އިޖުތިމާއީ ދާއިރާގެ މަސައްކަތަށް ޔުމްނާ ރަޝީދު (ޔުމް)އަށް ނުކުމެވުނީ އެހެން މީހުން އުފާވާ ކަމެއް ކޮށްދޭން އޮންނަ ޝައުގުވެރިކަމުގަ އެވެ. ގިފްޓް ބާސްކެޓްގެ ނަމުގައި ވޫލް އިން އެކި އެއްޗެހި ވިޔެ ވިއްކަން ހިންގި ޕޭޖު ވިޔަފާރިއަކަށް ބަދަލުވުމުން އޭނާ ދެން ބޭނުންވީ އެހެން މީހުންނަށް ވެސް އެކަން ދަސްކޮށްދޭށެވެ. 

ހިލޭ ސާބަހަށް ޔުމް އަންނަނީ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އެކި އެއްޗެހި ހަދަން ދަސްކޮށްދެމުންނެވެ. 

ދިރާގާ އެކު މިހާރު ބަދިގޭގައި ޔުމް ލަޒާނިއާ ސޫޕް ތައްޔާރުކޮށްދެމުން ކިޔައިދިނީ އެހެން މީހުންނަށް އެހީވެގެން އޭނާ އަށް ލިބޭ ހިތްހަމަޖެހުމުގެ ވާހަކަ އެވެ.

"ނާދީއަށް އައިސް އެކަން ދަސްކުރަނީ ވަރަށް ކުރާ ހިތުން. ވަރަށް ގިނަ މީހުންގެ ވާހަކަ އަޑުއަހަން ލިބޭ ވަގުތެއް އެއީ." 

ލަޒާނިއާ ސޫޕަށް ބޭނުންވާ ތަކެތި

 

ސީޒަނިންއަށް ބޭނުންވާނީ

1 ސަމްސާ ގާލިކް ޕައުޑާ

1 ސަމްސާ އޮރެގާނޯ

4/1 ސަމްސާ ޗިލީ ފްލޭކްސް 

2/1 ސަމްސާ ސްމޯކްޑް ޕެޕްރިކާ 

 

ސޫޕް ތައްޔާރުކުރަން

2 ސަމްސާ އޮލިވް އޮއިލް

1 މެދު ސައިޒުގެ ފިޔާ ކުދިކޮށް ކޮށާފައި

3 ލޮނުމެދު ގާނާފައި

2 ސަމްސާ ޓޮމާޓޯ ޕޭސްޓް

500 ގްރާމް މިންސްޑް ބީފް

2 ޖޯޑު ޓޮމާޓޯ ސޯސް

3 ޖޯޑު ޗިކަން ބްރޮތު

2/1 ޖޯޑު ހެވީ ކްރީމް

1 ސަމްސާ ހަކުރު

6-8 ލަޒާނިއާ ޝީޓް

1 ޖޯޑު މޮޒެރެއްލާ ޗީޒް 

 

ތައްޔާރުކުރާނެ ގޮތް

އޮލިވް އޮއިލްކޮޅެއް އަޅައިގެން ފިޔަ އާއި ލޮނުމެދު ފަސް މިނެޓް ވަންދެން މީރުކޮށްލާށެވެ. އޭގެތެރެއަށް ސީޒަނިންއަށް ބޭނުންވާ ސްޕައިސަސްތައް އަޅާލާށެވެ. ދެތިން މިނެޓް ކައްކާލުމަށް ފަހު ޓޮމާޓޯ ޕޭސްޓާއި ބީފް އަޅައި ރޯފިލަންދެން ކައްކާލާށެވެ. 

އޭގެތެރެއަށް ދެން އަޅާނީ 2 ޖޯޑު ޓޮމާޓޯ ސޯސް އާއި ހެވީ ކްރީމާއި ޗިކަން ބްރޮތާއި ފެނެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ހަކުރު ސަމްސާއެއް އަޅާށެވެ.

ސޫޕް ކެކެން ފެށުމުން ލަޒާނިއާ ޝީޓްތައް ކުދިކޮށްފައި އަޅާލާށެވެ. މަތިނުޖަހައި 20-30 މިނެޓް ވަންދެން ނުވަތަ ޕާސްތާ މަޑުވަންދެން ކައްކާށެވެ. އުނދުންމަތިން ބާލާފައި ޗީޒްކޮޅު އަޅާލާށެވެ.

އިޖުތިމާއީ ދާއިރާ އިން ކުރާ މަސައްކަތަށް އޭނާ އަށް ވަނީ އެވޯޑެއް ވެސް ލިބިފަ އެވެ. 

"ސޮފްޓް ޓޯއިސް ހަދަން ފުރަތަމަ ފެށީ އެކި ތަންތަނުން ކުނި ގެެނެސްގެން، ރިސައިކަލްކުރީ. ރޭގަނޑު ކުރިން ނުނިދޭތީ އެ ވަގުތުތަކުގައި ދަސްކުރީ. ހެނދުނު ހޭލާއިރު މީހުންނަށް ފެނިދާނެ 3-4 ޕްރޮޑަކްޓްސް ވެސް،" ޔުމް ބުންޏެވެ.

ނަފްސާނީ މައްސަލަތަކުން އަރައިގަތް ގޮތް ވެސް ޔުމް އަންނަނީ އެހެން މީހުންނާ ހިއްސާކުރަމުންނެވެ. އެ ވާހަކަތައް ގިނަ ބަޔަކަށް ކިޔައިދިނުމަކީ ވެސް އިތުރަށް ލިބޭ ފަސޭހައެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.