ރާއްޖޭގައި ހެލިކޮޕްްޓަރު ދަތުރުތައް އަލުން ފަށަނީ

ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރު ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.


މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތައް ކުރި ނަމަވެސް މިހާރު އެ އުޅަނދު ދުއްވަނީ ހަމައެކަނި އެމްއެންޑީއެފުގެ އެކި އޮޕަރޭޝަންތަކުގަ އެވެ. އާއްމުކޮށް ސިފައިން ހެލިކޮޕްޓަރު ބޭނުން ކުރަނީ ރެސްކިއު އޮޕަރޭޝަންތަކަށާއި ބަލި މީހުން އުފުލުމަށެވެ.

ބައިނަލްއަގްވާމީ އަދި މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެ ހުންނެވި މިނިސްޓަރު ވިދާޅުވީ ވިޔަފާރީގެ ގޮތުން، ހެލިކޮޕްޓަރު ދަތުރުތައް ކުރުމަށް ހުއްދަ ދޭން ނިންމާފައިވާއިރު މިހާރު މަސައްކަތް ކުރަނީ އޭގެ ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި މިދާ ބާރުމިނުގައި މި މަސައްކަތް ދާނަމަ، ހެލިކޮޕްޓަރުގެ ދަތުރުގެ ހިދުމަތް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބައެއް ބޭފުޅުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގުމަށް މިހާރު ވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް އަންނަނީ ލިބެމުންނެވެ.

"ހެލިކޮޕްޓަރުގެ ދަތުރުތައް ރާއްޖެއަށް އަލެއް ނުވާނެ. އެމްއެންޑީއެފުން ވެސް އަންނަނީ، ހެލިކޮޕްޓަރު ބޭނުންކޮށްގެން އެމީހުންގެ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަމުން،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ ބޮޑު ކަމެއް ރާއްޖޭގައި ފެށުމުގެ ކުރިން ސަލާމަތީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށާއި މި ކަމަށް ހުއްދަ ދިނުމުގެ ކުރިން، ކުރީގެ ހެލިކޮޕްޓާ އޮޕަރޭޝަންތަކުގެ ޑޭޓާތަކާއި ސަލާމާތީ ކަންކަން ހުރިނެތް ގޮތް ބަލާނެ ކަމަށެވެ.

އަދި މިނިވަން އެސެސްމެންޓްތަކެއް ހަދައި، ސަލާމަތީގޮތުން އެކަމަށް އެންމެ މަތީ ފެންވަރުގެ ހުއްދަތައް ހޯދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލިކޮޕްޓަރުގެ އިތުރުން، ވައިގެ ދަތުުރުފަތުރާ ގުޅޭ ތަފާތު އެހެން ވައްތަރުގެ ހިދުމަތްތައް ވެސް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް ޒަމީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަންފާ އިތުރު ކުރުމަށް ރެކްރިއޭޝަނަލް ހަރަކާތްތައް ފަދަ، ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި "ރޮޓަރީވިންގް" އެއާކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ގަވައިދުތައް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.