ގިނަ މެމްބަރުންތަކެއް ޕާޓީން އިސްތިއުފާ ދެއްވި ނިންމުން އިއުލާންކުރުމުގެ ޕްރެސް ކޮންފަރެންސެއް ހަވީރު ބާއްވަން ނަޝީދުގެ ފެކްޝަނުން ވަނީ ނިންމާފައި.
ޕާޓީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން.
17 މެއި 2023 - 14:32
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި "ފިކުރެއްގެ ދިރުމުގައި" އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކަކާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕާޓީން އިސްތިއުފާ ދެއްވަން ސިޓީ ފޮނުއްވާފައިވާ ކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.
މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދާ އެކު މަސައްކަތް ކުރައްވާ އެމަނިކުފާނު ފެކްޝަނުގެ 12 މެމްބަރަކު މި އިސްތިއުފާގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. މި ނިންމުން ނިންމީ، ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުންނެވެ.
ނަޝީދާ އަރިސް ގިނަ މެމްބަރުންތަކެއް ވަކިވެވަޑައިގަތުމާ އެކު "ފިކުރެއްގެ ދިރުމުގައި" ތިބި ޕާޓީގެ އާއްމު މެމްބަރުންތަކެއް ވެސް އެމްޑީޕީން ވަކިވާން އަންނަނީ ފޯމު ފުރަމުންނެވެ. އެ ހަރަކާތް ހިނގާއިރު، ނަޝީދުގެ ވިސްނެވުން އިއުލާންކުރައްވަން، މިއަދު ހަވީރު 5 ޖަހާއިރު އެ ފެކްޝަނުގެ ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ފިކުރެއްގެ ދިރުންގައި ހަރަކާތްތެރިވި ބައެއް މެމްބަރުން ޕާޓީން ވަކިވާން ފޯމު ފުރަނީ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމް ވަކިކުރީ، ޗާގޮސް މައްސަލާގައި އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވުމާއި ސަރުކާރާ ދެކޮޅު މުޒާހަރާއަށް ނުކުތުމުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.
އީސީން ވެސް ވަނީ އާޒިމް، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އާޒިމް ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީ ބޭއްވީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށެވެ.
ނަޝީދު، ފިކުރެއްގެ ދިރުމުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | މިހާރު
އާޒިމްގެ އިތުރުން ހަތަރު މެމްބަރަކު ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި މައްސަލާގައި ފިޔަވަޅު އަޅަން ވެސް ޕާލަމަންޓްރީ ގްރޫޕުން ފޮނުވި އެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.
މި މެމްބަރުން ޕާޓީން ވަކިކުރުމުގެ ފަހު އިންޒާރު އޮތީ ދީފަ އެވެ.
މުހައްމަދު ޝިފާޒް (އެމްޑީޕީގެ ނައިބު ރައީސް)
ހަސަން ލަތީފް (ހެންވޭރު ހުޅަނގު)
އީވާ އަބްދުﷲ (ގަލޮޅު އުތުރު)
އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު)
މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާ)
ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު)
އިބްރާހިމް ރަޝީދު (ބޮންޑޭ)
ހަސަން އަފީފް (ވިލުފުށި)
ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)
މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު)
ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ)
އަހްމަދު ޒާހިރު (ގައްދޫ)
ހުސެއިން އަމްރު (އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)
ފިކުރެއްގެ ދިރުން މެމްބަރުން މިއަދު ބައްދަލުވުމެއް ކުރިއަށް ގެންދަނީ. -- ފޮޓޯ | މިހާރު
އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކަށް ފަހު، ކޯޅުން ބޮޑުވީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތުމުންނެވެ. ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" އުފައްދަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވައި ވަކި ކެންޑިޑޭޓަކު އިންތިހާބަށް ނެރޭނެ ކަން ނަޝީދު އޮތީ އިއުލާންކުރައްވައިފަ އެވެ.
އެކަމަކު އޭގެ ފަހުން ދެން ފެނުނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނެރެން ބާރުއަޅުއްވައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ބޭއްވި ތަނެވެ. މި ގުޅުން އަދި ހަސިއްޔަތަކާ ހަމައަަށް ނުވަތަ ކޯލިޝަން ހަދަން ނިންމުމާ ހިސާބަށް އާދެވިއްޖެ ކަން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.
އެންމެ ފަހުން، މީޑިއާތަކަށް ބުނީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަން ނަޝީދުގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީއަށް ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމުގައި މަޝްވަރާކޮށް ނިމޭ ގޮތެއް އިއުލާންކުރާނެ ކަަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވިޔަސް އެ މަޝްވަރާ އެހާ ފުޅާކޮށް ޖުމްހޫރީ ޕާޓީ ތެރޭގައި ނުހިނގާކަން އެ ޕާޓީގެ މެމްބަރުން ކަށަވަރު ކޮށްދެއްވަ އެވެ.
ނަޝީދަށް ތާއީދުކުރާ އާއްމު މެމްބަރުންތަކެއް ޕާޓީން ވަކިވަނީ.
އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕާޓީ މި ދޫކޮށްލެއްވީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުތިއްބަވާނެ ކަަމަށް ވިދާޅުވެ މަޖިލީހާއި ސިޔާސީ މަސައްކަތުގައި ވެސް އިދިކޮޅު ފަރާތްތަކަށް ތާއީދުކުރައްވައި މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ފަހުންނެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އާޒިމާއި ދެން ތިއްބެވި މެމްބަރުންނަށް ފިޔަވަޅު ނިންމީ ގޯސްކޮށެވެ.
އެމަނިކުފާނު "މިހާރު"އަށް ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ބޭއްވޭނީ އެ ކޮމިޓީގެ މުގައްރިރު, ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް އެނގިވަޑައިގެން ކަމަށެވެ. އެކަމަކު އެއާޚިލާފަށް ސިއްރުން ކޮމިޓީ ބާއްވައި ޕާޓީން އަމަލުކޮށްފައި ވަނީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮމިޓީ ބައްދަލުވާން ވެސް އޮންނަނީ، ބައްދަލުވެވެން ވެސް އޮންނަނީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ނައިބު ރައީސް [މުހައްމަދު ޝިފާޒް] އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތީމަ. އެހެން މީހުންނަކަށް އޮންނަ އިހްތިޔާރެއް ނޫން އެއީ." ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން އެމްޑީޕީގެ ގްރޫޕްތަކަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުން ކަޓުވާލި ކަމަށެވެ. އެހެން މީހުން އެ ގޮނޑިތަކަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލާ މައްސަލަތައް ބެލުމަކީ އިންސާފެއް ނޫން ކަމަށެވެ.
"ޕާޓީން ވަކިކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
18 May 2023
މިބޭފުޅުން ނޫސްވެރިންނާ ބައްދަލުކޮށްފައި ދެއްކީ ވަރަށް ތާކުންތާކު ނުޖެހޭވާހަކައެވެ. އެއްބޭފުޅަކު ވިދާޅުވޭ އެމް.ޑީ.ޕީ އަކީ އަންނިއޭ. އަނެއް ބޭފުޅަކުވިދާޅުވޭ ތިމަންނަމެންނަކީ ވަކިމީހަކުވަށައިގެން އެނބުރޭ ބައެއްނޫނޭ. ދެން ބުނޭ ވަކި މީހަކަށްޓަކައި ޕާޓީ ފުނޑާލީއޭ. ވޯޓަކުން އަންނިގެ މައްޗަށް އިބޫ ކުރިހޯދުމުން އެކަމާދެކޮޅުވެ އަންނި ނޫންމީހަކު ބޭނުންނުވެގެން މިއުޅެނީ މިބޭފުޅުންނޫންތޯއެވެ. އެވިދާޅުވި ހުރިހާއެއްޗެއް ރައްދުވީވެސް ހަމަމިބޭފުޅުންނަށެވެ.
އަލިބެއްޔާ، އެކުވެރިސުވައިދީބް
18 May 2023
ސިޔާސީ ކުޅިގަނޑު ފެށުނީއެވެ. ރައްޔިތުން ތިބެންވާނީ ހޭލާ ފާރަވެރިވެގެންނެވެ. ގައުމެއް ނެތް، ރައްޔިތުން ބިކަވެ ބާކީ ވެއްޖެއެވެ. ނަމުން ދިވެހިރާއްޖެ ލާމަރުކަޒް ކޮށްފިއެވެ. އެއްވެސް ސަރުކާރަކުން ރާއްޖޭގެ ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރުމުގެ ސިއްރު ސިޔާސަތަކަށް ބަދަލެއް ނުގެނެއެވެ. ރައްޔިތުން ގުދާރު ބިންދައިގެން ބުރަ މަސައްކަތުން ހޯދާ ފައިސާކޮޅުން ކުލި ދައްކަ ދައްކައި ތިއްބާ އަޖަލުޖެހި ދުނިޔެއަޅައި ދަނީއެވެ.
ބޯބުރާންތި
18 May 2023
ނަޝީދުއާ ނުލާ އެމްޑީޕީއަށް (އިބޫއަށް) އިންތިހާބު ކާމިޔާބުވުން ދުރު.. ސަން ސިޔާމުއާ އިމްރާނު ޕާޓީއާ އެއްވަރުގެ އަދަދެއް ނުވަތަ އެއަށްވުރެ ގިނަ މީހުން ނަޝީދު ފަހަތުގަ ތިބޭނެ.
ގުނބޯ1
18 May 2023
މައިންޑް ގޭމް
މަންޖަރު
18 May 2023
އަނެއްކާ މަންޒަރު ބަދަލުވީ ނިދާ ހޭލިއިރު. މީގެ ދެ ދެ ދުވަސް ކުރިން ހީވީ ހަމަ ދެއްމެ ދެއްމެ ގާސިމައް ވެރިކަން ލިބުނީހެން. ޖަލްސާ ބާއްވާ އައްނި ގާސިމާ ވެރިކަން ހަވާލު ކުރި. މިހާރު އެމްޑީޕީން .. ބައިގަނޑު ބޭރު ވީމަ އިބޫ އައް އަނެއްކާ ރާއްދެތެރެ ހުރިހާ ވޯޓެއް ކަށަވަރުވީ އެއް ބުރުން ހޮޥޭ ވަރައް... ޔާމީނު ވެސް ޖަލުގަ ވިއްޔާ، އެ ހުރިހާ ދީނި ވަތަނީ ވޯޓު ވެސް އިބޫ އައް. މާދަން އިރު އަރާ އިރު ނޭގެ ވާނެ ގޮތެއް
ރަމްލާ މަރިޔަން
18 May 2023
ރަމްދައްދަ ޖަހާލި ރަމަލުން ދައްކަނީ އައްނި އައް ދެން ވެރިކަމުގެ އެތެެރެ ކޮއިލުގެ ވަސް ނަސީބު ވާން އެއްމެ އަވަސް ފުރުސަތެއް އޮތީ މީގެ 10 ރޯދަ މަސް ފަހުން އެއްމެ ފުރަތަމަ ފައުޅުުވާ ބޮޑު ހަނދާ އެކު އިއްތިފާގުވާ ސާދަވަނަ ވިލޭ ރޭ ހުޅަގުން 45 ޑިގިރީ އައް ހަނދު އަރައި ސަނދުވަރު ވިދުމުން ނެވެ.
ސާބެ ހޭ
18 May 2023
ހަސަން ލަތީފާ ހަސަން އަފީފު ވެރިމީހާ ގެ ބަހަށް އިސްތިއުފާ މިދިނީ ދެވަނަ ފަހަރަށް. ފުރަތަމަ ކެބިނެޓުން ދެން މިފަހަރު ޕާޓީއިން. ވިސްނަނީ ސިކުޑިން ބާއޭ ހިތައްއަރާ. ޔާސިރު ވެސް ދޯ. ބޯދިގޭ މެން ބޮންޑާ މެން އެހެންގޮތެއް ނެތްމީހުން އޯކޭ. އެކަމަކު ޔާސިރުމެން ގެ މުޅި ސިޔާސީ ހަޔާތް ތިދަނީހެން ހީވަނީ. ދެރަ.
ޕަނާނީ
18 May 2023
އަލްހަމްދުލިއްﷲ މިއީ އެމްޑީޕީއަށް އަދި ގައުމަށް ވަރަށް ބޮޑު ހެވެއް! އިންޝާ ﷲ ނަޝީދުގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާނެ!
ކެނެޑީ
18 May 2023
ހެހެހެ ނަޝީދު ކިބައިން ސަޕޯޓު ހޯދައިން ވެރިކަމަށް އައިސް ނަޝީދު ކިބައިން ގައުމު ސަލާމަތްވޭތޯ ދުއާ ކުރަނީތި. ދުއާކުރުމުގަވެސް އޮންނަންވާނެދޯ އެތިކްސް
ޓީޖެޓީ
18 May 2023
ނަޝީދުގެ ސަޕޯޓެއް މިހާރު ބޭނުމެއްނޫން ނަޝީދު އެއީ މާޒީ. އޭނާ އެމްޑީޕީއިން ފޭވީމާ އެމްޑިޕީ އަށް ވާނީ ބޮޑަށް ފައިދާ
ހަރީން
17 May 2023
އިބޫ އެއްބުރުގެ ވާހަކަ އަޑު ހާދަ މަޑުވެއްޖޭ. ދެވަނަ ބުރުގަ ލައްވާލާނެބާ މިދާވަރުން
ސައްކޭ
17 May 2023
އަލްހަމްދުލިއްލާހި، ދެން އެމްޑީޕީ އާދިމާލަށް ލާދީނީ ކިޔުން ހުއްޓިދާނެ. އެފިކުރު ދިރުވަން މިހާރު ޕާރޓީން ބޭރުވެއްޖެ.