ރާއްޖޭގައި ވަރި ގިނައިރު، ގިނަ މީހުންގެ ދިރިއުޅުން ނިމެނީ ދެން ހަނދާނެ ގޮތެއް ނޭނގި ވަރަށް ހިތްދަތި ޒަހަމްތަކަކުންނެވެ. ގިނަ މީހުން މިކަން ތަހައްމަލްކުރަނީ އެކަނިމާ އެކަންޏެވެ. ދައްކަން ނުކެރޭ އެތައް ވާހަކަތަކަކާ އެކު ހިތުގައި އަޅާ ވޭން ބޮޑުކަމުންނެވެ. 

އެކަމަކު މި ވާހަކަތައް ނުދައްކައި ހިތުގައި ފޮރުވުމަކީ ހައްލެއް ނޫން ކަން ހަރުއަޑުން ހައްވާ ލީޝާ (ލީޝް) އަންނަނީ ކިޔައިދެމުންނެވެ. މެންޓަލް ހެލްތު އެޑްވޮކޭޓް އަދި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ލީޝްއަކީ މިހާރު ވަރަށް ގިނަ މީހުން ތަހައްމަލްކުރާ އުނދަގޫތަކަށް މަގު ދައްކައިދޭ މީހެކެވެ. 

ދިރާގާ އެކު މިހާރު ބަދިގޭގައި ކުޅިމަސް ޕިއްޒާ ތައްޔާރުކުރަމުން ލީޝް ކިޔައިދެނީ ދިރިއުޅުމުގައި ކުރިއަށްދާއިރު ދެ މީހުންގެ ހިއްސާ އޭގައި އޮންނަން ޖެހޭ މިންވަރެވެ. 

ބޭނުންވާ ތަކެތި

ޕިއްޒާ ފުށްގަނޑު

ތައްޔާރުކޮށްފައި ހުރި ކުޅިމަސް

މޮޒެރެއްލާ ނުވަތަ ސްލައިސް ޗީޒް

ޕިއްޒާ ސޯސް

ގްރެޔާ ޗީޒް

ކޮރިއެންޑާ

 

ތައްޔާރުކުރާނެ ގޮތް

ޕިއްޒާ ފުށްގަނޑުގެ މައްޗަށް ޕިއްޒާ ސޯސް އާއި ކުޅިމަސް ފަތުރާލާށެވެ. މައްޗަށް ޗީޒް އާއި ކޮރއެންޑާ ފަތްކޮޅު އަޅާށެވެ. ދެން ފުއްގަނޑު ރޯފިލައި ޗީޒް މެލްޓްވަންދެން އަވަނުން ފިހެލާށެވެ. 

"ބައެއް މީހުންނަށް ކައިވެންޏަކީ ކޯއްޗެއް ކަމެއް ނޭނގެ"


"ރާއްޖޭގައި އެންމެ ބޮޑަށް ޖެހިފައި އޮތް ވަބާއަކީ ވަރި. އޭގެ ސަބަބުން އެބައާދޭ ކުޑަކުދިން ބޮޑުވަމުން އަންނަ އިރު ބައިވަރު ނަފްސާނީ އިޖުތުމާއީ މައްސަލަތައް. ޑްރަގު ތެރެއަށް އެބަަދޭ ނުވަތަ ކުދިންގެ ކިޔެވުމަށް އަސަރުކުރޭ،" ލީޝް ބުންޏެވެ. 

މި މައްސަލަތައް މިހާ ބައިވަރު އަދިވެސް ފެންމަތިވަމުންދާއިރު މިކަމަށް އަޑުއުފުލާ މީހުން މަދުވުމަކީ ލީޝްގެ ކަންބޮޑުވުމެކެވެ. 

ލީޝް މިހާތަނަށް ވާހަކަ ދެއްކި މީހުންގެ ފަރާތުން އޭނާއަށް އެނގިފައިވާ ގޮތުގައި، ބައެއް މީހުން ކައިވެނިކުރަނީ ހަގީގީ މަގްސަދެއް ވެސް ނޭނގި އެވެ. އެއީ ދެ މީހުންގެ ވެސް ވަރަށް ބޮޑު ގުރުބާނީއެއްކަން އިހްސާސްވެ މައްސަލައެއް ޖެހޭއިރު ހައްލަކަށް މަސައްކަތް ކުރަނީ މަދު މީހުންތަކެއް ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"ލޯތްބަށްޓަކައި އަހަރެމެންގެ ނަފްސު އަމިއްލަ ޝިކާރައަކަށް އެބަވެގެންދޭ."

އޭގެކުރިން އަސްލު ބައިވެރިޔާ އިހްތިޔާރުކުރާ އިރު ދެކެވެން ޖެހޭ ވާހަކަތަކެއް ހުންނާނެ ކަން ފާހަގަކުރި އެވެ. ކަމެއްވާ އިރަށް އަމިއްލަ ނަފްސު ކުށްވެރިކޮށް އޭގެ ތެރެއަށް ގެނބި ހުސްނުވެ ވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް ކަން ލީޝް ހަނދާންކޮށްދިނެވެ.

އެންމެ ބޮޑަށް ޖެހޭ އެއް މައްސަލައަކީ ކައިވެންޏަށް ތައްޔާރުނުވުން ނުވަތަ މާލީ ފުދުންތެރިކަން ނެތި ދިރިއުޅުމެއް ފެށުމެވެ. 

"ލޯބިވާތީ ވަޒީފާއެއް ނެތަސް ކައިވެނިކުރަނީ. ލޯބިވާތީ ދިރިއުޅޭނެ ކޮޓަރިއެއް ނެތަސް ކައިވެނިކުރަނީ. ބޮޑެތި ލޯނުތައް ވެސް ނަގަނީ."

އެކަމަކު މި މައްސަލަތައް ޖެހޭއިރު ބައެއް މީހުންނަށް ދެން ހޯދޭނެ ހައްލެއް ނެތި ޖެހެނީ ދެ މީހުން ދެ މަގު އިހްތިޔާރުކުރަން ކަމަށް ލީޝް ބުންޏެވެ. 

މި މައްސަލަތަކުން އަރައިގަނެވޭނީ ކައިވެނީގެ ކުރިން ތައްޔާރުވެ ދެ މީހުންގެ ވެސް ހުންނަ ފަރަގުތައް އެކަކު އަނެކަކު ގަބޫލުކޮށްގެން ކަމަށް ލީޝް ބުންޏެވެ. އަދި ކަމެއް ދިމާވާއިރަށް އޮތް ހައްލަކީ ވަރި ކަމަށް ނުދެކި ވާހަކަދައްކައި ހައްލުކުރެވޭނެ މަގެއް ހޯދައިގެން ކަމަށް ބުންޏެވެ. 

"ދެ މީހުންގެ ހުންނަ ޑިފަރެންސްތަކާ އެކު އެކުގައި އުޅެން ދަސްކުރަންވީ."