ޓީޓީ ސަސްޕެންޑްކޮށްފާނެތަ؟ އަލިބެ ބުނަނީ ދޮގެއް ކަމަށް!

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ވަނީ ބަލައިގެންފަ އެވެ. އެސޯސިއޭޝަނުން ބުނަނީ މައްސަލަ ކޯޓުން ބަލާ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދީފައިވާ ކަމަށެވެ.


އަލިބެގެ ޓީމުގެ ފަރާތުން ރައީސްގެ މަގާމަށް ކުރިމަތިލައްވަނީ ޣިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ. އަނެއްކޮޅުން ވާދަކުރަނީ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.

އަލިބެގެ ފަރާތުން މި މައްސަލަ ސްޕޯޓްސް ކައުންސިލަށް ހުށަހެޅުމުން ބުނެފައިވަނީ އެސޯސިއޭޝަނުން ގޯހެއް ހަދާފައިނުވާ ކަމަށެވެ. އަލިބެ ބުނީ ކޯޓަށް މައްސަލަ ހުށަހެޅީ، އިންތިހާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހަދައިދިނުމަށް އެދި ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހާ ފަރާތްތަކަށް ހުށަހެޅުމުން އެކަށީގެންވާ ގޮތެއްގައި އެކަންކޮށްދޭން އެތަންތަން އުޒުރުވެރިވެ ދޮރުތައް ބަންދުވުމުން ކަމަށެވެ.

އަދި އަލިބެ ބުނީ އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި މިކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑްވެދާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ކޯޓުގައިވާ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުން ގެންދާ ކަމުގައި ވެސް ހިތާމަޔާ އެކު އަޅުގަނޑު ފާހަގަކުރަމެވެ،" އަލިބެ ބުނެފައިވެ އެވެ.

އަލިބެ ބުނީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އައިޓީޓީއެފް އަށް މި މައްސަލަ ތަފްސީލްކޮށް ހިއްސާކޮށް އެ ފަރާތުން މިކަމުގައި ދެކޭ ގޮތް ސާފުކުރި ކަމަށެވެ. އަދި އައިޓީޓީއެފްގެ ރައީސް ފަރާތުން އެސޯސިއޭޝަނާއި ރައީސަށް ކޮޕީކޮށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެސޯސިއޭޝަނުގެ އިންތިހާބުގެ ކަންކަމަކީ ރާއްޖޭގެ އެތެރޭގެ ކަމެއް ކަމަށެވެ. އަދި އައިޓީޓީއެފްގެ ރައީސާ ކުރެވުނު މުއާމަލާތްތަކުގައި އިންތިހާބުގެ ކަންކަމާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅައި ކޯޓުން ގޮތެއް ނިންމުމުމަކީ އައިޓީޓީއެފް އިން އެސޯސިއޭޝަނާ މެދު ފިޔަވަޅެއް އަޅާނެ ކަމެއް ނޫން ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށް އަލިބެ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދުދީ ޓީޓީ އެސޯސިއޭޝަނުގެ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް އިއްޔެ ވިދާޅުވީ ސަސްޕެންޝަނުގެ ވާހަކަތަކަކީ ހަގީގަތެއް ކަމަށެވެ. އަދި ކުޅިވަރުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެ ގޮތެއް ކުޅިވަރުގެ ގާނޫނުގައި ވެސް ހިމެނިފައި ނެތްކަން އެނގެން އެބައޮތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އައިޓީޓީއެފް އިން ފޮނުވި ސިޓީގައިވާ ކަންތައްތަކަށް ނުބަލައި ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރާތީ ހިތާމަކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ އައިޓީޓީއެފް އިން ފޮނުވާފައިވާ ސިޓީގައި ހުރި ކަންތައްތައް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފަ އެވެ. އެ ސިޓީގައި މައިގަނޑު ހަތަރު ކަމަކަށް އަލިއަޅުވާލާފައިވެ އެވެ. އެއީ ޓީޓީ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ ތިން މެމްބަރަކަށް މިހާރު މި މައްސަލަ ހުށަހަޅައިގެން ކުރިއަށް އެ ގެންދާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. ދެ ވަނަ ކަމަކަށް މި މައްސަލައާ ގުޅިގެން އީޖީއެމް އެއް ބޭއްވުމަށް އެސޯސިއޭޝަނަށް ހުށަހެޅުނު ޕެޓިޝަނަކީ ފުރިހަމަ ޕެޓިޝަނެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ. ތިން ވަނަ ނުކުތާ އަކީ އައިޓީޓީއެފް އިން ގަބޫލުކުރަނީ ރާއްޖޭގެ ކުޅިވަރުގެ މައްސަލަ ހައްލުކުރުމަށް އެންމެ މަތީ މަސްލަހަތު އޮތީ ކުޅިވަރު ގައުމީ މަޖިލީހަށް ކަމަށެވެ. އަދި ހަތަރު ވަނަ އަދި އެންމެ މުހިއްމު ކަމަކަށް އޮތީ އައިޓީޓީއެފްގެ ގަވާއިދުތަކާ ހިލާފުވާނަމަ އެ މީހުންނަށް ލިބޭ ސަސްޕެންޑް ކުރުމުގެ ބާރުގެ ބޭނުންކުރާނެ ކަމެވެ.

"(ސަސްޕެންޑްކުރުމުގެ)އެ ހާލަތަކީ މިއީ. މިހާރު ދިމާވެގެން މި އުޅޭ މައްސަލަ (ކޯޓުގައި އޮތް މައްސަލަ) މި އުސޫލުން ކުރިއަށް ގޮސްފިކަމަށްވަނީނަމަ ދިވެހިރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން މި އޮތީ އެންމެ ނުރައްކާތެރި ހާލަތަށް މިސްރާބު ޖެހިފައި. އެއީ ސަސްޕެންޝަނުގެ ހާލަތު،" ޖައުޝަން ބުންޏެވެ.

"މިއަށް ވުރެން މާ ބޮޑެތި ގައުމުތަކުގައި މާ ފުދިގެން އުޅޭ އެސޯސިއޭޝަންތައް ހަތަރު ފަސް އަހަރަށް އެބަހުރި ސަސްޕެންޑްކޮށްފައި. އެހެންވީމަ މިއީ ދޮގު ވާހަކަ ވާހަކަތަކެއް ކަމަށް އެ ދައްކަން ބޭނުންވަނީ އެންމެ ރަނގަޅަށް މި ކަމުގެ ހަގީގަތް އާންމުންނަށް ސާފުކޮށްނުދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ،"

ޖައުޝަން ވިދާޅުވީ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން އަންގާ މި ފަދަ އެންގުންތަކަށް ތަބާވުން ހުރިހާ ގައުމުތަކަށް ލާޒިމް ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނު ހެދިގެން ދިޔައީ އޮލިމްޕިކް ޗާޓަރާއި ބައިނަލްއަގުވާމީ ކުޅިވަރުގެ މުއާހަދާތަކަށް ބޯލަނބަންޖެހޭ ގޮތަށްކަން އެނގެން އޮތްއިރު، ކުޅިވަރު އެސޯސިއޭޝަނެއްގެ މައްސަލަ ކޯޓަށް ހުށަނާޅައި ކުރިއަށްދެވޭނެ ގޮތްތަކެއް ވަރަށް ސާފުކޮށް ލިޔެވިފައިވާކަން ޖައުޝަން ފާހަގަކުރެއްވި އެވެ. އަދި ޓީޓީ އެސޯސިއޭޝަންގެ މައްސަލަ އެންމެ ފުރަތަމަ ވެސް އެ އެސޯސިއޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދެވެން އޮތްއިރު ރަނގަޅު އުސޫލުގެ ތެރެއިން އެކަން ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅިވަރުގައި ދިމާވާ މައްސަލައެއް ނަމަ އެންމެ ފުރަތަމަ ހުށަހަޅަންޖެހެނީ އެ ކުޅިވަރެއް ނިސްބަތްވާ އެސޯސިއޭޝަނަކަށް. ވަރަށް ހިތާމައާ އެކު ފާހަގަކުރަން މިހާރު ދިމާވެގެން މި އުޅޭ މައްސަލައިގައި ދިވެހިރާއްޖޭގެ ޓީޓީ އެސޯސިއޭޝަނަށް އެއްވެސް ހާލަތެއްގައި މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި މައްސަލަ ހުށަހެޅި މައްސަލަ ބެލުމުގެ ފުރުސަތު ވެސް މި އެސޯސިއޭޝަނަށް ނުލިބި އޮތީ،" ޖައުޝަން ވިދާޅުވި އެވެ.

ޓީޓީ މައްސަލަ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ކުޅިވަރު ކައުންސިލް އަށް ހުށަހެޅުމުން އެންގީ މައްސަލަ އެއް ނެތް ކަމަށެވެ. އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޖައުޝަން ވިދާޅުވީ މީގައި ކަންތައްތައް ކުރިއަށްދާ ގޮތް އެ ފަރާތްތަކަށް ރަނގަޅު ސާފުނުވެ އޮތީ ކަމަށް ވެދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ކައުންސިލުން އެ ބޭފުޅުންގެ ހިތައް ތަސައްލީއެއް ލިބޭ ޖަވާބެއް ނުދިނުމަކީ ކޯޓަކަށް ދާންޖެހޭ ސަބަބެއް ނޫން. އެ ޖަވާބު ހޯދަން މި ދާން ޖެހެނީ އިންޓަނޭޝަން ފެޑެރޭޝަނަށް. އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ޖުރިސްޑިކްޝަން ތެރޭގައި ހިމެނޭ ކޮމިޓީތަކަށް. ދެން އެ ވަރުން ހިތްހަމަނުޖެހޭ ޖަވާބެއް ލިބޭނަމަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގެ ޕްރޮސީޖާ ރޫލްގެ ތެރެއިން މައްސަލަ ބެލެން ޖެހޭނީ. އެ ޖަވާބުން ހިތްހަމަނުޖެހޭނަމަ ދެން މި ދާން ޖެހެނީ ސްވިސް ފެޑެރަލް ޓްރިބިއުނަލް އަށް،" ޖައުޝަން ވިދާޅުވި އެވެ.