އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދޭންވީ "ރީތި އުންމީދީ ހަރަކާތް" ގޯސް މިސްރާބަކަށް ދިޔަ ނުދިނުމަށް ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ނިންމަވާލައްވައި ކުރެއްވި ޓްވީޓެއްގައި އިންތި "ރީތި އުންމީދީ ހަރަކާތް" ކަމަށް އިޝާރާތް ކުރައްވާފައި ވަނީ އެމްޑީޕީ އަށެވެ.
"މިއީ ވަރަށް ގިނަ ބައެއްގެ، ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާއި ގުރުބާރީން ނަގައި ކޮޅަށްޖެހުނު އިސްލާހީ ހަރަކާތެއް،" އިންތިގެ ޓްވީޓްގައިވެ އެވެ. "މި ރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނުކުންނަވާ ވޯޓު ދެއްވާ! "
ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ދުވަހަކު ވެސް ނުއުފުދޭ ވަރުގެ ވާދަވެރިކަމެއް މި އިންތިހާބުގައި ވަނީ އުފެދިފަ އެވެ. އިންތި އަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ތާއީދުކުރާއިރު އޭނާއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިންނެވެ.
ކެމްޕެއިން ތެރޭ އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
ކެމްޕެއިން ތެރޭ ފައްޔާޒްގެ ފަރާތުން އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުން ނަމަ ޕާޓީ އިސްލާހުކުރަން އޭނާ އިންތިހާބުކުރުން މުހިންމު ކަމަށެވެ. އަނެއްކޮޅުން އިންތި ދެއްކެވީ ފައްޔާޒާ އެކު ޕާޓީގެ މިސްރާބު ބަދަލުވެދާނެ ވާހަކަ އާއި ކޮރަޕްޝަންގެ ވާހަކަ އެވެ.