖާއު ވިދާޅުވީ އިދާރީ ގޮތުން އެސޯސިއޭޝަން މި ދައުރުގައި ހިންގި މީހެއްގެ ހައިސިއްޔަތުން އައްޔަ އާއި ޝިއުރީގެ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"އައްޔަ ޓީޓީ ކުޅެ އޭގެ ފަހުން އެކްސްކޯގައި މަސައްކަތްކުރެއްވުމަށް ފަހު ރައީސް ކަމަށް ވަޑައިގަތީ. ހަރުފަތަކަށް ފަހު ހަރުފަތެއް ފުރިހަމަކޮށް އައިސް ރައީސްގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް އެވަނީ ކުރައްވާފައި. ޝިއުރީ އަކީ ވެސް ޗެމްޕިއަން ކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި އެސޯސިއޭޝަނާ ގުޅުނު ފަރާތެއް. މި ދައުރުގައި އެސޯސިއޭޝަނުގެ މެނޭޖްމަންޓް ޓީމާއި ޓެކްނިކަލް ޓީމަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަންތަކެއް އޭނާ ވަނީ ދީފައި،" ޝުޖާ ވިދާޅުވި އެވެ.

"މިއީ އެސޯސިއޭޝަން ލީޑުކުރަން ވަރަށް އެކަށޭނެ ޕެއާއެއް. އައްޔަ އާއި ޝިއުރީގެ މަސައްކަތް އެންމެ ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ބުނާނީ ވަރަށް ކާމިޔާބު ލީޑާޝިޕަކަށް ވާނެއޭ."

އައްޔައާ ވާދަކުރާ ތޯހާ އަކީ ވަރަށް ކާމިޔާބު ސްކޫލް ޕްރިންސިޕަލެކެވެ. ތޯހާ "މިހާރު" އަށް ވިދާޅުވީ މަންޒަރު ބަދަލުކޮށްލައްވަނީ ޓީޓީ އަށް ޝައުގުވެރިކަން ހުރުމާ އެކު މިކަމަށް ގިނަ ބަޔަކު އެދުމުން ކަމަށެވެ. ޗެސް ފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރެއްވި ތޯހާ ވިދާޅުވީ އެ މަގާމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ އިދާރީ ހިންގުން ރަނގަޅުކުރުމަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާ އާއި ވެބްސައިޓް ވަރުގަދަކޮށް އާއްމުންނާ އެސޯސިއޭޝާނާ ދެމެދު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އެފަދަ ބަދަލުތަކެއް (ޓީޓީ އަށް) ގެނައުން އަމާޒަކީ،" މުގަރައްރުގެ ބަޔެއްގެ ގޮތުގައި ޣިޔާސުއްދީނަށް ޗެސް ތައާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ތޯހާ ވިދާޅުވި އެވެ.

ތޯހާގެ ޓީމުގައި ވެސް ޗެމްޕިއަނުން ހިމެނެ އެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ކުޅުންތެރިޔާ މުއީނާ އާއި ރާއްޖޭގެ ފިރިގެން ޓީޓީ އެތައް އަހަރެއްގައި ޑޮމިނޭޓްކުރި ތާޅަފިލި އަލިބެ އެވެ.