ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ފޭދޫ ކަޓައި، ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސެމީ އަށް

ޔުނައިޓެޑް ވިކްޓަރީގެ މައިޝާން (ވ) ކައިރިން ފޭދޫގެ އިއްބެ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

19 ނޮވެމްބަރ 2016 - 01:43

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ބަލިވެ ސ. ފޭދޫ މުބާރާތުން ކެޓިއިރު، ގްރޫޕް ބީ އިން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެއް މެޗު ބާކީ އޮއްވާ މި ގްރޫޕުން ސެމީގެ ޖާގަތައް ކަށަވަރުވީ ފޭދޫ ކުޅުނު ދެ މެޗުން ބަލިވުމުންނެވެ. ތިން ޓީމު ވާދަކުރާ މި ގްރޫޕްގެ އެއް ވަނައިގައި ޔުނައިޓެޑް ވިކްޓަރީ އޮތީ ދެ ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. ފޭދޫ މުބާރާތުން ކެޓީ ޕޮއިންޓެއް ނުލިބި އެވެ. މި ގްރޫޕްގެ އެއް ވަނަ ލިބޭނީ އަންނަ ހޯމަ ދުވަހުގެރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ނާވީ މުހައްމަދު ތިރިތިރިން ނަގައިދިން ހުރަސް ފޭދޫގެ އޭރިއާ ތެރޭގައި ހުރި އެ ޓީމުގެ ސީރިއާ ފޯވާޑް ކެރިކް އަންދްރޭ ފަޔަށް ލައްވާލާ ގޮތްނުވި އެވެ.

އޭގެ ހަތަރު މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އޭރިއާ ތެރެއިން ފޮނުވާލި ހަަމަލާ ފޭދޫ ކީޕަރު އޮމާރް ސީސޭ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ 10 މިނިޓަށް ފަހު ފޭދޫ އިން މެޗުގެ ތެރެއަށް އައިސް ކުޅުން ރަނގަޅުކުރި އެވެ. އެޓީމުން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (އިއްބެ) ދިން ބޯޅަ އަކުން އަލީ ލިރުއާމް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ފޭދޫގެ ޑިފެންޑަރު ހުސެއިން ލަތީފް (ކާލޯސް) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އިއްބެ ބޮލުން ފޮނުވާލި ބޯޅަ ވެސް ކީޕަރު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގެ އެންމެ ފަހު ހަމަލާ އުފެއްދީ ވެސް ފޭދޫ ޓީމުންނެެވެ. އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު ނެލްސަން ބުހާނޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ފޭދޫގެ ނެލްސަން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ 15 މިނިޓް ތެރޭގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ތިން ހަަމަލާއެއް ފޮނުވާލައިފަ އެވެ. ކެރިކް ފޮނުވާލި ބޯޅަ ދަނޑި ކައިރިން ދިޔައިރު، ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާ ފޮނުވާލި ބޯޅަ ކީޕަރު ސީސޭ ވަނީ މަތަކޮށްފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަލީ ހައިޝަމް ކުޅުންތެރިޔަކު ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ އެވެ. މި ޕެނަލްޓީ އަކީ ފޭދޫގެ އޭރިއާ ތެރެއިން އެ ޓީމުގެ ކީޕަރު ސީސޭ ޔުނައިޓެޑް ވިކްޓަރީގެ ކެރިކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލަނޑާ އެކު ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ ކޮންޓްރޯލް ލިބުނެވެ. އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ ހައިޝަމް އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅަ ހައިޝަމް ވަނީ ސައިޑްކިކަކުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި ފެނުނު އެންމެ ރީތި އެއް ލަނޑެވެ.

މީގެ އިތުރުން ވެސް ތިން ވަނަ ލަނޑެއް ޖަހަން ހައިޝަމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެހެން ނަމަވެސް ހައިޝަމް ފޮނުވާލި ގިނަ ހަމަލާތައް ފޭދޫ ކީޕަރު ސީސޭ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ފޭދޫގެ ފަރާތުން މާ ގިނަ އެޓޭކްތަކެއް ނުފެނެ އެވެ. މެޗުގެ އިތުރު ވަގުތުގައި އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މިއީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ ޕްރެޒިޑެންޓަސް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމަށް މި މުބާރާތުން ޖާގަ ލިބުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމުންނެވެ. މި ފަހަރުގެ އެފްއޭ ކަޕްގެ ހަތަރު ވަނަ ޓީމަކީ ވެސް ޔުނައިޓެޑް ވިކްޓަރީ އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 62%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454