އައިޖީއެމްއެޗްގެ ޕޯޓަލުން މީހުންގެ ޒާތީ މައުލޫމާތު ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގަށް އަންގައިފި އެވެ.

"ދިޔަރެސް" ނޫހުގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ އަޒާނަށް ފުލުހުން ފޮނުވި ޗިޓްގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ މާދަމާ 3 ޖަހާއިރު އެވެ.

އޭނާ ހާޒިރުކުރަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލް އަށް އަންއޮތޮރައިޒްޑް އެކްސެސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތުތައް ހޯދައި ލީކުކޮށްފައިވާ މައްސަލާގަ އެވެ.

އެކަމަކު، އޭނާ ހާޒިރު ކުރަނީ ނޫސްވެރިކަމުގެ ގޮތުން އަދާކުރި ޒިންމާއެއްގެ ސަބަބުން ކަމަށް އަޒާން ބުންޏެވެ.

އަޒާން ބުނީ، އެ މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމާ އޭނާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ބަލި މީހުންގެ ޒާތީ މާއުލޫމާތު އެންމެނަށް ވެސް ބެލޭކަން އެ ނޫހުން ރިޕޯޓްކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ވައިޓްސްއެޕް ގްރޫޕްގައި އަޒާން ބުނީ ނޫސްވެރިންގެ މަސައްކަތަކީ ހަމައެކަނި އާޓިކަލް ލިޔުން ނޫން ކަމަށާއި އާޓިކަލް ލިޔުމުގެ ކުރިން ނޫސްވެރިން ވެސް ތަހުގީގުކުރާ ކަމަށެވެ.

"ދިވެހި ފުލުހުންނަށް އިންވެސްޓިގޭޓިވް ޖާނަލިޒަމް އެއީ ކޯއްޗެއްކަން ނޭނގުމަކީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމެއް ނޫން،" އަޒާން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަޒާން ހާޒިރުކުރަނީ އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގަކަށް ސުވާލުކުރަން ކަމަށާއި އެއީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ތަހުގީގުކުރާ މައްސަލައެއް ކަމަށެވެ.

އެ މައްސަލާގެ ތަހުގީގަށް އިތުރު ބަޔަކާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަޒާން ހާޒިރުކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ހިދުމަތުން ނުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.