ދަނޑުވެރި ކާށިދޫގައި ރޯދަ މަހު އެންމެ ހިނގާ އެއް ރެސިޕީއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު މި ރިހަ އެވެ. މި ނޫނަސް ދިވެހި ކެއުންތައް އެ ރަށުގައި ރޯދައަށް ތައްޔާރުކުރެ އެވެ. 

އެކަމަކު ދިރާގާ އެކު މިހާރު ބަދިގެ އިން މިއަދު ގެނެސްދޭނީ ކާށިދޫގައި މަސްބުރި ރިހަ ކައްކާ ގޮތެވެ.

ބައެއް މީހުންނަށް ރިހަ އާއި ރޮއްޓާ ނުލައި ރޯދަމަސް ފުރިހަމައެއް ނުވެ އެވެ. އެކި ރަށްރަށުގައި އެކި ގޮތަށް ކައްކާއިރު ކާށިދޫގައި މި ރިހަ މީރުކުރަން ކައްކައި ނިންމުމަށް ފަހު ހިކި މަސްކޮޅެއް އަޅަ އެވެ. 

މިއީ ރިހަ އިތުރަށް މީރުވާނެ އުކުޅެއް ކަމަށް މި ރެސިޕީ ތައްޔާރުކޮށްދިން ރިޝްތާ ބުންޏެވެ. 

ހަވާދުގަނޑު ހަދަން ބޭނުންވާނީ

ފިޔާ

ލޮނުމެދު

އިނގުރު

ހިކަނދިފަތް

ކޮތަނބިރި 

ދަވިއްގަނދު

އަސޭމިރުސް

ދިރި 

ކަރަންފޫ

ކާފޫރުތޮޅި 

ހުނި 

ހިކިމިރުސް

ރީނދޫ

ލޮނު

ރިހަ ކައްކަން ބޭނުންވާނީ

ކަންނެލި މަސް 

ފިޔާ

ލޮނުމެދު

ހިކަނދިފަތް

ރާނބާފަތް

އިނގުރު

ކާށިކިރު

ލުނބޯ 

ކޯންފްލާކޮޅެއް

ތައްޔާރުކުރާނެ ގޮތް

ހަވާދުގަނޑު ހެދުމަށް ބޭނުންވާނެ ސާމާނުތައް ތަވަޔަށް އަޅައި މަޑު މުށިކުލައެއް އަރަންދެން ބަހައްޓާށެވެ. އެއަށް ފަހު މިކްސަރަށް އަޅައި ހިމުންކޮށް ފުނޑާލާށެވެ.

 

ތެއްޔަކަށް ތެޔޮފޮދެއް އަޅައި ފިޔަ އާއި ލޮނުމެދާއި އިނގުރާއި ހިކަނދިފަތާއި ރާނބާފަތާ އެކު މީރުކޮށްލާށެވެ. ރަނގަޅަށް މީރުވުމުން އޭގެތެރެއަށް ހަވާދު އަޅާލާށެވެ. އިރުކޮޅަކު ކައްކާލުމަށް ފަހު މަސް އަޅައި ލޮނު ހެޔޮވަރުކޮށްލާށެވެ. މަތި ޖަހާލައިގެން ކުޑައިރުކޮޅަކު ކައްކާލާށެވެ.

ރޯފިލުމުން ގިރާފައި ހުރި ކޯންފްލާކޮޅު އަޅާލައި އެއްކޮށްލުމަށް ފަހު މައްޗަށް ލުނބޯހުތްކޮޅެއް ޖަހާލާށެވެ. މީގެ ތެރެއަށް މުގުރި ހިކިމަސްކޮޅެއް އަޅާލުމުން އިތުރު މީރުކަމެއް އަންނާނެ އެވެ.