އެހެން މީހުންނަށް ހިތްވަރަކަށް ވާން އައިޝަތު އާދަމަށް މަޖުބޫރުވީ އޭނާ އަމިއްލައަށް 2018 ގައި ކުރިމަތިލާން ޖެހުނު ސިއްހީ ހާލަތެވެ. ކޮންމެކޮންމެ އެއްޗެއް ކެއުން މަނާވީ އެވެ. އެންމެ މީރުކޮށް ކާ ކެއުންތައް ދޫކޮށް ގަދަކަމުން ނަމަވެސް ދިރުވަން ޖެހުނީ ރަހައެއް ނުލާ ތަރުކާރީތަކާއި ހަނޑުލުގެ ބާވަތްތަކެވެ. އެކަމަކު އާދަވުމުން މިހާރު ފައިދާ ހުރި އެ ކެއުންތަކަށް ހޭނިއްޖެ އެވެ.\
އެހެންވެ އައިޝާ މިހާރު އަންނަނީ ދުޅަހެޔޮ ސިއްހަތަކަށް އެހެން މީހުންނަށް ބާރު އަޅަމުންނެވެ. އަމިއްލަ ގޭގައި "ލޯކެލޮރީގެ" ނަމުގައި ހިންގާ ޕޭޖުން ފައިދާ ހުރި ކެއުންތަކަށް އެތައް ބަޔަކަށް އައިޝާ މަގު ދައްކައިދެ އެވެ.
"ކާނެ އެއްޗެއް ނުލިބިގެން ހެދި ކެއުންތައް ބަޔަކަށް ވިއްކޭ ހިސާބަށް މިހާރު ގެނެވިއްޖެ،" އައިޝާ ބުންޏެވެ.
ދިރާގާ އެކު މިހާރު ބަދިގޭގައި ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު އޭނާ ތައްޔާރުކޮށްދޭނީ ޕިސްތާޝިއޯ ބައިޓްސް އެވެ.
ޕިސްތާޝިއޯ ބައިޓްސް
ބޭނުންވާ ތަކެތި
10 ކަދުރު (އޮށް ނަގާފައި)
އަލްމަންޑް
ވޯލްނަޓް
1/2 ސަމްސާ މުގުރި ކާފޫރުތޮޅި
1 ސަމްސާ ފޮނިތޮށި
މުގުރާފައި ހުރި ޕިސްތާޝިއޯ
ފުޑް ޕްރޮސެސާ ބޭނުންކޮށްގެން އަލްމަންޑާއި ވޯލްނަޓްސް މުގުރާލާށެވެ. އޭގެތެރެއަށް ކަދުރާއި ފޮނިތޮށި ކާފޫރުތޮޅި އަޅައި ޖައްސާލާށެވެ. ހިމުންވުމުން ގުޅަތަކެއް ހެން ހަދާލާށެވެ. ކޮންމެ ގުޅައެއް ފުނޑުކޮށްފައި ހުރި ޕިސްތާޝިއޯގެ ތެރޭގައި ފުރޮޅާލާށެވެ. ބޭނުން ނަމަ މާމުއިކޮޅެއް ވެސް ބޭނުންކޮށްލެވިދާނެ އެވެ. ފްރިޖްގައި 20-30 މިނެޓް ބަހައްޓާފައި ނަގާށެވެ.
މި ރެސިޕީ ލޯ ކެލޮރީން އުފައްދާ އޮރިޖިނަލް ޕީނަޓްބަޓާ ނުވަތަ އަލްމަންޑް ބަޓާއާ އެކުގައި ވެސް ތައްޔާރުކުރެވިދާނެ އެވެ.