އަބަދުވެސް ހަރަކާތްތެރި ޒައިނަބް މަންސޫރު (ޒައި)ގެ ފިޓްނަސް ދަތުރު ހީކުރާހާ ފަސޭހައެއް ނޫނެވެ. ގޮންޖެހުންތަކުން އަރައިގަނެ އޭނާ ބޭނުންވީ އެހެން މީހުންނަށް ލުޔެއް ހޯދައިދިނުމަށެވެ. ވީރުގެ ނަމުގައި އަންހެނުންނަށް ހާއްސަ ޖިމަކުން އޭނާ އަންނަނީ އެތައް ބައެއްގެ ދިރިއުޅުން ފަސޭހަކޮށްދެމުންނެވެ.
ދިރާގާ އެކު މިހާރު ބަދިގޭގައި ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު ޒައި މިއަދު ކިޔައިދޭނީ އޭނާގެ ފިޓްނަސް ދަތުރެވެ.
ފިޓްނަސް ކުރިއަރުވާ މީހެއްގެ ގޮތުގައި ހުރެ ގިނަ ބަޔަކަށް ކަމުދާނެ ރޯސް ފިއުޝަން ރެސިޕީ ނުވަތަ ފޮނި ބުއިމެއް ހަދައިގެން ޖަޖު ނުކުރައްޗެވެ. ޖިމަށް ދާތީ ވަކި އެއްޗެއް ނުކައި ނުވަތަ ނުބޮއި ހުންނާކަށް ޒައި ބާރެއް ނާޅަ އެވެ.
"ހުރިހާ އެއްޗެއް ވެސް ކެވޭނެ. އެކަމަކު ލިމިޓްކޮށްގެން. ޒައި ވެސް ކަން ހުރިހާ އެއްޗެއް. ވަކި އެއްޗެއް ނުކާން މިސާލަކަށް ބުނަނީ ކޮންމެ މީހެއްގެ ވެސް މިސާލަކަށް އިންނާނެ އެޗީވްކުރަން ބޭނުންވާ ގޯލެއް. އެ ގޯލަށް ރީޗްވާން ބައެއް ކަހަލަ ކަންކަން ހުންނާނެ ސެކްރިފައިޒް ކޮށްލަން ޖެހޭ. އެ ގޯލަށް ރީޗް ވެވުނީމަ ހަމަ އުފާވެރިކަމާ އެކު ކެއުން ކުރިއަށް ގެންދެވޭނެ،" ޒައި ކިޔައިދިނެވެ.
ކެއުމުގައި ހުރިހާ އެއްޗެއް ހިމެނިޔަސް ޒައި ބަލަނީ ޑީޕް ފްރައިކޮށްފަ ހުންނަ އެއްޗިއްސާއި ޕެކެޓް ކަހަލަ އެއްޗެއްސާ ދުރުގައި އުޅެވޭތޯ އެވެ.
ރޯސް ފިއުޝަން
ބޭނުންވާ ތަކެތި
ޖެލީ
ސާގު (ކައްކާފައި)
ސްޓްރޯބެރީ ކުދިކޮށް ކޮށާފައި
1 ދަޅު ފުރުޓް
އިސްބަގުލް (ފެނަށް ލާފައި)
ގެރިކިރުދަޅެއް
ރޯސް ސިރަޕް
ފެން ނުވަތަ ޕެކެޓް ކިރު
އައިސް ކިއުބް
ތައްޔާރުކުރާނެ ގޮތް
ސާގު މަޑުވަންދެން ކައްކާލުމަށް ފަހު ފެންކޮޅަކުން ދޮވެލާށެވެ. ޖެލީ އާއި ސްޓޯރޯބެރީ ކިއުބް ގޮތަށް ކުދިކޮށް ކޮށާލާށެވެ. ދެން ޖަގަކަށް ޖެލީ އާއި ސާގާއި ސްޓްރޯބެރީ އާއި ފުރުޓްދަޅު އޮއްސާލާށެވެ. ވަކި ޖަގެއްގައި ރޯސް ސިރަޕާއި ގެރިކިރު އެއްކޮށްލާށެވެ. އޭގެ ތެރެއަށް ފެން ނުވަތަ ކިރުކޮޅެއް ވެސް އެޅިދާނެ އެވެ. މީގެ ތެރެއަށް އިސްބަގުލް ވެސް އަޅާލާށެވެ.
މި ސިރަޕް އަޅާލަން ޖެހޭނީ ކުރިން ތައްޔާރުކުރި ފުރުޓާއި ސާގުގެ މައްޗަށެވެ.
ޒައީ ބާރު އަޅަނީ ކާހިތްވާ ހުރިހާ އެއްޗެއް ލިމިޓްކޮށްގެން ކެއުމަށް ފަހު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ގަވާއިދުން ކަސްރަތުކުރުމަށެވެ. މި އަޒުމުގައި އޭނާގެ ވީރަކީ އެތައް ބަޔަކަށް ހިތްވަރެކެވެ.