ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިންގެ ޓީމު.
21 އޯގަސްޓް 2022 - 13:13
އިންޑިއާގެ އެމިޓީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާ އަށް ފުރައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނާއި އެޑިޓަރުން ތަމްރީނުކުރުމަށް ބާއްވާ އަށް ދުވަހުގެ އެ ޕްރޮގްރާމުގައި 20 ނޫހަކުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ކައުންސިލުން ބުނި ގޮތުގައި އެ ޕްރޮގްރާމުގައި ނޫސްވެރިކަމުގެ އެތިކްސް އާއި މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތަކާއި ނޫސްވެެރިކަމުގެ ބެސްޓް ޕްރެކްޓިސް އާއި ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓްކުރާނެ ގޮތާއި ކުއްލި ހާލަތުގައި ރިޕޯޓްކުރުމުގެ ސުލޫކީ މިންގަނޑުތައް ނޫސްވެރިންނަށް ކިޔައިދޭނެ އެވެ. އަދި ސިޓިޒަން ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ އިތުރުން މޯބައިލް ރިޕޯޓިން އާއި ކޮމިއުނިޓީ ބްރޯޑްކާސްޓިން އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމާއި އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް ވެސް އެ ޕްރޮގްރާމުގައި ކިޔައިދޭނެ ކަމަށް މީޑީއާ ކައުންސިލުން ބުންޏެވެ.
އެ ޕްރޮގްރާމުގައި އިތުރަށް ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ހިމެނެނީ އާންމު މަސްލަހަތު ހިމެނޭ މުހިއްމު ކަންކަން ފީޗާ ރިޕޯޓެއްގެ ގޮތުގައި ގެނެސްދޭނެ ގޮތްތަކާއި ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމު ކަމާއި އޯޑިއަންސް އެންގޭޖުކޮށްގެން ހަބަރާއި ރިޕޯޓް ގެނެސްދޭނެ ގޮތްތަކާއި މީޑިއާގެ މުހިއްމުކަމުގެ ހުދޫދުތަކާއި ހޭޓް ސްޕީޗާއި ސޯޝަލް މީޑިއާގެ މުހިއްމު ކަމެވެ.
މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ތެރެއިން އިންޑިއާގެ އެކި މީޑިއާތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރާތްކޮށް އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިނާއި މަސްއޫލުވެރިންނާ ބައްދަލުކޮށް އެކި ސެޝަންތައް ނަގާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެ ޕްރޮގްރާމަކީ މީޑިއާގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ލިބުނު ފުރުސަތެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. އެ ޕްރޮގްރާމުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު ހަރަކާތްތެރިވާއިރު ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ހަރަކާތްތެރިވާނީ ކައުންސިލް މެމްބަރު މުއިއްޒު އިބްރާހިމް އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވި ނޫސްތަކަކީ މި ނޫހާއި އޭދަފުށި ޓައިމްސް، އާއި ވަގުތާއި ޕީއެސްއެމް އާއި ގާފު އޮންލައިނާއި ސަން އޮންލައިނާއި ތިލަދުން އާއި ވީޓިވީ އާއި އޭއޯ ނިއުސް އަދި އަދަދު ނޫހާއި އަރި އޮންލައިނާއި ދެން އޮންލައިނާއި ރާއްޖެ ޓީވީ އާއި އާފަތިސް ނޫހާއި އަވަސް އޮންލައިންގެ އިތުރުން އެމްވީޓީވީ އަދި މިހާރު ނޫހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަންކަޓު
23 August 2022
މިއަދުގެ ދިވެހި ނޫސްވެރިން ތަމްރީނު ހޯދަން އިންޑިއާއަށް ދާންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. އިންޑިއާއަކީ ޑިމޮކްރެސީއަކަށް ވިޔަސް ނަމޫނާ ޑިމޮކްރެސީއެއް ނޫން. އަދި މިހާރު ދަނީ ފަހަތަށް. ލަންކާއަށް ދިޔުންވެސް މާ ރަނގަޅުވާނެ ތޯއްޗެ.
އަބްޑޫޅް
22 August 2022
ކަލޭމެން، އިންޑަޔާއަށް ދިޔަ ކުދިންގެ ތެރެއިން ކުއްޖަކު، އިންޑިޔާ މީހުން މަަގުމައްޗަށް ގަލޯހާޖާ ކޮށް، ހިނައިތާހިރުވާ ކަންންތަކާއި، ރޭލުގެ ފުރާޅުމަތީ ދަތުރުކުރާ ކަންތަކާ ބެހޭ ޚާބަރެއް ގެނެސްދީބަލަ.
އަބްޑޫޅް
22 August 2022
ސިކުނޑި ދޮވެލަން ގެންދަނީ ދޯ؟
ޢަރުތަ
22 August 2022
މިތާގަ ދޮންނަ މެޝިން މަދީތަ!
ބުރެކެޓު
22 August 2022
އިންޑިއާ ނޫސްތަކާ ޓީވީތަކުގެ މީހުނަށް ތަމްރީނުހިންގަން ފައިސާނެތިގެން އުޅޭއިރުވެސް ދިވެހިރާއްޖޭގެ ނޫސްވެރިންނާއި އެކިއެކި އޮފިސްތަކާ ޖަމުއްޔާތަކުގެ ޒުވާނުން ފައުޖުފައުޖަށް ގެންގޮސްގެން މަޖާއަރުވަނީ، ކިހާ ހެޔޮ އިންޑިއާމީހުން، ކަލޭމެން ދެންވެސް އިންޑިއާ ބޭރުކުރަން ނުގޮވާތި.
ދޯޕައްޓާ
21 August 2022
ކަލޭމެން ލައްވާ ޕުރޮޕެގެންޑާ ފަތުރުވަން ސިކުނޑިއާކުޅެން އިރުއިރުކޮޅާ ގުރޫޕުގުރޫޕު ތިގެންދަނީ، އެވަރު ދަންނާތި ކަލޭމެން.
ޢަރުތަ
21 August 2022
އިންޑިއާއިން ކޮން ނޫސްވެރިކަމުގެ ތަމްރީނެއް ދެވޭނީ، އިންޑިއާ މީހުން އަންނަންވީނު ދިވެހި ނޫސްވެރިން ގާތަށް ނޫސްވެރިކަމުގެ ތަމްރީނުހޯދަން، އިންޑިއާ އައުޓް.
ބޮޑުމީހާ
21 August 2022
ތިތަނަށް އެންމެ ފަހުން ދިޔަ ބެޗްގެ ޕާފޯމެންސް ހުރީ މުޅިން އެތިކަލް ސްޓޭންޑަޑާއި ދިމާ އިދިކޮޅަށް.. ވަކި ކަހަލަ ހަބަރު ފެންނަނީވެސް،
ވޯޓުއޮޅުވާލިޖިންނި
21 August 2022
ކޮބާ އަޒާންގެޓީމް؟ ހަމަހަމަ ވާންޖެހޭ
އުދުހޭ
21 August 2022
ފޮޑިއެއް ޖަހަންވެސް ދޭ ތިތަނަށް.
ގޮއިފާލައްބައަބުދުބެ
21 August 2022
ތަމުރީނު ހަދައިގެން އައިސް ލިޔަންފެށީމަ ދެންފެންނާނީ މުޅިންވެސް ވަކިބަޔަކު ހިތްހަމަޖެހޭލިޔުންތައް. ކުލަޔަކަށް ރަހަކަށް ވަހަކަށް ތަފާތެއްނައަންނާނެ.