ކުޅިވަރު

އަައިއޯއައިޖީގެ އުއްމީދުތަކަށް ކޮވިޑްގެ ހިޔަނި އެޅިފައި

މިދިޔަ އަހަރުގެ އައިއޯއައިޖީގެ އުފާފާޅުކުރުމުގެ ގޮތުން ޖުމްހޫރީމައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަރުކާރުގެ އިސްވެރިންނާއި ކުޅުންތެރިން އައިއޯއައިޖީގެ ދިދަ ހިފައިގެން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ ކުޅިވަރު އާއިލާ އާއި ސަރުކާރު އެއްގަލަށް އަަރައިގެން އެއް މިސާރަބެއްގައި މަސައްކަތްކޮށް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދީ ބުރަ މަސައްކަތުންނެވެ. ބިޑް ކާމިޔާބުކޮށް އެކި ލެވަލްގައި މަސައްކަތްތައް ގެންދާނެ މަގު ޗާޓެއް ކުރަހައި ކުރިއަށް މިސްރާބު ޖެހިތަނުން ލައިގަތީ މުޅި ދުނިޔެ އަށް ވެސް އޭގެ ނުރައްކާ ބޮޑުވެފައިވާ ކޮވިޑް-19 އެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރިގަތް ވަގުތު ރާއްޖެ އަށް ވެސް އޭގެ ނުރައްކާތެރިކަން ބޮޑުވި އެވެ. ސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައެއް ދަށަށް ގޮސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހުނެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުކުރާ ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ބައެއް މަސައްކަތްތައް ހިމެނެ އެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ކޮންމެ ދުވަަހަކު ކަންބޮޑުވާ ކަމެއް މިއީ. ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑަށް ހީވަނީ ތިކަމާ (އައިއޯއައިޖީ) ބެހޭގޮތުން ފައިނަލް ޑިޒިޝަނެއް ނެގޭނީ މިނިސްޓްރިއަލް ލެވަލްގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައި މި އޮންނަ ކޮމިޓީގައި ހެން،" މިދިޔަ މެއި މަހު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

Visnumakee IOIG faskureveytho belun: Mahloof

Visnumakee IOIG faskureveytho belun: Mahloof

The most trusted news source in the Maldives

Mihaaru

އައިއޯއައިޖީ ފަސްކުރެވޭތޯ ބެލުން އެއީ ސަރުކާރުގެ އެއް ވިސްނުން.

ތަފާތު އެކި ފަހަރު މަތިން އެކި ކުޅިވަރު ޕްރޮގްރާމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް މިނިސްޓަރު މަހުލޫފް ވަނީ އައިއޯއައިޖީ ބޭއްވުމުގައި ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ދައްކަވައިފަ އެވެ. އެ ގޮތުން މިދިޔަ އޮގަސްޓް މަހު ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަދަލުގައި މި މުބާރާތް ފަސްކޮށްލައިގެން ރާއްޖޭގައި ބޭއްވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ކޮންމެ ނިންމުމެއް ވެސް ނިންމުމުގައި މީގެ ޕޮލިސީ ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކުގެ ލަފާ ހޯދާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އޮލިމްޕިކް ކޮމިޓީ އާއި ގޭމްސްގެ އޮގަނައިޒިން ކޮމިޓީއާ މަޝްވަރާކުރައްވާ ހައްލުތަކެއް ހޯދޭނެ މަގެއް އޮތްތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

އައިއޯއައިޖީއާ ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީއާ ބައްދަލުކުރުން

އައިއޯއައިޖީގެ ބިޑް ރާއްޖެ އަށް ކާމިޔާބު ކުރެވުމާ އެކު 2023 ވަނަ އަހަރުގެ މެޑަލް ޓާގެޓަކާ ހަމައަށް ވިސްނުން ބަހައްޓައި އެސޯސިއޭޝަންތަކުން ދުރުރާސްތާ ޕްލޭންތަކާ އެކު މަސަައްކަތް ފަށައިގަތެވެ. މީގެ ކުރިން ވެސް މި ގޭމްސްގައި ރާއްޖެ އަށް ޝަރަފުވެރި ކާމިޔާބީތައް ލިބިފައި އޮތީ ދުރާލާ ރަނގަޅު ޕްލޭންތަކެއް ހަދައިގެން އެއަށް މަސައްކަތް ކޮށްގެންނެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ކުޅިވަރު ހަރަކާތްތައް ހުއްޓިފައިވުމަކީ އެސޯސިއޭޝަންތަކުގެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރަން ބަލާއިރު މި ވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މިދިޔަ ހަފްތާގައި އައިއޯއައިޖީއާ ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކުގެ ސީނިއާ އޮފިޝަލުންނާ ބައްދަލުކުރެއްވުން.

މިދިޔަ ހަފްތާގެ ތެރޭގައި މިނިސްޓަރު މަހުލޫފް ވަނީ އައިއޯއައިޖީއާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އާއި އެސޯސިއޭޝަންތަކުގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ އެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި އައިއޯއައިޖީ ބާއްވަން ބަލާއިރު ހުރި ގޮންޖެހުންތަކާއި މި ވަގުތު ހާލަތު އޮތްގޮތް ވަނީ އޮޅުންފިލުވައިދީފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އެސޯސިއޭޝަނެއްގެ އިސް އޮފިޝަލަކު "މިހާރަ"ށް ވިދާޅުވީ މިހާރު 2023އާ ދެމެދު އޮތް މުއްދަތަށް ބަލާއިރު އައިއޯއައިޖީ ބާއްވަން ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް ގިނަ ކަމަށާއި މީގެ ކުރިއަށް ދެވޭނެ ގޮތެއް ސީދާ ބުނަން ދަތި ކަމަށެވެ.

"ޕްލޭނެއް ހެދޭނެ ގޮތެއް އަދި ނެތް ފެންނަން. އެއީ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ކަލަންޑަރު އިންނާނެ ގޮތެއް ވެސް އެނގެން އޮތީ ކޮވިޑް-19ގެ ކަންތައްތަކުން އަރައިގަނެވިގެން. އަނެއްކޮޅުން ލޯކަލީ ބަލާއިރު މި އަހަރު މި ދަނީ ހަމައެކަނި ޕްރެކްޓިސް އަހަރެއްގެ ގޮތުގައި. ކޮމްޕެޓިޓިވް މެޗެއް ނުލިބި މިހެއް ހުންނަން ޖެހޭއިރު ކުޅުންތެރިންނަށް ވެސް އަސަރުކުރާނެ. ކޮންމެ ގޮތެއް ވިޔަސް ވިސްނަން ޖެހޭ ހުރިހާ ގޮތަކަށް ވިސްނާފައި ވެސް މީގެ ރަނގަޅު ގޮތެއް ނިންމަންޖެހޭނީ. (އައިއޯއައިޖީ ބޭއްވުމުގެ) މި ފުރުސަތު ގެއްލުމަކީ ކުޅިވަރަށް ލިބޭ ވެއްޓުމަކަށްވާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ބޭރު ގައުމުތަކަށް މަތީ ފަންތީގެ ޓްރެއިނިންތައް ފުރިހަމަ ކުރަން ދިވެހި އެތުލީޓުން ފޮނުވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ. ރާއްޖޭގެ އާމްދަނީ އަށް ކޮވިޑް-19ގެ ސަބަބުން ބޮޑު ވެއްޓުމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އަންނަ އަހަރު އައިއޯއައިޖީ އަށް ތައްޔާރުވަން ފަށާއިރު ބޭރު ގައުމުތަކުގައި އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތައް ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމާއި މި ފަދަ ކަންކަމަށް ސަރުކާރުން ކިހާ ހޭދައެއް ކުރާނެތޯ އެއީ ވެސް ބައެއް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުމެކެވެ. އެކަމަކު މިނިސްޓްރީ އަށް ވެސް ސީދާ އެކަމާ ބެހޭ ގޮތުން ޖަވާބެއް ދެވެން އޮތީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލެވޭ ގޮތަކުން ކަމަށްވާއިރު، މި ވަގުތު އެކަމަށް ވެސް އޮތީ މާ ބޮޑު ހައްލެއް ނުފެނި އެވެ.

އޮލިމްޕިކް ކޮމިޓީގެ އެކްސްކޯއާ އެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް މަސައްކަތްކުރެވުނީ އައިއޯއައިޖީ ބާއްވަން ލިބިފައި މި އޮތް ފުރުސަތު ނުގެއްލޭނެ ގޮތެއް ހޯދުމެވެ. މީގެ ކުރިން މިނިސްޓަރު މަހުލޫފް ދެއްކެވި ވާަހަކަތަކަށް ބަލާއިރު އައިއޯއައިޖީ 2023 ވަނަ އަހަރު ނުބޭއްވިއްޖެނަމަ އެ މުބާރާތް ފަސްކުރަން ނޫނީ ދެން އޮންނަ ގޭމްސްގެ އެއްގެ ފުރުސަތު ރާއްޖެ އަށް ހޯދުން ހިމެނެ އެވެ. އަދި މިނިސްޓަރު ވަނީ އައިއޯއައިޖީ ނުބޭއްވުނަސް ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް މަދުވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކުޅުންތެރިންގެ އުއްމީދުތައް

ބައިނަލްއަގުވާމީ ގޭމްސްތަކަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާފައިވަނީ އައިއޯއައިޖީގަ އެވެ. މިހާތަނަށް ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބޮޑު ކުޅިވަރުގެ ގޭމްސް އެއް އަމިއްލަ ފަސްގަނޑުގައި ބޭއްވިފައިނުވާއިރު، އައިއޯއައިޖީގެ ބިޑް ކާމިޔާބުވުމުން ކުޅުންތެރިން ތިބީ އެ އުއްމީދުގަ އެވެ. އެކަމަކު އެ އުއްމީދުތަކަށް ވެސް މި ވަގުތު އޮތް ހުރަހަކީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ނުތަނަވަސްކަމެވެ.

"މިހާރު" އިން ވާހަކަ ދެއްކި ބައެއް ކުޅުންތެރިން ދެކޭ ގޮތުގައި އައިއޯއައިޖީ 2023 ވަނަ އަހަރު ނުބޭއްވުނު ކަމުގައި ވިޔަސް ރަނގަޅު ވަސީލަތްތަކެއް ތަރައްގީ ކުރެވޭނަމަ މުސްތަގުބަލުގައި އިތުރު ބައިނަލްއަގުވާމީ ގޭމްސްތައް ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ. ރާއްޖެ އަށް ގޭމްސް ހޯސްޓް ކުރަން ފުރުސަތު ނުލިބުމުގައި މިހާތަނަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތަކެއް ނެތުން ކަމަށް އެ ކުޅުންތެރިން ބުނެ އެވެ.

"ކޮވިޑް-19 ގެ ސަބަބުން މިއައި ބަދަލުތަކާ އެކު އައިއޯއައިޖީ ބޭއްވޭނެ ކަމުގެ އުއްމީދު މި ދަނީ ކުޑަވަމުން. އެކަމަކު ހަގީގަތް ގަބޫލުކުރަން ޖެހޭ. މިހާރު އިގްތިސާދު އޮތް ގޮތުން ވެސް މި އޮތް މަދު ވަގުތުގެ ތެރޭގައި ބޮޑު ހަރަދުތަކެއް ކޮށްގެން އައިއޯއައިޖީ ބޭއްވުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ. އެކަމަކު އައިއޯއައިޖީ އަށް ތައްޔަރުވާން ހަދަން ނިންމާފައިވާ ކުޅިވަރު ސްޓޭޑިއަމްތައް އެބަޖެހޭ ފުރިހަމަވާން. އޭރުން މުސްތަގުބަލުގައި ރާއްޖެ އަށް އިތުރު ގޭމްސްތަކެއް ބާއްވަން ފުރުސަތު ލިބިގެންދާނެ،" ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެމުން އަންނަ ކުޅުންތެރިއަކު "މިހާރަ"ށް ބުންޏެވެ.

2019 ވަނަ އަހަރުގެ އައިއޯއައިޖީގެ އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވަން މިދިޔަ ސަރުކާރުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރަސްމީކޮށް އެކަމުގެ މާ ބޮޑު މަސައްކަތްތަކެއް ނުކުރެ އެވެ. މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިމެނޭއިރު، އައިއޯއަައިޖީ ހޯސްޓްކުރަން ބިޑް ކާމިޔާބުކުރީ ވެސް އެ ވިސްނުމުގަ އެވެ. ކޮމޮރޯސް އާއި މަޑަގަސްކަރާ ފަހަތަށް ޖައްސާލައި ރާއްޖެ އަށް އައިއޯއައިޖީ ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމުގައި ސަރުކާރުން ކުޅިވަރު ތަރައްގީކުރަން ގެންގުޅޭ ސިޔާސަތު ބޮޑު ރޯލެއް ކުޅުނެވެ.

ކޮވިޑް-19ގެ އުނދަގޫ ހާލަތުގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރު ހަރަކާތްތަކެއް ވަނީ ފަސްކޮށްފަ އެވެ. ގިނަ މުބާރާތްތައް ފަސްކުރީ އެއް އަހަރު ފަހަތަށެވެ. މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ އާއި އޮލިމްޕިކްސް ފަދަ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ވަނީ ކުރިން ރޭވިފައި އޮތް ޝެޑިއުލް ބަދަލުކޮށް ފަސްކޮށްފަ އެވެ. ބައިނަލްއަގުވާމީ ގޭމްސްތައް ބާއްވަން ބަލާއިރު ރާއްޖެ ފަދަ ގައުމަކުން ކުރަން ޖެހޭ ހަރަދުތައް އެތައް ގުނައެއް އިތުރުވެފައިވާއިރު، އައިއޯއައިޖީ ފަސްކުރުމަކީ ވެސް ރަނގަޅު ހައްލަކަށްވާނެ އެވެ. ގެންގުޅޭ ވިސްނުންތަކަށް ބަލާއިރު 2025 ވަނަ އަހަރަށް ގޭމްސް ފަސްކުރުން ނޫނީ މި ފަހަރުގެ ގޭމްސްގެ ފުރުސަތު ދޫކޮށްލައި ދެން އަންނަ ގޭމްސް އެއް ހޯސްޓް ކުރަން ބިޑްކުރުން ހިމެނެ އެވެ އައިއޯއައިޖީ ބޭއްވުމާ މެދު ވަރަށް އަވަހަށް ފައިނަލް ގޮތެއް ނިންމާނެ ކަމަށް ދާދި ފަހުން ޓީވީ ޕްރޮގްރާމެއްގައި މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އަހްމަދު ހާދީ

18 October 2020

ލިޔެބަލަ އޮލިމްޕިކް ކޮމިޓީއަށް ޝަވީދުގެ ހިޔަނި އެޅިފައި އޮތް ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454