ކާބޯލްގެ އަހްމަދު ސަމްއާން (ސޭމް) މިއަދު މާ މަޑުމަޑުން ހުރި ތަން ފެނުނަސް އޭނާގެ ރީލްސްތައް ބަލާ މީހަކު އެއީ، މިޒާޖު ކަމަކަށް ގަބޫލެއް ނުކުރާނެ އެވެ. އޭނާގެ އެންމެ ވީޑިއޯއަކުން އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގަނެ އެވެ. މީހުން ހެއްވާލައި ޝައުގުވެރިކަން ދަމައިގަތުމުގައި އޭނާގެ ޓީމުގެ އުކުޅުތައް މޮޅެވެ.
ސޯޝަލް މީޑީއާގައި އެ ކޮންޓެންޓްތައް ވެސް ވަނީ ވައިގައި ހިފައިފަ އެވެ.
ދިރާގާ އެކު މިހާރު ބަދިގެ އިން ސޭމް މިއަދު ބައްދަލުކޮށްލީ އޭނާއަށް މިހާ ހިސާބަށް އާދެވުނު ގޮތާ އެކު ރޯދަ ވީއްލާ ގަޑިއަށް ފަސޭހަ އަދި ހަށިގަނޑަށް ލުއި ރެސިޕީއަކާ އެކުގަ އެވެ.
ސޭމް ބުނި ގޮތުގައި އާއިލާގެ ޓީމަކާ އެކު މިހާރު ހިންގަމުން އަންނަ ކާބޯލްއަކީ ކިޔަވަން އުޅުނު އިރު ތަޖުރިބާކުރި ޕްރޮޖެކްޓެކެވެ. އެ މީހަކު ބޭނުންވާ ވައްތަރެއްގެ ތަރުކާރީ އާއި މީޓް އަޅައިގެން ކެވޭ ގޮތަށް ހަދާފައިވާ ކޮންސެޕްޓެކެވެ. ރާއްޖެއަށް ވެސް ކަމުދިޔަ އެ ކޮންސެޕްޓަކީ އޭނާއަށް ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
ސްޕައިސީ ޓޫނާ ރެޕް
ބޭނުންވާ ތަކެތި
1 މަސްދަޅު
މެޔޮނައިޒް
1 ސަމްސާ ސޯޔާ ސޯސް
ޓޮމާޓޯ
ޗިޕްސް ޕެކެޓެއް (މައިޓޯސް)
3-2 ސަމްސާ ސިރާޗާ ސޯސް
ގާނާފައި ހުރި ޗެޑާ އަދި މޮޒެރެއްލާ ޗީޒް
ލޮނުކޮޅެއް
އަސޭމިރުސް
ޓޯޓިލާ ރޮށި
ތައްޔާރުކުރާނެ ގޮތް
މަސްދަޅާއި މެޔޮނައިޒާއި ސޯޔާ ސޯސް އާއި ކޮށާފައި ހުރި ޓޮމާޓޯ އާއި ސްޕްރިންގް އަނިއަން އަދި ސިރާޗާ ސޯސް އެއްކޮށްލާށެވެ. ބޮޑު ޓޯޓިލާއެއްގެ މައްޗަށް މި މަސްގަނޑު އަޅާށެވެ. މީގެ މައްޗަށް ގާނާފައި ހުރި ޗެޑާ އަދި މޮޒެރެއްލާ ޗީޒް ބުރުވާލާށެވެ. މަސްގަނޑު މައްޗަށް ޗިޕްސްކޮޅެއް އެޅުމަށް ޓޮޓީލާގެ ދެ ފަރާތް ބަންދުކުރުމަށް ފަހު ފިހެލާށެވެ.
އަމިއްލަ ވިޔަފާރިއަކާ ހަމައަށް ސޭމްގެ ވިސްނުން ދިޔައީ މެލޭޝިއާގައި ކަލިނަރީ އާޓްސް ކިޔެވި އިރެވެ. އެ ކޯސް ނިންމައި ރިސޯޓެއްގައި ވެސް މަސައްކަތްކޮށް ތަޖުރިބާ ކުރި އެވެ. އެ ތަޖުރިބާތަކުގެ ތެރޭގައި ދަސްވި ވަރަށް ގިނަ ކަންކަން ކުރިއަށް ދާން ފަސޭހަވިކަން ސޭމް ފާހަގަކުރެ އެވެ.
އޮންލައިން ޕޭޖަކުން ކާއެއްޗެހި ވިއްކަން ފެށިއަސް މިހާރު ވަނީ އެ ވިޔަފާރި ފުޅާކޮށްފަ އެވެ.
"ޝެފަކަށް ވުމަކީ އެހާ ފަސޭހަކަމެއް ނޫން. ވަރަށް ބައިވަރު ވަގުތުތައް ހޭދަވާނެ. އެކަމަކު ކަސްޓަމަރުންނަށް ރަނގަޅު ކެއުންތައް ތައްޔާރުކޮށްދޭން ޕެޝަންއާ އެކު ކުރިއަށް ގޮސްފި ނަމަ ކާމިޔާބުވާނެ."