ދިރާގާ އެކު މިހާރު ބަދިގެއިން މިއަދު ބައްދަލުކޮށްލާނީ އުމުރުން ހަތް އަހަރުގެ ޚައިރާ ޔޫލީ ޔަމާން އެވެ.

މި އެޕިސޯޑުގައި ޚައިރާ ކިޔައިދޭނީ ކުޑަކުދިން ބައިވެރިކޮށްގެން އާއިލާ އެކުގައި ކާއެއްޗެއް ތައްޔާރުކޮށްލާނެ ގޮތެވެ. ސްކްރީން ޓައިމް ނުވަތަ ފޯނާއި ޓެބްލެޓާ ދުރުވެ ކުދިން ބައިވެރިކޮށްގެން ރޯދަ މަސް އެ ކުދިންނަށް ވެސް ޝައުގުވެރިކުރުވާނެ ގޮތެކެވެ. 

ޚައިރާ އަންނަނީ ވާހަކަ ދައްކާއިރު އިނގިރޭސި ބަސްތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ނަންތައް ކިޔައިދެމުންނެވެ. "ހައިރާގެ ދަތުރު" ގެ ނަމުގައި އިންސްޓަގްރާމްގައި ހިންގާ އެ ޕޭޖު ގިނަ ބަޔަކު ފޮލޯކުރެ އެވެ.

މަދު ބާވަތްތަކަކުން ތައްޔާރުކުރި ކާއެއްޗަށް ނަން ދިނީ އޭގައި ބޭނުން ކުރި ބާވަތްތަކާ ގުޅުވައިފަ އެވެ. މާބޮނޑި ޕާން ހަދާނެ ގޮތުގެ އިތުރުން އެއާއެކު ބުއިމެއް ތައްޔާރުކުރާނެ ގޮތް ވެސް ކިޔައިދޭނެ އެވެ.

މާބޮނޑި ޕާން

ބޭނުންވާ ތަކެތި 

4 ބިސް ކައްކާފައި

4-3 ސަމްސާ މަޔޮނައިޒް 

ލޮނުކޮޅެއް

އަސޭމިރުސް

8-6 ޕާން ފޮތި

1 ކެރެޓް

ސަލާމީ 

ޗީޒް

ތައްޔާރުކުރާނެ ގޮތް

ފެނު ކެއްކި ބިސް ޗަސްކޮށްލުމަށް ފަހު މަޔޮނައިޒާއި ލޮނާއި އަސޭމިރުސްކޮޅު އެއްކޮށްލާށެވެ. ޕާން ފޮތީގެ އަރިމަތި ކަނޑާލައި ކޯނެއްގެ ބައްޓަމަށް އޮޅާލާށެވެ. ތައްޔާރުކުރި ބިސް މިކްސްޗާ ކޯންތަކުގެ ތެރެއަށް އަޅާލާށެވެ. ކެރެޓާއި ސަލާމީ އަދި ޗީޒު ފޮތި މަލެއްގެ ބައްޓަމަށް ކަފައި ކޯންގެ މަތީގައި ރީއްޗަށް އަތުރާލާށެވެ.