އޭއެފްސީ ކަޕް ކެންސަލްކޮށްފި

ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާ އެކު އޭއެފްސީން މި އަހަރުގެ މުބާރާތް ކެންސަލްކޮށްފި އެވެ.


މިއީ މުބާރާތުގައި ރާއްޖޭން ވާދަކުރާ މާޒިޔާ އާއި ޓީސީ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

އޭއެފްސީން މި ގޮތަށް ނިންމީ އެ ފެޑެރޭޝަނުގެ އެގްޒެކްޓިވް ކޮމިޓީގެ މެދުގައި ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އޭއެފްސީ ކަޕް ކެންސަލްކުރި ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގު ފުރިހަމަކުރަން އޭއެފްސީން ވަނީ ނިންމައިފަ އެވެ.

ހަލުވި ކަމާ އެކު ކޮވިޑް-19 ފެތުރޭއިރު އޭއެފްސީ ކަޕްގެ މެޗުތައް މާޗް މެދުކަނޑާލިއިރު ބައެއް ކްލަބްތަކުން ވަނީ އެއް މެޗު ކުޅެފަ އެވެ.

މެމްބަރު އެސޯސިއޭޝަންތަކާއި ކްލަބްތަކާ އެކު އޭއެފްސީން މިދިޔަ ޖޫން އަދި ޖުލައި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމާފައި އޮތީ އީސްޓް ޒޯންގެ މެޗުތައް އަންނަ މަހު ކުޅުމަށާއި ވެސްޓާއި ސައުތު ޒޯންގެ މެޗުތައް އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ.

އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދިއުމުގެ ގޮތުންނެވެ. އެ ގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. އޭއެފްސީން މުބާރާތް ކެންސަލްކުރަން ޖެހުނީ ބައެއް ގްރޫޕްގެ މެޗުތައް ބާއްވާނެ ގައުމެއް ނެތުމުންނެވެ.

އޭއެފްސީ ކަޕް ކެންސަލްކުރުމާ އެކު އެންމެ ބޮޑު ގެއްލުމެއްވާނީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ކްލަބްތަކަށެވެ. މި ސަރަހައްދުގެ ކްލަބްތަކަށް ބަލާއިރު އޭއެފްސީ ކަޕަށް އެންމެ ބޮޑަށް ތައްޔާރުވީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ގަދަބާރު ބަޝުންދުރާ ކިންގްސް އެވެ. ބަޝުންދުރާ އިން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލޯން އުސޫލުން ބްރެޒިލްގެ ދެ ކުޅުންތެރިންނާއި މި މުބާރާތުގައި އެ ޓީމަށް ކުރިން ވެސް ކުޅުނު އާޖެންޓީނާ ފޯވާޑް ހާނަން ބާކޯސް ވަނީ މިއަދު އެ ގައުމަށް ގެނެސްފަ އެވެ. މާޒިޔާ އިން ޓީމު ވަރުގަދަކޮށް މިހާރު އަންނަނީ ޕްރެކްޓިސް ވެސް ކުރަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި މާޒިޔާ އިން ވަނީ އޭއެފްސީ ކަޕަށް އަމާޒުކޮށް ބިދޭސީ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ވެސް ހަދައިފަ އެވެ.

މި އަހަރުގެ މުބާރާތް ކެންސަލްކުރުމުން ރާއްޖޭގެ ޓީސީ އަށް ވެސް ގެއްލުންވާނެ އެވެ. މިއީ އެ ޓީމުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިހާރު އޮތްގޮތުން އަންނަ އަހަރުގެ މުބާރާތުން އެ ޓީމަށް ފުރުސަތު ލިބިފައެއްނުވެ އެވެ. ރާއްޖޭގެ ޗެމްޕިއަންގެ ހައިސިއްޔަތުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ މާޒިޔާ އެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހުމުން ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބެނީ އީގަލްސް އަށެވެ.

އޭއެފްސީން 2004 ވަނަ އަހަރު ފެށި އެ އިދާރާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުން ފެށުނުއިރުއްސުރެން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ދެ އެވެ. ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނީ 2019 ވަނަ އަހަރު އެވެ. އެއީ އޭއެފްސީން މުބާރާތްތަކުގައި ކުޅެން ހޯދަން ޖެހޭ ކްލަބް ލައިސަންސް ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައިނުވާތީ އެވެ.