ތަރާވީހް ނަމާދުން ރަހުމަތްތެރިންނާ ބައްދަލުވުމުން ރޯދަ ވީއްލަން ބުއި ފަނިތަށީގެ އަދަދު ގުނުމާއި ނަމާދުގެ މެދުތެރެއިން މާވެޔޮ މިސްކިތުގެ ތަނބަކަށް އެރުން ފަދަ ކަންކަމަކީ އިބްރާހިމް ރަމީޒް (އިއްބެ)ގެ ރޯދަ ހަނދާންތަކެވެ. އެންމެ ފޮނި ހަނދާނަކީ ރޯދަ މަސްތަކުގައި ނާނަކަޓާއަށް ކުރި އިންތިޒާރެވެ.

ދިރާގާ އެކު ގެނެސްދޭ "މިހާރު ބަދިގެ" އިން މި ރޯދަމަހުގެ ފުރަތަމަ މެހްމާނަކީ އެންމެންނާ ގުޅޭ ހިތްހެޔޮ، މަޖާ މިޒާޖުގެ އިބްރާހިމް ރަމީޒް (އިއްބެ) އެވެ. ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު އިއްބެ ކިޔައިދޭނީ ވަރަށް މީރުކޮށް ކައްޓަލައެއް ފިހާނެ ގޮތެވެ. މި ރެސިޕީގެ ތެރެއިން އިއްބެގެ ދިރިއުޅުމުގެ ބައެއް ރަހަތައް ވެސް ހިއްސާކުރާނެ އެވެ. 

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިއްބެ އަންނަނީ ދީނީ ކަންކަންކަމަށް މީހުން ހޭލުންތެރިކުރުމުގެ އިތުރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިފާއުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. 

ރެސިޕީ: މެކްސިކަން ސްޓައިލް ރޯސްޓެޑް ސްވީޓް ޕޮޓޭޓޯ

ބޭނުންވާ ތަކެތި 

2 ކައްޓަލަ (މެދު ސައިޒުގެ)

1 ޖޯޑު ބްލެކް ބީންސް (ކައްކާފައި)

1/3 ޖޯޑުގެ ކޯން (ކައްކާފައި)

1/2 ޖޯޑު އެވަކާޑޯ ކުދިކޮށް ކޮށާފައި

8 ޗެރީ ޓޮމާޓޯ (ފަޅިކޮށްފައި)

1/4 ރަތް ފިޔާ ކުދިކޮށް ކޮށާފައި

1/4 ސައިސަމްސާ ލޮނު

1 ސައިސަމްސާ ލުނބޯ ހުތް

1 ޖޯޑު ރެޑް ކެބެޖް (ގާނާފައި)

ސޯސް ތައްޔާރުކުރަން 

1 ޖޯޑު ގްރީކް ޔޯގަޓް

ޑިލް ކޮޅެއް 

1 ސައިސަމްސާ މުގުރި އަސޭމިރުސް 

1 ސައިސަމްސާ ލުނބޯ ހުތް

1 ސައިސަމްސާ މަސްޓަޑް ސޯސް 

1 ސައިސަމްސާ މާމުއި

ތައްޔާރުކުރާނެ ގޮތް

އަވަން 400 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. 

ކޮންމެ ކައްޓަލައެއް ދިގަށް ދެފަޅިކޮށްލާށެވެ. ކުޑަ އޮލިވް އޮއިލްކޮޅަކާއި ލޮނުކޮޅެއް އުނގުޅައި ޓްރޭއެއްގައި 45 މިނެޓް ވަންދެން ފިހެލާށެވެ.

ތައްޓެއްގައި ބްލެކް ބީންސާއި ކޯން އާއި އެވަކާޑޯ އާއި ޗެރީ ޓޮމާޓޯ އާއި ރަތް ފިޔާ އަދި ލޮނާއި ލުނބޯ ހުތް އެއްކޮށްލާށެވެ.  އެހެން ތައްޓެއްގައި ރެޑް ކެބެޖްކޮޅު ލުނބޯ ހުތްކޮޅެއް ލައިގެން އެއްކޮށްލާށެވެ. 

ޔޯގަޓްގެ ތެރެއަށް ކޮތަނބިރި ފަތް ނުވަތަ ޑިލްކޮޅާއި މަސްޓަޑްކޮޅު އެއްކޮށްގެން ސޯސް ތައްޔާރުކޮށްލާށެވެ. ބޭނުން ނަމަ މުގުރި މިރުސްކޮޅެއް އެއްކޮށްލެވިދާނެ އެވެ.

ކައްޓަލަ ފިހެވުމުން އަވަނުން ނަގައި މެދުތެރެ މަޑުމަޑުން ޗަސްކޮށްލާށެވެ. 

Badhige 2026 - Ibrahim Rameez Roasted Sweet Potato
Badhige 2026 - Ibrahim Rameez Roasted Sweet Potato

ކޮންމެ ކައްޓަލަ ފަޅިއެއްގެ ތެރެއަށް ކުރިން ތައްޔާރުކުރި ތަރުކާރީކޮޅު ފަތުރާލާއި މައްޗަށް ކެބެޖްކޮޅު އަޅާލާށެވެ. އޭގެ މައްޗަށް އަޅާނީ ތައްޔާރުކުރި ޔޯގަޓް ސޯސްކޮޅެވެ.

ނާނަކަޓާގެ ހަނދާން އަދިވެސް ނުފިލާ

ކެއްކުމަށް ލޯބިކުރާ އަދި އެކަނި ބޮޑެތި ކެއުންތައް ވެސް ތައްޔާރުކުރާ ހިތްވާ އިއްބެގެ އާއްމު ކެއުމަކީ ގަރުދިޔަ އާއި ބަތެވެ. ހަވާދާއި ތެލާއި ވަރަށް ދުރެވެ. ރޯދަ މަހަށް އިއްބެއަށް އެންމެ ކަމުދަނީ ރޮއްޓާއި މަސްހުނި ފަދަ ކެއުމެކެވެ. 

ރޯދަ މަސް ފެށުނު ކަމުގެ އިހްސާސް ކުރިން ކުރެވެނީ އިއްބެ ކިޔައިދިން ގޮތުގައި "ނާނަކަޓާ" (ހަކުރާއި ފުށާއި ކުކުޅުބިހާއި ގިތެލާއި ކާފޫރުތޮޅި އަޅައިގެން ފިހާ ފޮނި ކާއެއްޗެއް) ގަނެވުމުންނެވެ. ޕާން ނުވަތަ ބަނަސް ފިހާ ގެތަކުގައި ތައްޔާރުކުރާ ނާނަކަޓާ ގަންނަން އިންތިޒާރުގައި ހުންނަން ޖެހުން އިއްބެގެ ހަނދާނުގައި އަދިވެސް ހުރެ އެވެ.

އަސުރު ނަމާދަށް ފަހު ކިޔޫގައި ނުޖެހިއްޖެ ނަމަ ނުލިބޭ ދުވަސްތައް ވެސް އަންނަ ކަމަށް އިއްބެ ބުންޏެވެ. 

ރޯދަ ވީއްލައިގެން ނަމާދަށް ދަނީ މާވެޔޮ މިސްކިތަށެވެ. ހުރިހާ ކުދިން ވެސް އޭރު ބަލަނީ އިއްބެ ބުނި ގޮތުގައި ތަނބު ކައިރީގައި ތިބެވޭތޯ އެވެ. އެއީ ސަޖިދައަށްދާ ވަގުތު ތަނބަށް އެރުމަށެވެ. 

"ސަޖިދަށް މުދިމު ދިޔައީމަ ޖެހޭނެ ތަނބަށް އަރާފައި ސީލިންގުގައި އަތްލާފައި ފައިބަން. އެހެން އުޅުމުގެ ތެރޭގައި ބައެއް ކުދިން ތިބޭނެ އެ ތަނބުގައި ހަރުލާފައި ވެސް. ރޯދަމަހާ ގުޅިގެން އަންނަ ކަންކަން މިއީ," ކުޑައިރުގެ މަޖާ ހަނދާނެއް ހިއްސާކުރަމުން އިއްބެ ކިޔައިދިނެވެ.

އެ ހަނދާންތަކުގެ ވާހަކަ މިހާރު ވެސް ރަހުމަތްތެރިންނާ އެކު ދައްކަ އެވެ. އެކަމަކު އިއްބެއަކީ މިހާރު ދީނީ ކަންކަމަށް ލޯބިކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ގުރުއާނުން ދެ ސޮފްހާ ނަމަވެސް ކިޔަވައި އާއްމު މަސްތަކުގައި ވެސް ހަތިމްކުރާ ބޭފުޅެކެވެ. އިއްބެ ކިޔައިދިން ގޮތުގައި ކޮންމެ ނަމާދެއްގެ ފަހަތުގައި ނޫނަސް ގުރުއާނުން ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކު ވެސް ކިޔެވޭތޯ ބަލަ އެވެ. ރޯދަ މަހު ގުރުއާން ކިޔެވުން އިތުރުކުރެ އެވެ. 

ހެޔޮކަންތަކުގައި ދެމިހުރެ އެހެން މީހުންނަށް އެހީތެރިވުމަކީ އިއްބެގެ ކޮންމެ ދުވަހެއްގެ އަޒުމެވެ.