ހިތްހެޔޮ ޕްޒެންޓަރު މަރިޔަމް ވަހީދާ (މަރީ) މޮޅީ ޕްރޮގްރާމެއް ނުވަތަ ޖަލްސާއެއް ހުށަހަޅައިދޭން އެކަންޏެއް ނޫނެވެ. ކެއްކުމަށް އޮތް ލޯބީގައި މަރީއަކީ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކުރާ މޮޅު ކެއްކުންތެރިއެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކެއްކުމަކީ ހިތާ ގުޅިފައި އޮތް ކަމެކެވެ.

އެކި ގައުމުތަކުގެ އާ ކެއުންތައް އެކްސްޕެރިމެންޓްކޮށް އެހެން މީހުންނަށް ކާން ދިނުމަކީ މަރީގެ އުފަލެވެ. ކެއުންތަކަކީ އޭނާއަށް ގުޅުން ބަދަހިކުރުމެކެވެ. 

ދިރާގާ އެކު މިހާރު ބަދިގެއިން ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު މިއަދު ބައްދަލުކޮށްލާނީ މަރީ އެވެ. ޕެރީޕެރީ ޗިކަން ރައިސް ރެސިޕީއާ އެކު ކެއްކުމުގެ ބައެއް ވާހަކަތައް މަރީ ހިއްސާކޮށްދެއްވާނެ އެވެ. 

ޕެރީޕެރީ ޗިކަން ރައިސް

 

ބޭނުންވާ ތަކެތި 

ޗިކަން ތައި

ފިޔާ 

ލޮނުމެދު 

ބެލްޕެޕާ

ޕާސްލީ 

ޕެޕްރިކާ 

ޕެޕާ 

އޮލިވްއޮއިލް

ބަޓާ

ސޯޔާ ސޯސް

ޕެރީޕެރީ ސޯސް

ޓޮމާޓޯ ޕޭސްޓް

ޗިކަން ބްރޮތު

ލޮނު

ހަނޑޫ

ތަރުކާރީކޮޅެއް (ބޭނުންވާ ވައްތަރެއްގެ)

 

ތައްޔާރުކުރާނެ ގޮތް

 

ކުކުޅުގައި އޮލިވް އޮއިލް އާއި ލޮނުމެދާއި އަސޭމިރުހާއި ޕެޕެރިކާ އަދި ލޮނު ހާކާފައި އެއްފަރާތެއްގައި ބަހައްޓާށެވެ. 

މެރިނޭޓްކޮށްލުމަށް ފަހު ރަނގަޅަށް ފިހެލާށެވެ. އޭގެ މަތީގައި ދެން އުނގުޅާނީ މީޑިއަމް ޕެރީޕެރީ ސޯސް އެވެ. ކުކުޅު ނިމުމުން ތަވައިން ނަގައި އެއްފަރާތްކޮށްލާށެވެ.

ހަމަ އެ ތަވާގައި ބަޓަރުކޮޅެއްގެ ތެރޭގައި ފިޔަ އާއި ލޮނުމެދާއި ބެލްޕެޕާ އާއި ޓޮމާޓޯ ޕޭސްޓް، ސޯޔާސޯސް އަޅައިގެން މީރުކޮށްލާށެވެ. އޭގެ ތެރޭގައި ހަނޑޫކޮޅު ވެސް ކުޑަކޮށް ހަނާކޮށްލާށެވެ. ދެން އަޅާނީ ޗިކަން ބްރޮތެވެ.

ތަވާގެ މަތި ޖަހައި ބަތްކޮޅު ރީއްޗަށް ކެކެންދެން ބަހައްޓާށެވެ. ބަތް ކެކުމުން އޭގެތެރެއަށް ތަރުކާރީކޮޅާއި ޕާސްލީ އަޅައި އެއްކޮށްލާށެވެ. އޭގެ މަތީގައި ކުރިން ތައްޔާރުކުރި ކުކުޅުތައް ބަހައްޓައި ސާވްކޮށްލާށެވެ. 

މަރީއަށް ރޯދަ މަސް ހަނދާންވަނީ ހެދިކާ ފެނުމުންނެވެ. ކުރިން ރޯދަ މަސްތަކުގައި ވަރަށް ގިނަ ބާވަތްތަކުގެ ހެދިކާ ހަދަ އެވެ. އޭނާގެ ފެވަރިޓަކީ ހަނޑުލު ގުޅަ އެވެ. ސިއްހަތަށް ބަލައިގެން އުޅެން ޖެހޭއިރު ހެދިކާ މިހާރު ސިއްހަތަށް ފައިދާ ހުރި ގޮތަށް ވެސް ތައްޔާރުކުރެވޭ ކަން މަރީ ފާހަގަކުރެއްވި އެވެ.

މަރީ ވިދާޅުވި ގޮތުގައި މި ފަހުން އެންމެ އުފާވަނީ ކޮންމެ ހުކުރުދުވަހަކު ކެއުމުގައި ދަރިފުޅާ އެކު ހޭދަކުރާ ވަގުތެވެ. ކޮންމެ ދުވަހަކު ވެސް ތައްޔާރުކުރާނީ ކޮންމެވެސް ގައުމެއްގެ ތަފާތު ކެއުމެކެވެ.