މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
20 ނޮވެމްބަރ 2020 - 10:42
ފީފާ އިން ފުޓްބޯޅައިގެ ޑޭޓާބޭސް ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ތައްޔާރުކޮށްފައިވާ ފީފާ ކަނެކްޓް ޕްރޮގްރާމަށް ރާއްޖޭގެ ކްލަބްތައް އަހުލުވެރިކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.
މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ފީފާ ކަނެކްޓް ޑޭޓާބޭސް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަން ރާވައިފަ އެވެ. އެކަމަކު އެ ފަހަރު އެ މަސައްކަތް އެހާ ފުޅާކޮށް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށް ފަހު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުތައް ފީފާ ކަނެކްޓް އަށް އަހުލުވެރިކުރުމުގެ ގޮތުން މިހާތަނަށް ވަނީ ދެ ބައްދަލުވުމެއް ކްލަބްތަކާ އެކީ ބާއްވައިފަ އެވެ.
އެފްއޭއެމްގެ ޝޯ "ލެޓްސް ޓޯކް ފުޓްބޯލް"ގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވީ ކްލަބްތަކާ އެކީގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ފީފާ ކަނެކްޓް ސިސްޓަމް ވަރަށް ރަނގަޅަށް ކިޔައިދީފައިވާ ކަމަށާއި މީގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި ސިސްޓަމަކީ ފީފާ އިން ވެސް ބޭނުންކުރަމުންދާ ސިސްޓަމެއް. މީގެ އެހީގައި ކޯޗުން އޮފިޝަލުން އަދި ކުޅުންތެރިންގެ މައުލޫމާތު އެއްތާކުން ފަސޭހައިން ފެންނަން ހުންނާނެ. މައުލޫމާތު ގެއްލިގެން ހޯދާކަށް ނުޖެހޭނެ. މިއީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،" ރިޔާޒް ވިދާޅުވި އެވެ.
އެފްއޭއެމް އިން ކްލަބްތައް ފީފާ ކަނެކްޓް އަށް އަހުލުވެރިކުރަން ހިންގި ޕްރޮގްރާމް.
އެފްއޭއެމުން މީގެ ކުރިން ކްލަބްތަކާއި ކުޅުންތެރިން އަދި އޮފިޝަލުންނާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތައް ބަލަހައްޓަމުން އައީ މެނުއަލް ކޮށެވެ. އަދި ކްލަބްތަކުން ވެސް އަމަލުކުރަމުން އައި އެ ފަދަ އުސޫލެއްގެ ތެރެއިންނެވެ. އެކަމަކު ފީފާ ކަނެކްޓް ފަދަ ހަރުދަނާ ސިސްޓަމެއް އައުމުން އޭގެ ފައިދާ އެކި ގޮތްގޮތުން ފުޓްބޯޅަ އަށް ކުރާނެ ކަމަށް ބެލެވެ އެވެ.
ފީފާ އިން 2015 ވަނަ އަހަރު ފެށި ކަނެކްޓް ޕްރޮގްރާމް އަކީ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު ލޯންޗުކުރި ސިސްޓަމެކެވެ. މީގެ ސަބަބުން ފުޓްބޯޅަ އެސޯސިއޭޝަންތަކާއި އެ އެސޯސިއޭޝަންތަކުގެ މެމްބަރު ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެކި ސްޓޭކްހޯލްޑަރުންނާ ގުޅޭ މުހިއްމު މައުލޫމާތުތައް ފަސޭހަކަމާ އެކީ ރައްކާކުރެވި އެއްތާކުން ލިބެން ހުންނާނެ އެވެ. ފީފާ އިން ކަނެކްޓް ޕްރޮގްރާމް ފެށި އެންމެ ބޮޑު މަގުސަދަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭ މަސައްކަތްތަކުގައި ވީ އެންމެ ބޮޑަކަށް ފަސޭހަކޮށްފައި ބޭއްވުމަށްޓަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy