ސޮބާގެ ވިސްނުން ހުރީ ގްރީން ސްޓްރީޓުގައި މަޑުކުރަން

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓުން އަންނަ އަހަރު ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަަމަށް އެ ޓީމުގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.


ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު ގިނަ ކުޅުންތެރިންނާ އެކު އޮތް ގްރީން ސްޓްރީޓަކީ މި ފަހަރު ދެ ވަނަ ޑިވިޝަންގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމެވެ. ދެ ވަނަ ޑިވިޝަން ފައިނަލުން ގްރީން ސްޓްރީޓް މޮޅުވީ ކްލަބް ޒެފްރޯލާ ވާދަކޮށް 5-2 އިންނެވެ.

ސޮބާ "މިހާރު" އަށް ބުނީ އެ ކްލަބްގައި މަޑުކުރުމުގެ މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ކަމަށާއި އަންނަ އަހަރު ވެސް ފެނުމުގެ ފުރުސަތު ބޮޑީ އެ ޓީމުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތެއް އަދި މިފަށައި ގަތީ. ދެ ވަަނަ ޑިވިޝަނުގައި މި ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެ. ދެން އޮތީ ބުރަ މަސައްކަތެއް. ފުރަތަމަ ޑިވިޝަންގައި ވާދަކުރާނަމަ މިހާރަށް ވުރެ ޓީމު ވަރުގަދަ ކުރަން ޖެހޭނެ. އެ ސަޕޯޓް މެނޭޖްމަންޓުން ދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތީ. ޓީމު ވަރުގަދަ ކުރަން ކޮލިޓީ ހަތަރު ބިދޭސީ ކުޅުންތެރިން ވެސް ގެންނަން ޖެހޭ،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓަށް މި އަހަރު އިރުޝާދު ދިނުމުގެ ކުރިން ސޮބާ ވަނީ މިދިޔަ ސީޒަނުގެ އަށް މަސް ދުވަހު ނިއު އަށް ކޯޗުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސޮބާ ވަނީ އޭއެފްސީ ކަޕްގެ މުހިއްމު މެޗުތަކާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު އަށް އިރުޝާދުދީފަ އެވެ. ސޮބާގެ ކޯޗުކަމުގައި އޭއެފްސީ ކަޕްގައި ވެސް ނިއު އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ސޮބާ ނިއުގެ ކޯޗުކަމުން ވަކިކުރީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުން މާޒިޔާ އަތުން ބަލިވުމުންނެވެ. ކޯޗިން ކެރިއަރު އަލުން ފަށައި ސޮބާ ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ގްރީން ސްޓްރީޓަށް ކާމިޔާބު ކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ.