ޓީޓީ އެސޯސިއޭޝަން ޑިޖިޓަލް ޒަމާނަކަށް

ވޭތުވެދިޔަ އަހަރު ރާއްޖެ އަށް ރަން ވަނަ ތަކެއް ހޯދައިދިން ކުޅިވަރު ކަމަށްވާ ޓީޓީގެ ވާހަކަތައް ނިމިދިޔަ ދުވަސްތަކުގައި ދެއްކުނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅުވައިގެންނެވެ. އެ އެސޯސިއޭޝަނުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ވާދަވެރި އެއް އިންތިހާބު ނިމުމުން މިހާރުގެ ހިންގާ ކޮމިޓީ އަމާޒުހިފާފައިވަނީ އެ މަގާމަށް އަންނަން ވީ ވައުދުތައް ފުއްދުމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ އެސޯސިއޭޝަން "ޑިޖިޓަލް އީރާ" ނުވަތަ ޑިޖިޓަލް ޒަމާނަކާ ދިމާލަށް މިސްރާބު ޖެހުމެވެ. މިއީ އެހެން އެސޯސިއޭޝަންތަކަށް ނަމޫނާ ދައްކައިދޭ ކަމެއްގެ ގޮތުގައި ކުރިއަށްދާން އެ އެސޯސިއޭޝަނުން ތިބީ އަމާޒުހިފައިގެންނެވެ.


"ވާދަވެރި އިންތިހާބެއް ވީމައާ އެކު އަޅުގަނޑުމެން ނުކުތީ މެނިފެސްޓޯއެއް ހިފައިގެން. ވައުދުތަކެއް ވެގެން. އިރާދަކުރެއްވިއްޔާ އެ ވައުދުތައް ބަހާލައިގެން ހަތަރު އަހަރު ތެރޭ ފުރިހަމަކުރަން މަސައްކަތް މި ފަށަނީ. އެންމެ ފުރަތަމަ އިސްކަމެއްދީގެން މި ކުރަނީ ޑިޖިޓަލް އީރާ އަކަށް އެސޯސިއޭޝަން ދިއުމުގެ މަސައްކަތް،" ޓީޓީ އެސޯސިއޭޝަނުގެ އާ ދައުރުގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ "މިހާރަ"ށް ވިދާޅުވި އެވެ.

ވާދަވެރިކަމަށް ފެނުނު ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިހާބުގައި ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށް މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން މަސައްކަތް ފަށާފައިވާއިރު، އައްޔަގެ އެންމެ ބޮޑު ތަސައްވުރަކީ ވެސް ވައުދުތައް ފުއްދައި ޓީޓީ އެހެން ލެވަލަކަށް ގެންދިއުމެވެ. އެކަން ކުރަން އޭނާ އަށް ލިބޭ ހިތްވަރަކީ އޭނާގެ ޓީމުގައި ގާބިލު މެމްބަރުންތަކެއް ތިބުމުގެ އިތުރުން ބަދަހި އާއިލާއެއްވެސް މި ކުޅިވަރުގައި އޮތުމެވެ.

ޓީޓީ އެސޯސިއޭޝަންގެ "ޑިޖިޓަލް އީރާ" އަކީ ކޮބާ؟

ދުނިޔޭގެ ތަރައްގީ ވެފައިވާ ކޮންމެ ގައުމެއްގައި ވެސް ކަންތައްތައް ކުރުމުގައި ލުއި ފަސޭހަ އަދި ޒަމާނީ އުސޫލުތަަކަށް އިސްކަންދެ އެވެ. އެ ވިސްނުން ކުޅިވަރުގައި ވެސް އޮތުމަކީ ދުނިޔޭގެ ނިސްބަތުން ކޮންމެ ކުޅިވަރެއް ވެސް އެންމެ ބޮޑު ކުރިއެރުމުގެ އަސްލެވެ. ޓީޓީ އެސޯސިއޭޝަނުން ޑިޖިޓަލް އީރާ އަކަށް ނުވަތަ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް އިސްކުރީ ވެސް ލުއި ފަސޭހަ ގޮތްތަކެއް ގެންގުޅުމެވެ. ވީހާވެސް ގާތުން އެންމެނާ އެކު މަސައްކަތްކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކުރުމަށެވެ.

ޝިއުރީ ވިދާޅުވީ ޑިޖިޓަލް އެރާގެ މަސައްކަތުގައި "މާސްޓަ މައިންޑް" އެއްގެ ރޯލު ކުޅެނީ ޓީޓީ އެސޯސިއޭޝަނުގެ އާ ހިންގާ ކޮމިޓީގެ މެމްބަރު އިސްމާއިލް ސުޖާއު ކަމަށެވެ. އަދި ސުޖާއުގެ ވިސްނުމާ އެއްގޮތަށް މަސައްކަތްތައް ގޮސްފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންވާ ވަރުގެ ތަފާތެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ޑިޖިޓަލް އީރާ އަކަށް ދިއުމުގެ ފުރަތަމަ މަރުހަލާ ފެށޭނީ އަންނަ ޖެނުއަރީ މަހު އެއް ވަނަ ދުވަހު ފަށަން ނިންމާފައިވާ ޓީޓީ އެސޯސިއޭޝަންގެ ވެބްސައިޓާ ހަމައިންނެވެ. ވެބްސައިޓާ އެކު މޮބައިލް އެޕްލިކޭޝަންތައް ވެސް ވުޖޫދުވާނެ އެވެ. މި ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ވެގެންދާނީ އެސޯސިއޭޝަނާއި ކުޅުންތެރިންނާއި އަދި އާންމު މެމްބަރުން ގުޅާލައިދޭ ވަސީލަތަކަށެވެ.

ޓީޓީގެ އެ ވެބްސައިޓު ތެރޭއިން ދެން ފެންނަ އަނެއް މަންޒަރުތަަކަކީ ކުޅުންތެރިންގެ ޑާޓަބޭސް އާއި ލައިވްސްޓްރީމް، އެނުއަލް އިވެންޓްސް، ނިއުސް އަދި އީ ސްޓޯ އެވެ. މީގެ ތެރެއިން ކުޅުންތެރިންގެ ޑާޓާ ބޭސް އާއި ލައިވް ސްޓްރީމް އަކީ ވަރަށް މުހިއްމު ދެ ވަސީލަތެއްކަން ޓީޓީ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

"ކުޅުންތެރިންގެ ޑާޓާ ބޭސް އަކީ އޮންނަން ޖެހޭ އެއްޗެއް. ކޮންމެ މީހެއް ގައުމަށް ކޮށްދިން ހިދުމަތެއް ފަަސޭހައިން ބަލާލެވެން އޮތީ އެ މީހެއްގެ ވެސް އަގުވަޒަންކުރުން. އަދި އެ މީހެއްގެ ކާމިޔާބީއާ ހަމައަށް ވާސިލްވާން މަސައްކަތްކުރާ މީހުންނަށް ވެސް ވާނެ ފަސޭހައެއް. ޓީޓީ އަކީ 60 އަހަރުވީ ކުޅިވަރެއް. އޭގެ މާނަ އަކީ ވަރަށް ގިނަ ކުޅުންތެރިންތަކެއް އައިސް ގޮސްފައިވޭ. އެ މީހުން މި ކުޅިވަރުގައި ހާސިލްކުރި ކަންތައްތައް ފެންނަން ޖެހޭ. އެ ފުރުސަތު މި ޑިޖިޓަލް އެރާގައި ޕްލޭޔާ ޑާޓަބޭސް ތެރެއިން ލިބިގެންދާނެ،" އުމުރުން 13 އަހަރުގައި ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕުގައި ވާދަކުރި ޝިއުރީ ވިދާޅުވި އެވެ.

ލައިވް ސްޓްރީމްގެ ޒަރިއްޔާ އިން މުސްތަގުބަލުގައި މެޗުތައް ވަގުތުން ބަލޭލެވޭނެ ފުރުސަތު ފަހިވެގެންދިއުމާއި ވައިޑީޕީ ހަރަކާތްތައް ފުޅާވެގެންދާއިރު، ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށްދާ ގޮތުގެ ވީޑިއޯތައް ވެސް ހިމަނަން ވަނީ ނިންމައިފަ އެވެ. އަދި މުބާރާތްތަކުގެ މެޗުތަކާއި އެހެން މުހިއްމު މެޗުތައް ވެސް ސްޓްރީމް އިން ބަލާލެވޭ ގޮތަށް ބަހައްޓަން ވަނީ ނިންމައިފަ އެވެ.

"މީގައި ވަރަށް މުހިއްމުކަމެއް އެއީ ކަންތައްތައް ރަނގަޅުކުރާއިރު އަބަދުވެސް ސްޓަޑީ ކުރުން. މިސާލަކަށް ވަރަށް ފަސޭހައިން ކުރިން ކުޅުނު މެޗެއް ނޫނީ ހާއްސަ ޓްރެއިނިން އެއް ވިޔަސް ބަލާލެވެން އިނިއްޔާ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވެގެން އެބަދޭ. ހަގީގަތުގައި ޓީޓީ މިހާރު އޮތް ޒުވާން ޓީމު (ހިންގާ ކޮމިޓީ) ބޭނުންވަނީ ވީހާ ވެސް އެންމެނަށް ފަސޭހަ ގޮތަކަށް ކުރިއަށްދާން. އާންމު މެމްބަރުން ވިޔަސް އަދި ގައުމީ ޓީމުގެ ކަމެއް ވިޔަސް،" ޝިއުރީ ވިދާޅުވި އެވެ.

ޓީޓީ ވެބްސައިޓްގައި ހިމެނޭ ހަބަރުތަކުގެ ކެޓަގަރީ ތިން ބަޔަކަށް ބެހޭނެ އެވެ. އެއީ ރާއްޖޭގެ ނޫސް މަޖައްލާތަކުން އާންމުކުރާ ޓީޓީއާ ގުޅޭ ހަަބަރުތައް ފެންނަ އެއް ކެޓަގަރީ އާއި ދުނިޔޭގެ ޓީޓީ ފެޑެރޭޝަން (އައިޓީޓީއެފް)ގެ ހަބަރުތައް ފެންނަ ކެޓަގަރީގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން ނެރޭ އާންމު ހަބަރުތަކާއި މުހިއްމު އެންގުންތަކުގެ ކެޓަގަރީ އެވެ.

ޓޭބަލް ޓެނިސް ޔޫނިއަން ކޮންގްރެސްގެ ތެރެއިން ޝިއުރީ (ކ) އާއި އައްޔަ.-- ފޮޓޯ: ޓީޓީ އެސޯސިއޭޝަން

މީގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް އާންމު މެމްބަރުން ބޭނުންވާ ގަޑިތަކުގައި ކުޅެން އަންނަން ހޯލް ބުކްކުރުން ފަދަ ކަންތައްތަކަށް ފަސޭހަތަކެއް އަންނާނެ އެވެ. އަދި މެމްބަރަކަށް ވުމަށް ފޯމު ފުރުމާއި މި ފަދަ ކަންތައްތައް ވެސް އޮންލައިންކޮށް ކުރެވޭނެ މަގު ފަހިކޮށްދޭން ނިންމާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި ނަމަވެސް އީ-ކާޑްގެ ހިދުމަތްތައް ދިނުމުގެ ވިސްނުން ވެސް އެބަހުރިކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.

އެހެން އެސޯސިއޭޝަންތަކަށް އެހީތެރިވުމުގެ ވިސްނުން ވެސް އެބަހުރި

ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލްކޮށްގެން ޓީޓީ އެސޯސިއޭޝަނުން މަސައްކަތް ފެށުމަކީ ހަގީގަތުގައި ރާއްޖޭގެ އެސޯސިއޭޝަނެއް ޒަމާނީ މޮޑިއުލެއްގެ ދަށުން ހިންގުމާ ދިމާލަށް ދިއުމުގެ ފެށުމެކެވެ. ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު ސުޖާއު ވިދާޅުވީ ޑިޖިޓަލްކޮށް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން އެހެން އެސޯސިއޭޝަންތަކުން ވެސް ގެންގުޅެން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި މިއީ މިކަން މިހާރު ކުރަން ޖެހޭނެ ގޮތަކީ. އެއީ ކުޅިވަރު އަނެއް ހަރުފަތަށް ގެންދަން ބޭނުންނަމަ މިހުރިހާ ކަމެއް އެބަޖެހޭ ކުރަން. އެހެން ނޫނީ ބޭނުންވާ ހިސާބަށް ދާން ފަސޭހައެެއް ނުވާނެ،" ސުޖާއު ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށްދިޔައިރު އެ އެސޯސިއޭޝަނަށް އެހެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ލިބުނު އެހީތެރިކަން ޓީޓީގެ އިސް ފަރާތްތަކުން ކުރި އެވެ. ސުޖާއު ވިދާޅުވީ ޓީޓީން ޑިޖިޓަލްކޮށް މަސައްކަތްތައް ފަށާއިރު މި ގޮތަށް ކުރިއަށްދާން ބޭނުންވާ އެހެން އެސޯސިއޭޝަންތަކަށް ވެސް އެހީވާން ތައްޔާރަށް އޮތް ކަމަށެވެ.

"މި (ވެބްސައިޓާއި އެޕްލިކޭޝަން) ބޭނުންކުރެވޭނެ ޓީޓީ ގޮތަށް ކުޅޭ އެހެން ރެކެޓް ސްޕޯޓްސް ތަކުގައި. މިސާލަކަށް ބެޑްމިންޓަނާއި ޓެނިހުގައި ވިޔަސް. އަދި ވޮލީ ވިޔަސް ނޫނީ އެހެން ކުޅިވަރެއްގައި ޑިޖިޓަލްކޮށް ކުރިއަށް ދާން ހުރިއްޔާ އަޅުގަނޑުމެންގެ ވިސްނުމުގައި މި ހުރި ކަންތައްތަކާއި އެހެނިހެން ގޮތްގޮތުން ވެސް އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީވާން،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލްކޮށް މަސައްކަތްތައް ފަށާއިރު މިއީ މުޅިން އާ ތަޖުރިބާ އަކަށްވުމުން ފުރަތަމަ ދުވަސްވަރުގައި އެކި ކަންތައްތައް ދިމާވާނެ ކަމަށާއި ދުވަސްތައް ހިނގަމުންދާ ވަރަކަށް މީގެ ފަސޭހަތައް ބޮޑަށް ތަޖުރިބާކުރެވި ޓީޓީ ކުރިއަރުވަން އިތުރަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.