ގާޒީ ނިހާނަށް ހުކުމް އިއްވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުން މިރޭ ނެރެގެން ގެންދަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
10 ޖޫން 2016 - 22:55
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި އެ ލިޔުން ތައްޔާރުކުރި މައްސަލާގައި ނިހާންގެ މައްޗަށް އެ ހުކުމް އައީ އެ މައްސަލާގައި އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް ކޯޓުން ރޭ ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނިހާންގެ މައްޗަށް ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އެރޭ މާމިގިލީ ކޯޓު ހުޅުވައިގެން އިނދެ އެ ކޯޓުގެ ލެޕްޓޮޕުން އީމެއިލްއަކަށް ވަދެ، ރައީސް ޔާމީން ހައްޔަރުކުރަން ނެރެފައިވާ އަމުރު ކަމަށް ބުނާ ލިޔުމެއް ޑައުންލޯޑްކޮށް، އެ ލިޔުމަށް ބަދަލުތަކެއް ނިހާން ގެނައިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އަދި އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ވެސް ނިހާން ދެއްކިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
ގާނޫނީ އިމުގެ ބޭރުން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ނިހާން އުޅުނުކަން ސާބިތުވާ ކަމަށާއި އެކަމަކީ ސަރުކާރަށް ނޭދެވޭ ނުފޫޒުތަކެއް ފޯރުވައި، ރައީސް ޔާމީން "ގަދަކަމުން ފޮރުވައި، ރަހީނު ކުރުމުގެ މަގްސަދުގައި" ކުރަން އުޅުނު ކަމެއް ކަމަށް ވެސް ގާޒީ ބާރީ ވިދާޅުވި އެވެ.
ގާޒީ ނިހާނަށް ހުކުމް އިއްވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުން މިރޭ ނެރެގެން ގެންދަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އެހެންވެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނިހާން 17 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނުލް އުގޫބާތުގެ ދަށުން އިތުރު ތިން ދައުވާއެއް ވެސް ނިހާންގެ މައްޗަށް ދައުލަތުން އުފުލަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ހުކުމެއް މިރެއަކު ނީއްވަ އެވެ.
ނިހާންގެ މައްޗަށް އެ ހުކުމް އިއްވި ވަގުތު އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ. ކުރިމައްޗަށް ބިޑި އަޅުވައިގެން ޖަލު ހެދުމުގައި ހާޒިރުކޮށްފައި އިން ނިހާން ކޯޓު ރޫމުން ނެރެން ފެށުމުން އެތަނުގައި ތިބި އޭނާގެ އާއިލާގެ މެމްބަރުންނަށް އަތުން އިޝާރާތްކޮށްލި އެވެ.
ނިހާންގެ މައްޗަށް އެ ހުކުމް އައި ނަމަވެސް އޭނާއަށް ފަނޑިޔާރުކަމުގެ މަގާމެއް އަދި ނުގެއްލެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސް ކުރުމުންނެވެ.
އެކަމަކު އެ މައްސަލަ ފެންމަތިވުމާ އެކު ނިހާން ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލާގައި ރޭ 17 އަހަރުގެ ޖަލު ހުކުމެއް އައި މުހުތާޒަކީ އެ އަމުރު ހޯދަން އިތުރު ބަޔަކާ އެކު މާމިގިއްޔަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. މުހުތާޒް މާމިގިއްޔަށް ގޮސް، މާމިގިލީ ކޯޓުގައި ބައްދަލުކުރީ ނިހާނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
11 June 2016
ގާޒީއަކު ސައްހަނޫން އަމުރެއް ނެރޭނެތޯ؟ އަދި އެހެންނޫނަސް ސައްހަ ނޫން އަމުރެއް ނެރުނަސް އެފަދަ އަމުރަކަށް އަމަލު ނުކުރަންޏާ އެކަން ޓެރަރިޒަމްގެ ދަށުން ކުށަކަށްވާނެގޮތެއް އެއީ ކޮން ގާނޫނަކު އޮތް ގޮތެއްތޯ؟ ދައުލަތުގެ ވަޒީފާއެއްގައިހުރެ އުސޫލާއި ހިލާފަތް ލިއުމެއް ނެރެފިއްޔާ އެއީ މުޅިން އެހެން މައްސަލައެއް، އަދި މުހުތާޒް ބުންނަސް ގާޒީއަކު އެފަދަ އަމުރެއް ނެރެން ނުޖެހޭ، އެހެންކަމުން އެއަމުރު ނެދުނީ ގަވައިދުން، އެއީ ނުގަވައިދުންކަމެއް އެނގޭނެ ގޮތަކަށް އެއަމުރާދޭތެރޭގައި ތަހްގީގުކުރެވިފައިނުވޭ
މުނާ
11 June 2016
އަނެއްކާވެސް އަނިޔާގެ މައްޗަށް އަނިޔާޢ!!!!! އަނިޔާވެރިކަން ﷲ ވަނީ އެކަލާނގެ ޒާތުފުޅަށް ވެސް ޙަރާމް ކުރައްވާފަ. ދިވެހި ފުލުހުންގެ އަނިޔާވެރިކަން ހުރީ ހައްދުފަހަނަ އަޅާފަ. ކޯޓުތަކުން އިންސާފުގެ ޒައްރެއްވެސް ނުލިބޭ! ވީޑިޔޯތައް ބަލާލީމަ އެބަ އެނގޭ ފުލުހުންގެ އަނިޔާވެރިކަން ހުރި މިންވަރު. ކުޑަކުއްޖެއް އަންހެނެއް މުސްކުޅިއެއް ބެލުމެއްނެތި ޔަހޫދީ އިޒްރޭލު ފުލުހުންގެ ތްރޭނިންގ ބޮއިގެން މި ރަމަޟާންމަހު މީސްތަކުންނަށް އަނިޔާވެރި ނުވުމަށް ފުލުހުންނަށާ އުމަރާ ޔާމީނަށް ނަސޭޙަތތްތެރިވަން. ﷲ ގެ ޢަޒާބަށް ބިރރުވެތިވޭ. އަނިޔާލިބެމުންދާ މީހުންގެ ދުޢާ އާއި ﷲ އާއި ދެމެދުގައި އެއްވެސް ހުރަހެއް ނުވާކަން ހަނދާންކުރޭ! އަރާ ތިޔައިން ގޮނޑިން ވެއްޓުމުގެ ސަބަބަކަށް އެބައިމީހންގެ ދުޢާ ވިޔަނުދީ! މާދަމާ ތިބާއަށް ވެސް މި އަނިޔާވެރިކަން ތަޙައްމަލު ކުރަންޖެހިދާނެ ކަން އަދީބާ 2 ނާޒިމަށް އެކަނި ބަލާލިޔަސް އެނގޭނެ. ދެންއަންނަ އަނިޔާވެރިކަން މިއަށްވުރެ ބޮޑުވާނެކަން ޤައިމެއް ނޫންތަ؟
ރޯދަހަދިޔާ
11 June 2016
ކީތްވެގެންތަ ފިނޭސް 13 މުވަޒަފުން ކަނޑާލި ވާހަކަ މިހާރުގައި ނުަޖަހަނީ
މުޙައްމަދު
11 June 2016
ފަނޑިޔާރަކު ކުށެއް ކޮށްގެން 17 އަހަރު ގެ ޙުކްމެއް ތަންފީޒު ކުރަން ޖެހުނަސް ވަޒީފާއިން ވަތްކެއް ނުވޭ. އެކަމަކު ސިވިލް ސަރވިސް ގެ މިސްކީނުން ތައް އެއްވެސް ކުށެއް ނުކޮށް ތިއްބާ އަދި އެއްވެސް ސަބަބެއް ނެތިވެސް ނަގާހޫރާ އެއްލާލާފައި މަގުމަތި ކޮށް ލެވޭ. މިއީ ކޮންވައްތަރެއް ގެ އިންސާފެއް؟؟؟؟ އިންސާފަކީ ހަމަހަމަ ކަން.
ދޮޅުގަޑި ބައި
12 June 2016
އެހެން ކޯޓަކުން އަމުރެއް ނެރެފާނެތީ ފަނޑިޔާރުންނަށް ދިން އިންޒާރެއް.
ފުވައްމުލަކު މީހާ
11 June 2016
ވެރިކަން ކުރެވޭނީ ވެރިކަމާ ދެކޮޅަށް ތޮޅި ގާނޫނީ އިމުން ބޭރުވާމީހުންނަށް ގާނޫނުގައި ކަޑައެޅިަފއިވާ ހަރުކަށި އަދަބުދެވޭ ފެންވަރަށް ގައުމުގެ ކަންކަން ބައްޓަންކޮށްގެން. އެހެންނޫނީ ކެނެރީގެ ނަޝީދުހެން ފިޑިއެއްގެ ދަރަޖާގައި ޖެހޭނީ ވެރިކަން ދޫކޮށްލަން. އަދި ތިހުކުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި އެބާވަތުގެ ކަންކަން ކުރުމަށް ޖެހިލުންވާނެ.
ފޯއްމުލަކު މީހާ
11 June 2016
ސޭކުވާހަކަ ނުދައްކާ. ސިފައިން ނުކުމެ އިސްތިއުފާ ދޭން މަޖްބޫރުކުރީމާ ދޭން ޖެހޭނީ އިސްތިއުފާ. 7 ފެބްރުއަރީގެ ވީޑިއޯ ތައް ބަލާލާން ފެނޭ. ނާޒިމް ބުނާތަންކޮޅު އެކަނި: " އެއްވެސް ޝަރުތެއްނެތި އިސްތއުފާ ދޭން އެންގިން 1:30 ގެ ކުރިން. ނެގޯޝިއޭޓް ނުކުރެވޭނެ". ވަކި ސަރުކާރެއްވީމާ ވައްޓާލީމާ އޯކޭދޯ. ތިމާގެ އުސޫލު ކަތިކޮށް ތިއޮތީ. ޖަޒްބާތުގައި ޖެހުނަސް ތީ ބޮޑުވަރު
ތިލަފަތް
11 June 2016
ރައީސް ނަޝީދު ފިނޑިވީ ރައްޔިތުންނައް އަނިޔާ ކުރުމަށް 7 ފެބްރުއަރީގައި ތައްޔަރުވަމުން ދިޔަ އިދިކޮޅު ހަރަކާތުގެ މީހުންގެ އަމަލަތަކަށް. ޔުނީފޯމު އެޅި މީހުން ހުވަޔާ ހިލާފުވެ އުސޫލުން ބޭރުވީމާ. ޔާމީން އެހެންތަ؟ ގަދަބާރާއި އަނިޔާ ވެރިކަމަކީ ފަހްރުވެރިވާންޖެހޭ ވަރުކަމެއްނޫން. ތިބޭޅާވެސް ހަމަހޭވެރިކަން ވީމަ އިނގޭނެ ތި ހައްޤުގޮތް ނޫންކަން.
އާމިރު
11 June 2016
މިވެސް ދެން ކިހާ ހެއްވާ ކަމެއް. ގާނޫނީ ބޮޑު ކުށެއް ކޮށްގެން ޙުކުމް ކުރީމަވެސް މަގާމެއް ނުގެއްލޭ. އެހެންވީމަ މިމީހުން ކުށްކުރާލެއް މަދެއްނުން. ފަނޑިޔާރުންގެ ކަންތައްމިވަނީ ހައްދުފަހަނައަޅާފަ. އެހެން މީހުން ކުށެއްގެ ތުހުމަތު ކުރެވޭ އިރަށް ވަޒީފާ ގެއްލޭ. ފަނޑިޔާރުންވީމަ މޮޅުކޮށް ސަސްޕެންޑްކުރީއޭ ކިޔާފަ ބަރާބަރަށް މުސާރަދީފަ އިއްޒަތުގަ. އަދި ހުކުމް ކޮށްފަ ޖަލަށަ ލިޔަސް ވަކި ތަފާތެއްނެތް. ކޮބާ ދެން މިދެވޭ އަދަބުގެ ބޭނުމެއް.
ޅަބޭ
11 June 2016
ޔާމީނާ ކުޅެލާ ކޮންމެ މީހެއްގެ ނަތީޖާ.
ޢާދަން
11 June 2016
ތިމައްސަލައިގައި އެންމު ފުރަތަމަ ހައްޔަރު ކުރަންވީ މީހާ ހުރިީ އިގުރޭސި ވިލާތުގަ. މުޅި ދުނިޔެ ނިދާފަ އޮތްއިރުވެސް އަމުރުނެރއ ސައިކަލެއް މަތީގަ ބާއްވާްފައި އޮތްކަން ދަންވަރު 3 ޖެހިއިރު އޭނާއައް އެނގުނީ އޭނާގެ ބައިވެރި ވުމެއް މީގާއިވާތީ. މިއީ މުހުތާޒުއައް އެބައިގަނޑު ރާވައިގެން ދިން ލަނޑެއް.
ވިސްނާލީމާ
11 June 2016
އެމީހަކު ކުރި ކުށެއްގެ ސހަޒާ އެމީހަކަށް ލިބޭނެ! މިއަދު ނުލިބިއްޖިއްޔާ އަދި ފަހުން ނަމަވެސް! މިއަދު އޮޅުވާ ލެވިދާނެ! އެކަމަކު ފަހަކަުން އޮޅުވައެއްވެސް ނުލެވޭނެ! ބަރާބަރު އިންސާފް ލިބޭނެ! -އިބްރާހީމް-
އަލީ
11 June 2016
ސަރުކާރުގެ ހިތް ނުރުހިއްޖެ ކޮންމެ އަމަލަކީ ޓެރަރިޒަމް ކަމުގައި މިވަނީ ވެފައި. ހުކުމް ކުރައްވާ ފަޑިޔާރުންގެ ހިތްޕުޅަށް މި ނޫން ދުނިޔެއެއް ވާ ކަމާއި، ތިމާ މީހާގެ ކޮންމެ އަމަލަކަށް ޖަވާބު ދާރީ ވާންޖެހޭނެ ކަން ހަދުމަ ނެތުނީތީ ވަރަށް ހިތާމަ ކުރަން.