އެންމެ ޑިޝްއެއް ޝޫޓްކޮށްލަން 3-4 ގަޑިއިރު ނެގި އިރު ވެސް ނުޒެއިރުގެ ޝައުގުވެރިކަން ނުގެއްލެ އެވެ. އޭނާ ބޭނުންވީ ދިވެހިންގެ ކެއިންބުއިމުގެ އާދަތަކަށް "ރަހަތަފާތުން" ހެޔޮ ބަދަލެއް ގެނެސްދެއްވުމަށެވެ. އެކަން އޭނާ ކާމިޔާބު ވެސް ކުރެއްވި އެވެ. 

އޭގެ ފަހުން ނުޒެއިރަކީ އެ ދާއިރާގައި ވަރަށް ވަރުގަދަ ބްރޭންޑެކެވެ. ކެއްކުމުގެ ޝޯތަކުން ދިވެހިންނަށް އާ ރަހަތަކާއި އުކުޅުތައް ތައާރަފްކޮށްދެއްވި އެވެ. 

އަހަރުތަކަކަށް ފަހު ނުޒެއިރު މި ފެންނަނީ، ދިރާގާ އެކު މިހާރު ބަދިގެއިންނެވެ. މި ޝޯގެ ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު ކްރީމީ ޓަސްކަން ޗިކަން ރެސިޕީއާ އެކު ދިރިއުޅުމުގެ ތަފާތު ރަހަތައް ހެޔޮވަރުކޮށްދެއްވާނެ އެވެ. 

މުޅި ހަޔާތުގައި ވެސް ހާރުކެއީ ގަރުދިޔަ އާއި ރޮއްޓާ. އެކަމަކު ވީގޮތަކީ ކޮވިޑުގެ ފަހުން މަަހަށް އެލާޖިކްވެއްޖެ. ކުރިން އެއްގަމު މަހަކީ އަޅުގަނޑު ވަރަށް ރުޅި އަންނަ އެއްޗެއް. ވަރަށް ނުކަން.
ނުޒެއިރު

ރަހަތަފާތުން ބައިވަރު ހަނދާންތަކެއް އާއްމުންނަށް ދޫކޮށްލެއްވިޔަސް ނުޒެއިރު މިހާރު އުޅުއްވަނީ ފުޑް އެންޑް ބެވަރޭޖްއާ ވަރަށް ދުރުގަ އެވެ. ސަބަބަކީ މި ދާއިރާއަށް ޒުވާނުން ނުކުތުމުގެ ފުރުސަތު ދެއްވުމެވެ. 

"އަޅުގަނޑުމެންނަކީ މިހާރު އުމުރުން ދުވަސްވީ މީހުންނެއްނު. ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭނެ. ދެ ގޮތަކަށް ވިސްނީ. އެއްގޮތަކީ މި ދާއިރާއިށް ބޭނުންވާ އިންގްރިޑިއެންޓްސް އާއި ވަސީލަތްތައް ތަރައްގީކުރަނީއޭ. އަނެއް ގޮތަކީ މީހުން ވެސް އެވެއާކޮށްގެން ނެރެންވީއޭ. އޭގެތެރޭގައި ގާތްގަނޑަކަށް މިއުޅެވެނީ،" ނުޒެއިރު ވިދާޅުވި އެވެ. 

ކްރީމީ ޓަސްކަން ޗިކަން 

ބޭނުންވާ ތަކެތި 

2 ޗިކަން ތައި 

1 ސަމްސާ ލޮނު (ކުކުޅު މެރިނޭޓްކުރަން)

1/2 ސަމްސާ އަސޭމިރުސް (ކުކުޅު މެރިނޭޓްކުރަން)

ތެޔޮ ފޮދެއް 

2 ލޮނުމެދު ކޮށާފައި

1 ފިޔާ ކުދިކޮށް ކޮށާފައި

ކުދިކޮށް ކޮށާފައި ހުރި ޓޮމާޓޯކޮޅެއް

40 ގްރާމް ނުވަތަ 1 ޖޯޑު ސްޕިނިޗް

1 ޖޯޑުގެ ހެވީ ކްރީމް

1/2 ސަމްސާ ލޮނު

1/2 ސަމްސާ އަސޭމިރުސް

1/4 ޖޯޑު ޕާމެޒާން ޗީޒް 

ކޮށާފައި ހުރި ޕާސްލީކޮޅެއް 

ތައްޔާރުކުރާނެ ގޮތް 

ބޯންލެސް ޗިކަން ތައިގެ ފެންތައް ޓިޝޫއަކުން ހިއްކާލާށެވެ. ދެން ލޮނާއި އަސޭމިރުސްކޮޅު ދެ ފަރާތުގައި އުނގުޅާލާށެވެ.

ތަވައަކަށް ތެޔޮ ފޮދެއް އަޅައިގެން މުށި ކުލަ އަރަންދެން ކުކުޅު ތެލުލާށެވެ. ރަނގަޅަށް ރޯފިލުމުން މަސްތައް ނަގައި ތައްޓަކަށް ލާށެވެ. 

ހަމަ އެތަވާގައި ފިޔަ އާއި ލޮނުމެދު މީރުކޮށްލާށެވެ. އޭގެތެރެއަށް ޓޮމާޓޯކޮޅު އަޅައި 1-2 މިނެޓް ކައްކާލާށެވެ. އޭގެ ފަހުން ސްޕިނެޗް އަޅައި މޯޅިވަންދެން ބަހައްޓާށެވެ. އޭގެތެރެއަށް އަޅާ ސޯސް ތައްޔާރުކުރާނީ ހެވީ ކްރީމްގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ޕާމެޒާން ޗީޒް އެއްކޮށްލައިގެންނެވެ. 

އެ ސޯސްތައް ކުކުޅު މަސްގަނޑު މައްޗަށް ސަމްސަލަކުން ރީއްޗަށް އަޅާލާށެވެ. މަޑުގިނީގައި 8-10 މިނެޓް ވަންދެން ކައްކާލާށެވެ. މައްޗަށް ޕާސްލީކޮޅެއް ބުރުވާލުމުން ތައްޔާރުކޮށް ނިމުނީ އެވެ. 

ރޯދަ ހިފާ ހިތުން ނުނިދައި އެތައް ރެއެއް

ކުޑައިރުގެ ހަނދާންތައް އާކުރައްވައި ވިދާޅުވީ ރޯދަ މަސް އައުމުން ރޯދަ ހިފާހިތުން ދެން ނުވެސް ނިދައި ތިބޭ ކަމަށެވެ. މަންމަމެން ރޯދައަށް ބަހައްޓަން ބޭނުން ނުވާތީ ހާރުކާން ނުގޮވާނެ ކަން އެނގޭތީ ދެ ލޯމަރައި ނިދާ ކަމަށް ހެދިގެން ތިބޭ ކަމަށެވެ. 

"އޭރު އިވޭނެ ހާރުކާން ބޮޑު ބެރެއް ޖަހާ އަޑު. އޭގެ އަޑަށް އެންމެން ކާންފަށާނީ،" އޭނާ ވިދާޅުވި އެވެ. 

ނުޒެއިރު ވިދާޅުވީ އޭރުގެ ހާރުކެއުމަކީ ދޮންކޭލާއި ހަކުރާއި ފިހުނު މަސް ކަމަށެވެ. ނޫނީ ގަރުދިޔަ އާއި ބަތެވެ. ރިހަ ވެސް އެ ގަޑިއަށް އެހާ އާއްމެއް ނޫނެވެ. 

ފަހުން ހާރުގަޑީގެ ފެވަރިޓަކީ ގަރުދިޔަ އާއި ރޮއްޓެވެ. 

ނުޒެއިރު ވިދާޅުވި ގޮތުގައި ރޯދަ މަސް، އާއްމު މަސްތަކެކޭ އޭނާއަށް މިހާރު މާބޮޑު ތަފާތެއް ނެތެވެ. އާއްމު މަސްތަކުގައި ވެސް އުޅުއްވަނީ "ވަރަށް ރޯދަވެގެން" ކަމަށް ވިދާޅުވި އެވެ.

ނުޒެއިރަކީ ޑައިޓް ކުރައްވާ ބޭފުޅެއް ނޫނެވެ. ހަށިގަނޑު އެއްވަރެއްގައި ހިފަހައްޓަނީ ފުޅި އާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ އާއި މަޔޮނައިޒާއި އެކި ވައްތަރުގެ ސޯސް ކަހަލަ އެއްޗެހިން ދުރުވެގެންނެވެ.   

އީޖާދީ ވިސްނުންތަކަށް ހޭލުންތެރިކުރުވުމުގައި

ކުދިންގެ ހުނަރު ކުރިއެރުވޭނެ ފަދަ ޕްލެޓްފޯމުތަކެއް ރާއްޖޭގައި ހުންނަ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރާ. މިހާރު މިސާލަކަށް ކާރެއް ހެދި ރަށެއްގެ ކުއްޖަކު. ކީއްވެ އެ ކުއްޖާ މޮޅު ނުކުރަންވީ. ކީއްވެ އޭނަ ޓެސްލާއަށް ނުފޮނުވަންވީ ދިވެހިރާއްޖެ އިން ސްޕޮންސާކޮށްގެން. 
ނުޒެއިރު

ނުޒެއިރު މިހާރު ގެންދަވަނީ "އީޖާދީ ވިޔަފާރި" ނަމުގައި  ޕޮޑްކާސްޓެއް ހުށަހަޅުއްވަމުންނެވެ. އޭގައި އޭނާ ހޭލުންތެރިކުރައްވަނީ ރާއްޖެއަށް ގަދަވެފައި އޮތް ބިދޭސީންގެ ނުފޫޒުން ދިވެހިން ކުރި ހޯދާނެ ގޮތެވެ.

ބޭރު މީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫނުކޮށް ކޮންމެ މަސައްކަތެއްގައި ވެސް ދިވެހިންނަށް ކުރެވޭނެ ކަންކަމުގައި ހީވާގިކަމާ އެކު އުޅެން ދަސްކުރުމުގެ މުހިއްމު ކަމެވެ. 

"ކޮންމެވެސް އީޖާދެއް އަހަރެމެން ކުރަން ވެއްޖެ ނޫންހޭ. މިގޮތަކަށް އަހަރެމެންނަށް ކުރިއަށް ނުގެންދެވޭނެ ނޫންހޭ، އެ މީހުން ދިން އެއްޗެއް ލިބިގެން. ވަކި އުމުރެއް ނެތް ދިވެހިން އެބަޖެހޭ ނޫންހޭ އަމިއްލަ އުފެއްދުންތެރިކަން ރާއްޖެއަށް ގެންދަން،" ޕޮޑްކާސްޓުގައި ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

"ކުދިންގެ ހުނަރު ކުރިއެރުވޭނެ ފަދަ ޕްލެޓްފޯމުތަކެއް ރާއްޖޭގައި ހުންނަ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރާ. މިހާރު މިސާލަކަށް ކާރެއް ހެދި ރަށެއްގެ ކުއްޖަކު. ކީއްވެ އެ ކުއްޖާ މޮޅުނުކުރަންވީ؟ކީއްވެ އޭނަ ޓެސްލާއަށް ނުފޮނުވަންވީ ދިވެހިރާއްޖެ އިން ސްޕޮންސާކޮށްގެން."