15 ސެޕްޓެމްބަރ 2020 - 10:36
އޭނާ އެންމެ ފުރަތަމަ ފާހަގަވީ އުމުރުން 13 އަހަރުގައި ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕުގައި ވާދަކުރަން އިންގްލެންޑުގެ މެންޗެސްޓާ އަށް ދިޔަ ހިސާބުންނެވެ. އެ މުބާރާތުގައި މުޅި ދުނިޔެ އިން އެ ފަހަރު ވާދަކުރި އެންމެ ހަގު ކުޅުންތެރިޔަކީ އޭނާ އެވެ. އޭގެ ފަހުން ގައުމީ ޓީޓީ ޗެމްޕިއަންކަން ފަސް އަހަރު ހޯދި އެވެ. މަތީ ތައުލީމް ހާސިލްކުރަން ނެގި ބްރޭކަށް ފަހު ދެން އޭނާ ފެނުނީ ކޯޗެއްގެ ގޮތުންނެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ކުޅުންތެރިން ތިން ރަން މެޑަލް ހޯދިއިރު ކޯޗިން ޓީމުގައި ހިމެނުނެވެ. އަދި ތިން ރަން މެޑަލް ހޯދި ފާތިމަތު ދީމާ އަލީގެ ޕާސަނަލް ކޯޗަކީ ވެސް އޭނާ އެވެ.
އެއީ ޓީޓީ އެސޯސިއޭޝަނުގެ އާ ދައުރުގެ ނައިބް ރައީސަކަށް މިދިޔަ ހަފުތާގައި އިންތިހާބުވި އިބްރާހިމް ޝިއުރީ އެވެ. ރާއްޖޭގެ ޓީޓީގެ ދެ ވަނަ އަށް އެންމެ އިސް މަގާމުގައި ޝިއުރީ އާއި އޭނާގެ ޓީމުން ގެންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟
ޝިއުރީ ވިދާޅުވި ގޮތުގައި ފުރަތަމަ ބަދަލަކީ އެސޯސިއޭޝަނުގެ މިދިޔަ 60 އަހަރުވީ ތާރީހާ ހިލާފަށް މި ފަހަރު މެނިފެސްޓޯއެއް ހިފައިގެން އިންތިހާބަށް ކުރިމަތިލުން ކަމަށެވެ. ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް އިން މާސްޓާސް ޑިގްރީ ނަންގަވާފައިވާ ޝިއުރީ ވިދާޅުވީ އޭނާ އަށް ލިބިފައިވާ އިލްމުގެ ބޭނުން ކުރަން އަބަދުވެސް ބޭނުންވާ ކަމަށާއި އެގޮތުން ދައުރުގައި ހާސިލްކުރަން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ކިޔައިދެވުނު ކަމަށާއި ދެން އޮތީ އެކަންކަން ހާސިލްކުރަން މަސައްކަތްކުރުން ކަމަށެވެ.
"ފުދޭ ވަރަކަށް ޒުވާން ޓީމެއް މިއޮތީ. ޒުވާން ހަކަތަ އެބަހުރި އެކަންކަން ހާސިލްކުރުމުގައި. މި ފަހަރު ޓީޓީ އެސޯސިއޭޝަނުން ތަފާތު ނަމޫނާ އެސޯސިއޭޝަނެއް ފެންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ޝިއުރީ، 36 ވިދާޅުވި އެވެ.
ޓީޓީ އަކީ މުޅި ރާއްޖެ އަށް ފެތުރިފައިވާ ކުޅިވަރަކަށް ހެދުމަކީ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) މިދިޔަ ދައުރުގެ ކެމްޕެއިނުގައި ވެސް ވީ ވައުދެކެވެ. ޝިއުރީ ވިދާޅުވީ އެކަމަށް މިހާރު އޮތް ޕްލޭނަކީ، ރާއްޖޭން ފަސް ޒޯނެއް ކަނޑައެޅުން ކަމަށާއި ހަމައެކަނި މޭޒުތަކެއް ބަހައްޓާފައި ކުޅެން ދޫކޮށްލުމުގެ ބަދަލުގައި ޕްލޭނަކާ އެކު އެ މަސައްކަތް ކުރާނެ ކަމަށެވެ.
"ސަރުކާރުގެ އެއްބާރުލުން ބޭނުންނުވާނެ އެތަންތަނުގައި ސެޓަޕް ހަދަން. އާ ސެޓަޕެއް ނެހެދުނަސް މިހާރު ވެސް ހުރި ފެސިލިޓީސް (ޔޫތު ސެންޓަރު) ގެ އެވެއިލިބިލިޓީ އަށް ބަލާފައި ދާއިމީ ގޮތެއްގައި އެތަންތަނުގައި ކުޅެވޭނެ ގޮތެއް ހެދުން ބޭނުމަކީ. މީގެ ކުރިން އޮންނަނީ ކުރިން ޔޫތު ސެންޓަރުތަކުގައި މޭޒުތަކެއް ބަހައްޓާފައި އަމިއްލަ އަށް ކުޅެން ދޫކޮށްލުން. އެކަމަކު އޭގެ ބަދަލުގައި އެތަންތަނަށް ދާއިމީ ކޯޗުން ލައިފިއްޔާ އައުޓްޕުޓް ތަފާތުވާނެ. މިސާލަކަށް މާލޭގައި ހަ ދުވަހު ޕްރެކްޓިސް އޮންނާނެ ވައިޑީޕީ އާއި ޓީމުތަކުގެ. އެގޮތަށް ޒޯންތަކުގައި ވެސް ކަންކަން ބަދަލުވެން ނަތީޖާ އަންނާނީ،" ޝިއުރީ ވިދާޅުވި އެވެ.
ޓީޓީ އެސޯސިއޭޝަން އާ ދައުރަކަށް މި ހޭލީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީމުން ހާއްސަކޮށް ޒުވާން ދެ ތަރިން ކަމަށްވާ ދީމާ އާއި އައިޝަތު ރަފާ ނާޒިމް ހޯދި ކާމިޔާބީތަކާ އެކު އުއްމީދުތައް މަތިވެފައިވަނިކޮށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކާމިޔާބީ ދިވެހި ޓީޓީ ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފާޅުކުރަނީ. --ފޮޓޯ: އެމްއޯސީ
ޝިއުރީ ވިދާޅުވީ އެ ކާމިޔާބީ ދަމަހައްޓައި އެހެން ހަރުފަތަކަށް ދިއުމަށް ބައިވަރު ކަންކަން ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ތަމްރީންތައް ބޭއްވުމާއި އެކްސްޗޭންޖް ޕްރޮގްރާމް ހިންގުމާއި ކޯޗުންނާއި ރެފްރީން އުފެއްދުމުގެ އިތުރުން ކުޅޭނެ ފެސިލީޓީސްތައް ގާއިމްކުރަން ހިމެނޭ ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ ފައިސާއާ ކަމަށާއި މިހާރު ހެދިފައި އޮތް ރަނގަޅު ޕްލޭން ހާސިލްކުރަން މާލީ އެހީ ލިބިއްޖެއްޔާ އެކަންކަން ކުރެވޭނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.
"ރާއްޖޭގައި އާއްމުކޮށް ބަޖެޓަށް މި ލިބެނީ ތިން ލައްކަ އާއި ހަ ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް. އެއީ އެކަށޭނެ އަދަދެއް ނޫން. އެކަމަކު މިދިޔަ ހަތަރު އަހަރު ހާއްސަކޮށް ފަހު ދެ އަހަރު މިނިސްޓްރީން ވަރަށް ބޮޑަށް އެހީވެދީފައިވަނީ. ސްޕޯޓްސް މިނިސްޓަރު މަހުލޫފުގެ ފަރާތުން ވަނީ މިދިޔަ 60 އަހަރާ ނުބައްދަ އެހީއެއް ލިބިފައި. އައިއޯއައިޖީގައި ނަތީޖާ ނެރެވުނީ އެ ފުރުސަތުތަކުގެ ސަބަބުން. މުބާރާތުގެ ކުރިން އިންޑިއާ އާއި ޗައިނާ އާއި ބެންކޮކުން ތަމްރީން ހެދުނު. އެއީ އާއްމުކޮށް ލިބޭ ބަޖެޓުން ކުރެވޭނެ ކަންކަމެއް ނޫން. އެހެންވެ ވަރަށް އުއްމީދު އެބައޮތް ކުރިމަގާ މެދު،" ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ތަކުރާރުކުރެއްވި ގޮތުގައި މި ސަރުކާރު ކުޅިވަރަށް ވަރަށް ޕޮޒިޓިވްކަމަށާއި ސަރުކާރުގެ ފަރާތުން ފެންނަނީ އެންމެންގެ އަތުގައި ހިފައިގެން މަސައްކަތްކުރަން ބޭނުންވާ މަންޒަރު ކަމަށެވެ. އެގޮތުން ވަސީލްތައް ގާއިމްކުރުމަށާއި ކާމިޔާބީ ހޯދުމަށް މަގުކޮށުމުގެ ގޮތުން ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ހޯދުމަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިއުރީ ފާހަގަކުރެއްވި ގޮތުގައި ސަރުކާރު އެގޮތަށް އޮތިއްޔާ ޓީޓީ އަށް ވެސް އެހެން އެސޯސިއޭޝަންތަކަށް ވެސް ކުރިއަށް ދެވިދާނެ އެވެ.
ޓީޓީގެ މި ފަހަރުގެ އިންތިހާބު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އާއްމުކޮށް އެއް އާއިލާއެއްގެ ގޮތުގައި ފެންނަ ޓީޓީ އާއިލާ ދެބައިވެ ބަހުގެ ހަމަލާތައް ވެސް ބަދަލުކުރި އެވެ. އެކަމަކު ޝިއުރީ ވިދާޅުވި ގޮތުގައި އެއީ ވަގުތީ ކަމެކެވެ. އިންތިހާބު ނިމުމާ އެކު އެރެއިން އެރެޔަށް މަރުހަބާގެ އޮއިވަރެއް ދެމި އެ ހޫނުކަން ކެނޑިފައިވާއިރު އަނެއްކާ ވެސް އެއް އާއިލާއެއްގެ ގޮތުގައި ޓީޓީ ފެންނާނެ ކަމުގެ ޔަގީންކަން ޝިއުރީ އަށް އެބައޮތެވެ.
"އެންމެންގެ ސަޕޯޓް ބޭނުންވޭ، ހުރިހާ އެންމެން އެކުވެރިވެގެން ކުޅިވަރެއް ޑިވެލޮޕްކުރެވޭނީ. މިސާލަކަށް ބުނާނަމަ މެމްބަރުންގެ އިތުރަށް ސަރުކާރާ މީޑިއާ ވެސް އިންވޯލްވާންވާނެ. އެންމެންގެ ސަޕޯޓާ އެކު މަސައްކަތްކޮށްލީމާ ކުރިއެރުން އަންނާނެ،" ޝިއުރީ ވިދާޅުވި އެވެ.
ޓީޓީގެ ރައީސް އައްޔަ އަކީ ވެސް ޝިއުރީ ފަދައިގެން ކުރީގެ ކުޅުންތެރިއެކެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް މިވަގުތު އެ ފުރަމުން އަންނަނީ ރައީސްކަމުގެ ދެ ވަނަ ދައުރެވެ. ޝިއުރީ ވިދާޅުވީ އައްޔަ އަކީ އެކުގައި މަސައްކަތްކޮށްލަން ނުހަނު ފަސޭހަ މީހެއް ކަމަށާއި ސީދަލަށް ވާހަކަދައްކާ އަދި އެންމެންގެ ހިޔާލާ އެކު މެނުވީ ކަންކަން ނިންމާ މީހެއް ނޫން ކަމަށެވެ.
އެ ހުރިހާ ޕޮޒިޓިވްކަންކަމާ އެކު ޝިއުރީ އެހުރީ އޭނާގެ ކުޅިވަރު ކެރިއަރުގެ އާ މަގާމުގައި ބަދަލެއް ގެނައުމަށް އަތުކުރި އޮޅާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy