ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑް މެމްބަރުންނާއި ހަސަން ލަތީފް ބޭއްވި ބައްދަލުވުމުގެ ތެރެއިން.- ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން
11 ނޮވެމްބަރ 2020 - 09:36
ކުޅިވަރާ ބެހޭ ގާނޫނަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު އިތުރަށް ފުޅާކޮށް ކުޅިވަރު ހިންގުމުގައި ހުރި ފުށުއެރުންތައް ނައްތާލުމަށް މަގުފަހިވެގެންދާނެ އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިއީ ސްޕޯޓްސް ކޯޕަރޭޝަން ރަނގަޅަށް ހިންގަން ބަލާއިރު ކުރިއަށް އެޅިގެންދާނެ ފިޔަވަޅެއްގެ ގޮތުގައި ހަސަން ދެކިވަޑައިގަންނަވަ އެވެ.
ހަސަން ހުށަހެޅުއްވި އިސްލާހާ މެދު ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވާ ކަންތައްތަކެއް ހިމެނެ އެވެ. އެންމެ ބޮޑު ކަމަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ކުރިއަށްގެންދިއުމެވެ. އެކަމަކު 2015 ވަނަ އަހަރު ވުޖޫދުވި ކުޅިވަރު ގާނޫނަށް ހުށަހެޅުނު ފުރަތަމަ އިސްލާހުގައި ރަނގަޅު ކަންތައްތަކެއް ހުރިކަން ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ސްޕޯޓްސް ކޯޕަރޭޝަނަށް ދައުރު ފުޅާވެ އެ ކުންފުންޏަށް ބާރުތަކެއް ލިބޭ އިތުރު ގޮތްތަކެއް ކުޅިވަރު ގާނޫނުގެ ތެރެއިން ސާފުކޮށް ފެންނަން އޮތުމުގެ ފުރުސަތު މި އިސްލާހުން ލިބުމެވެ.
އިސްލާހު ހުށަހެޅުއްވި ސަބަބުގެ ތެރޭގައި ހަސަން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ކުޅިވަރާ ބެހޭ މުއައްސަސާތަކުގައި ހުރި ފުށޫއެރުންތައް ނައްތާލުމާއި އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެ ފުށްފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި އެ ފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމްކުރުމެވެ.
މި ސަބަބުތަކުގެ މައްޗަށް އަލި އަޅުވާލައި ހަސަންގެ އިސްލާހުން ސްޕޯޓްސް ކޯޕަރޭޝަނަށް ދޭ ބާރުތައް ވަނީ ސާފުކޮށް ފާހަގަކޮށްފަ އެވެ. އެ ގޮތުން އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގައި ކުޅިވަރު ކުޅުމަށް ކަނޑައަޅާ ބިންތަކާއި އިމާރާތްތަކުގެ ތެރެއިން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްގެ ވަސީލަތުގެ ގޮތުގައި ކަނޑައެޅޭ ވަސީލަތް ކުޅިވަރުގެ ވަސީލަތުގެ ގޮތުގައި ތަރައްގީ ކުރުމަށް އެއްބަސްވުމެއްގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރެވިގެންދާނެ އެވެ.
މީގެ ބޭނުމަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރަން ސަރުކާުރުގެ ކުޅިވަރު ސިޔާސަތައް ރިއާޔަތްކުރުމާއި ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ބިނާކޮށް ތަރައްގީކޮށް ބަލަހައްޓައި އެ ތަންތަނުން ވިޔަފާރިކޮށް ރައްޔިތުންނަށް އެ ތަންތަނުން ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތަށް ހަމަޖައްސަައިދިނުމެވެ.
ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަންތައްތައް ހިންގުމަކީ އެމްޑީޕީ އާއި ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށާއި އެ ގޮތަށް ކަންތައް ކުރާއިރު ސްޕޯޓްސް ކޯޕަރޭޝަނާއި ކައުންސިލްތައް ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުޅިވަރުގެ ދާއިރާއިން ކުރެވިދާނެ ކަމަށެވެ.
"މިސާލެއްގެ ގޮތުން ދަންނަވަންޏާ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުން ހުންނަ ކުޅިވަރުގެ ވަސީލަތް. އެއީ ކައުންސިލްގެ މިލްކިއްޔާތުގައި އޮންނަ ތަނެއް. އެހެން ނަމަވެސް އެއީ ކުޅިވަރުގެ ވަސީލަތެއް ގޮތަށް ތަރައްގީކުރަން ބޭނުމިއްޔާ އެ ސްޕޯޓްސް ކޯޕަރޭޝަނާ އެކީގައި ހެދޭ އެގްރީމެންޓެއްގެ ދަށުން ހިންގޭނެ ނިޒާމް މި ބިލުން ފަހިކޮށްދީފައިވާނެ. އެއީ މުހިއްމު ކަމެއް ގޮތުގައި ފާހަގަކުރެވެނީ،" ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ކުޅިވަރުގެ ވަސީލަތް ފެށުނީއްސުރެ ވެސް ރާއްޖޭގައި ތަރައްގީކުރަން މަސައްކަތްކުރަމުން އަންނަތަން. ތަރައްގީކުރާތަން ވެސް އެބަފެނޭ. އެހެން ނަމަވެސް އެ ތަންތަން ދެމެހެއްޓެނިވި ގޮތަކަށް ބެލޭނެ އިންތިޒާމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެ ތަންތަނަކީ ވަރަށް ރަނގަޅަށް ބަަލަހައްޓައިގެން ނޫނިއްޔާ ދެމެހެއްޓެނިވި ފައިދާ ކުރާނެ ތަނެއް ނޫން. އެކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު މި ފުޅާކުރަނީ މި ބިލުން."
ކުޅިވަރުގެ އިންފްރާސްޓްރަކްޗާ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރާއިރު އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ ދައުލަތުގެ ހަރަދުތަކަށް ވެސް އޭގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ހަސަން ފާހަގަކުރައްވާފައިވެ އެވެ.
ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އަދަލުވެރި މިންގަނޑުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން ވެސް ހިމެނެ އެވެ.
މި ސަރުކާރު އައި ފަހުން ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެމްބަރުންނާއި މީޑިއާ އާއި ކުޅިވަރު މާކެޓް ކުރުމުގެ މަސައްކަތުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ސްޕޯޓްސް މާކެޓިން ކޯހެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ސްޕޯޓްސް މިނިސްޓްރީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 61 ރަށަކަށް ޖިމް ސާމާނު ގެނައުމަށް ވެސް މަސައްކަތެއް ހަވާލުކުރެވުނެވެ. ސްޕޯޓްސް ކޯޕަރޭޝަނުން ގިނަ ޕްލޭންތަކެއް ހަދައި މަސައްކަތްތަކެއް ރާވައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކުޅިވަރު ވަސީލަތްތައް ބޭނުންވާ ގޮތުގެ ދިރާސާއެއް ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އެހެން ނަމަވެސް މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ފަހުން ވިދާޅުވީ ރަސްމީކޮށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ނިންމުން ކެބިނެޓުން ނިންމާފައިނުވާ ކަމަށާއި އެކަން ކުރެވެން އޮތީ މަޖިލީހަށް ހުށަހަަޅައިގެން ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން ކަމަށެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. ވިސްނުމަކީ ސްޕޯޓްސް ކޯޕަރޭޝަން ރައްޔިތުންނަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ކުރިއަށް ގެންދިއުމެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު (ވޮލީ ހުސެން) "މިހާރު" އަށް ވިދާޅުވީ އިސްލާހުގައި ހުރި ބައިތަކުގެ ތެރެއިން ހަމައެކަނި ސްޕޯޓްސް ކޯޕަރޭޝަންގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާނަމަ އެއީ އޭގެން ކޯޕަރޭޝަނަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެގޮތަށް ދެކޭ އެންމެ ބޮޑު ސަަބަބަކީ ކުޅިވަރުގެ ގާނޫނު ތެރެއިން އުފެދިފައިވާ އެކި މުއައްސަސާތައް ނޫނީ ގުނަވަންތަކުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން ކަހަލަ މުހިއްމު ގުނަވަނަކަށް އިތުރު ގާނޫނީ ބާރެއް ލިބިގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރުފުޅާކުރަން އެއޮތް ބައިން ހަގީގަތުގައި އެ ފުރުސަތު ލިބެނީ މުޅި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ތެރެއިން އެތައް ފުރުސަތުތަކެއް ފަހިކުރަން. އިސްލާހުގެ އެ ބަޔަށް އެކަނި އެއްޗެއް ބުނާނަމަ ހަގީގަތުގައި އެ ބައި ރަނގަޅު. އެއީ ސްޕޯޓްސް ކޯޕަރޭޝަނަށް ފުރުސަތުތަކެއް ފަހިވެ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު އިންފްރާސްޓްރަކްޗާ ބެލެހެއްޓޭނެ ނިޒާމެއް އެ އޮތީ،" ހުސެއިން ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑެއް އެކުލަވާލައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހަމަޖައްސައި ގިނަ ޕްލޭންތަކެއްގެ މަސައްކަތް ކުރަން ފެށި އެވެ. ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ނުވަތަ ކުޅިވަރުގެ ވަސީލަތްތަކަކީ ދައުލަތަށް ފައިދާވާ ގޮތަށް ވިޔަފާރި މޮޑެލަށް ހިންގާ ތަންތަން ގޮތުގައި ކަނޑައެޅުމަށް ގިނަ ޕްލޭންތަކެއް ކަރުދާހާ ހަމައަށް ގެންނަން މަސައްކަަތް ފެށި އެވެ.
ކުޅިވަރު ގާނޫނު މި ވަގުތު އޮތްގޮތުން ކުޅިވަރުގެ އެކި މުއައްސަސާތަކުގެ މަސައްކަތްތައް ފުށުއަރައި ކޯޕަރޭޝަނަށް ގާނޫނީ ގޮތުން ލާޒިމުވާ ބައެއް ކަންތައްތައް އަދިވެސް އޮތީ ނުކުރެވި އެވެ. ހަގީގަތުގައި ރާއްޖޭގެ ކުޅިވަރު ދެން އޮތް ހަރުފަތަށް ގެންދާނަމަ މިހާރު މަދުވެފައި އޮތްކަމަކީ ކުޅިވަރު ތެރެއިން ވިޔަފާރިތަކުގެ ފުރުސަތުތައް ފަހިވެ އާންމުންނާއި ދައުލަތަށް އޭގެ މަންފާ އިތުރުކުރެވޭނެ ގޮތްތައް އިތުރުކުރުމެވެ. ސްޕޯޓްސް ކޯޕަރޭޝަނުން އެކަމަށް ފޯކަސްކޮށް ރާއްޖެ އަށް އެކަށޭނެ ފުރުސަތުތައް ހޯދަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ހުސެއިން ވިދާޅުވީ މިހާރު ވެސް އެ ކުންފުނިން ގިނަ ޕްލޭންތަކެއް ހަދާފައިވާ ކަމަށާއި މަދުވަނީ މިކަމަށް ބޭނުންވާ އެހެނިހެން ސަޕޯޓް ކަމަށެވެ.
"ވިޔަފާރި މޮޑިއުލަށް ކުޅިވަރުގެ ވަސީލަތްތަކުގެ ތެރެއިން ހުރި ފުރުސަތުތަކެއް ހޯދުމުގެ މަސައްކަތް އެބަކުރެވޭ. ބައެއް ޕްލޭންތައް އެ ހުރީ ކަރުދާހާ ހަމައަށް ގެނެވިފައި. މި ކަންކަން ކުރިއަށް ގެންދަން މި މަދުވަނީ ޕޮލިޓިކަލް ވިލް ހަގީގަތުގައި. އެ ސަޕޯޓްތައް ލިބި ގާނޫނަކުން ސާފުކޮށް ލިބެން އޮންނަ ބާރުވެރިކަމެއް އޮންނަ ނަމަ ހަގީގަތުގައި މި މަސައްކަތްތައް ކުރެވޭނެ ކަމަށް ދެކެނީ،" ހުސެއިން ވިދާޅުވި އެވެ.
ހަސަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ހުރި ކަންތައްތައް ގުޅޭގޮތުން ކުޅިވަރުގެ އެކި ފަރާތްތަކުގެ ހިޔާލު ހޯދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ދާދި ފަހުން ހަސަން ވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑާ ވެސް މަޝްވަރާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ismail Rifau
12 November 2020
ރަގަޅު ވާހަކައެއް. ސްޕޯރޓްސް ޤާނޫނުގަ މިހާރު ބާރުދީފައި އޮތްކަމުގައިވީނަމަވެސް ޤާނޫނު ވުޖޫދަށް އައިއިރު އޮތް ސަރުކާރުން ވަނީ ކޯރޕަރޭޝަނަށް އެއްވެސް ބިމެއް އަދި ވަސީލަތެއްވެސް ނުދީފަ. ދެން ކޯޕަރޭޝަނުގެ މައިގަޑު މަސްއޫލިއްޔަތު ގެ ގޮތުގައި ނުހިމެނޭ ކުދިކުދި ކަންތައް ކޮއްލަ ކޮއްލާއެތިބީ!. މިކަމާއި އިދިކޮޅު ހަދާ ބަޔަކު އެ އިދިކޮޅު ހަދަނީ، ކޯޕަރޭޝަނުން ކުރަންޖޭހޭ ކަންތައް މިހާރު އެފަރާތުން ކުރާއިރު ލިބޭ ފައިދާއެެއް ދެން ނުލިބިދާނެތީ ކަމަށްވެސް ވެދާނެ!