ކެއްކުމަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް އާއްމުކޮށް ކުރައްވާ ކަމެއް ނޫނެވެ. ރޯދަ މަހާއި އާއްމު މަސްތަކުގައި ވެސް އޭނާއަށް ހަވާލުވެފައި އޮންނަނީ ކެއްކުމަށާއި ގެއަށް ބޭނުންވާ ސާމާނު ފިހާރަތަކުން ގަނެގެން ގެނެސްދިނުމަށެވެ.
ތައުލީމް ހާސިލްކުރަން ރާއްޖެ އިން ބޭރުގައި އުޅުއްވި އިރު ވެސް ގްރޫޕް ހަދާފައި އެކުވެރިން ކައްކާއިރު ތޯހާ ބައްލަވަނީ އޭނާއާ ޖެހޭ ދުވަސްތަކުގައި ބޭރަށް އެންމެން ގޮވައިގެން ކާން ދެވޭތޯ އެވެ. ކައްކަން ހޭދަކުރާ ވަގުތު ސަލާމަތްކުރުމަށެވެ.
"މައިސޫރުގައި އެކުގައި ކިޔަވަން އުޅުނު 15 ވަރަކަށް މީހުން. އޭރު ގްރޫޕްގެ ކޮންމެވެސް ބޭފުޅަކަށް ހަދިޔާއެއްދީގެން ނަމަވެސް އަޅުގަނޑާ އެކީ ކެއުމަށް ބޭރަށް ދާނެ މީހެއް ހޯދަނީ." ސަމާސާ ރާގެއްގައި ވިދާޅުވި އެވެ.
އެކަމަކު އެ ވިސްނުން މިހާރު ތަފާތެވެ. އޭނާގެ ދަރިވަރުންނަށް ވެސް ބާރު އަޅުއްވަނީ ކެއްކުމާ އެކު ދިރިއުޅުމުގެ އެހެން ހުނަރުތައް ވެސް ދަސްކުރެއްވުމަށެވެ.
އެއް ކަމަކަށް ވުރެ ގިނަ ކަންކަން ކުރަން އެނގޭ މީހަކަށް ވުމަށެވެ.
ދިރާގާ އެކު "މިހާރު ބަދިގެ" އިން ޕްރެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު ޕްރިންސިޕަލް ތޯހާ މިއަދު ދަސްކުރެއްވީ ދުބާއީ ޗޮކްލެޓް ޑޭޓްސް ހަދާނެ ގޮތެވެ. ކެއްކުމުގެ އާ ފިލާވަޅެކެވެ.
ދުބާއީ ޗޮކްލެޓް ޑޭޓްސް ހަދަން ބޭނުންވާ ތަކެތި
14 ކަދުރު
40 ގްރާމް ކަޓައިފީ ޕޭސްޓްރީ
30 ގްރާމް ތަހީނީ
180 ގްރާމް މިލްކް ޗޮކްލެޓް
1 ސަމްސާ ގީ
ޕިސްތާޗިއޯ ޕޭސްޓް
ތައްޔާރުކުރާނެ ގޮތް
ކަދުރުތައް ރަނގަޅަށް ދޮވުމަށް ފަހު ހިއްކާލާށެވެ. އެއް ފަރާތް ފަޅާލައި ކަދުރުގެ އޮށް ނަގާލާށެވެ.
ދެން ތައްޔާރުކުރަން ޖެހޭނީ ޕޭސްޓްރީ އެވެ. ތަވައަކަށް ގީކޮޅެއް އަޅައިގެން ޕޭސްޓްރީކޮޅަށް މުށިކުލަ އަރަންދެން ކެއްކުމަށް ފަހު އުނދުނުން ބާލައި ހިހޫކުރަން ބަހައްޓާށެވެ. ބޯތައްޓެއްގައި ޕިސްތާޗިއޯ ޕޭސްޓާއި ކަޓައިފީ ޕޭސްޓްރީ އަދި ތަހީނީ އެއްކޮށްލާށެވެ. ސަމްސަލެއް ބޭނުންކޮށްގެން މި ފިލިން ކަދުރުތަކުގެ ތެރެއަށް އަޅާލާށެވެ.
މި ފިލިންކޮޅު ހަރުވަންދެން ކަދުރުތައް ގާތްގަނޑަކަށް 10 މިނެޓް ފްރިޖަށްލާށެވެ.
ކަދުރުތަކުގެ މައްޗަށް އަޅަން ޖެހޭ މިލްކް ޗޮކްލެޓް މެލްޓްކޮށްލާށެވެ. އުލެއް ބޭނުންކޮށްގެން ޗޮކްލެޓްތަކުގެ ތެރެއަށް ކަދުރުތައް ގަންބާލުމަށް ފަހު ނަގާށެވެ.
މިހާރު ބަދިގެ އިން ދަސްކުރި އާ ފިލާވަޅާ އެކު ތޯހާ ވިދާޅުވީ ތައުލީމީ ދާއިރާގައި މި ހޭދަކުރެއްވި ދިގު މުއްދަތުގައި ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެއް ކަމަށެވެ.
ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ އެކު ދުވަސް ފަށައި ނިމޭއިރު، ދަރިވަރުންގެ ކުރިއެރުމަށް އަބަދުވެސް ރަނގަޅު ކުރަން ހުންނަ ކަންކަން ފާހަގަކުރައްވަ އެވެ. ތައުލީމީ ދާއިރާ އިން އޭނާ ހޯއްދެވި ކާމިޔާބީތައް ގުޅިފައި ވަނީ ވެސް ޕޮޒިޓިވް ވިސްނުމާ އެވެ.
އުފަން ރަށް ހއ. ހޯރަފުށީގައި އުޅުއްވި އިރު ބޮޑުދައިތަގެ ކެއްކުންތައް ތޯހާ އަށް ވަރަށް ކަމުދެ އެވެ. ރިހަ އާއި މައްސުނި ކަހަލަ ދިވެހި ރަހަތަކަށް އެއީ ފެވަރިޓެވެ.
"ދެން ފަހުން މަންމަގެ ކެއްކުންތައް، ހީވަނީ ބޮޑުދައިތަގެ ފަރާތުން ދަސްވެފަ ކަންނޭނގެ. މިހާރު ވެސް ރަމަޟާން މަހު މަންމަމެން އުޅޭ ގެއަށް ގޮސް އެއްޗެއް ނުކައި ހިތްހަމައެއް ނުޖެހޭނެ. އެ ރަހަތަކަށް ވަރަށް ބޮޑަށް ހޭނިފައި ހުންނަނީ،" ތޯހާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ގޮތުގައި އަޅުގަނޑުމެން ކުޑައިރު އެއްވެސް ސަލީމެއް ނޫޅޭ ބަދިގެއަށް ވަދެ. އެކަމަކު މިހާރު ކޮއްކޮމެން ބޭބެމެން އުޅޭ ކެއްކުމުގެ ކަންތަކުގައި ވެސް."