ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު: އޭނާ ވަނީ ނުވަ އަހަރު ފެނަކާގައި މަސައްކަތް ކުރައްވާފައި.--
04 އޮކްޓޯބަރ 2023 - 12:49
ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު ޒިންމާތަކުން އެކަހެރި ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު މަގާމުން ވަކިކޮށްފި އެވެ.
ހއ. ހޯރަފުއްޓަށް އުފަން އަބްދުﷲ ވަހީދަށް އެ ވަޒީފާ ދީފައި ވަނީ ސެޕްޓެމްބަރު 11، 2014 ގަ އެވެ. ވަޒީފާ އިން ވަކިކުރީ މިދިޔަ މަހުގެ 26 ގަ އެވެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން ފެށިގެން އޭނާ ހުރީ މަގާމުތަކުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވީ އޭނާ މަގާމުގެ ޒިންމާތަކުން އެެކަހެރި ކުރި ސީދާ ސަބަބު މިހާތަނަށް އަންގާފައި ނުވިޔަސް ބޮޑަށް ލަފާ ކުރެއްވެނީ މައްސަލައަކީ ކުންފުނީގެ ދަރަންޏާ ބެހޭ ކަންބޮޑުވުންތައް ފާޅުކުރެއްވުން ކަމަށެވެ. އެ މައްސަލަތައް ފެނަކައިގެ ބޯޑަށް ގެންދިޔައީ އެއީ ކުރަން ޖެހޭ މަސައްކަތަކަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ވަޒީފާ އިން ވަކިކުރުމާ ހަމައަށް، މަގާމުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފައި ހުރި ސަބަބު ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ކުރިއެރުމެއް ލިބިވަޑައިނުގެންނެވި ކަމަށް ވިދާޅުވި އެވެ.
"އެމްޑީ އަހުމަދު ސައީދު، އެކަމާ ހިތްހަމަ ނުޖެހިގެން އަޅުގަނޑަށް އަނގަ ބަހުން އޭގެ ހިތްހަމަ ނުޖެހުންތަކެއް އައި. ދެ ފަހަރަކަށް ތިން ފަހަރަކަށް އައި. ރަސްމީކޮށް އެއްވެސް ވާހަކައެއް ބުނެފައެއް ނެތް،" ވަހީދު ވިދާޅުވި އެވެ.
"އެ ދިޔަ އެއް އަހަރު އެއްވެސް މައުލޫމާތެއް ނުދޭ. އެންމެ ކުޑަމިނުން ވަކިކުރި ސަބަބު ބުނެ ނުދޭ. މެނޭޖިން ޑިރެކްޓަރަށް 213 ފަހަރު ގުޅައިގެން ފޯނެއް ނުނެގި. ސަތޭކަ ސާޅީސް ހަތް މެސެޖު ކޮށްގެން ރިޕްލައިއެއް ނުކުރޭ. ސާޅީސް ހަތް މެއިލް ކޮށްގެން އެންމެ މެއިލަކަށް ވެސް ރިޕްލައިއެއް ނުކުރޭ،" ފެނަކައިގެ މެނޭޖިން ޑިރެކްޓަރާ ގުޅުއްވަން ކުރެއްވި މަސައްކަތްތައް މީޑިއާ އަށް ދެއްވަމުން ވަހީދު ވިދާޅުވި އެވެ.
"ހަ ފަހަރަށް ސިޓީ ފޮނުވިން. އެންމެ ސިޓީއަކަށް ވެސް ޖަވާބެއް ނުދޭ. އެއްވެސް މައުލޫމާތެއް ނުދޭ ކަނޑާލިއިރު."
މިދިޔަ މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން، އެ މަހުގެ 26 ގައި ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކުރި ކަމަށް ވަހީދު ވިދާޅުވި އެވެ.
މެނޭޖިން ޑިރެކްޓަރަށް 213 ފަހަރު ގުޅައިގެން ފޯނެއް ނުނެގި. ސަތޭކަ ސާޅީސް ހަތް މެސެޖު ކޮށްގެން ރިޕްލައިއެއް ނުކުރޭ. ސާޅީސް ހަތް މެއިލް ކޮށްގެން އެންމެ މެއިލަކަށް ވެސް ރިޕްލައިއެއް ނުކުރޭ،"--- ވަހީދު
"އެ ކޮމެޓީގައި ވެސް އަޅުގަނޑާ ސުވާލުކުރީ، މަގާމުގައި ހުރެގެން އެބަ ހުއްޓެއޭ ސަރުކާރާ ދެކޮޅަށް ވަރަށް ބައިވަރު އެއްޗެހި ސޯޝަލް މީޑިއާގައި ލިޔެފައި. އަޅުގަނޑު ފޭސްބުކްގައި ހުރި ހުރިހާ ޕޯސްޓުތަކެއް ކުލަކޮށް ޕްރިންޓް ކޮށްފައި ކޮމެޓީ އަށް ގެންގޮސްފައި ހުރި. އަޅުގަނޑަށް ބޮޑަށް ހީވަނީ އެއީ ހެން މައިގަނޑު ސަބަބަކީ. އެ ދުވަހު ސެޕްޓެމްބަރު 26 ގައި] ވަކިކުރަން ޖެހޭ،"
ވަހީދު ވިދާޅުވި ގޮތުގައި، ކޮމިޓީ އަށް ހާޒިރުކޮށް، އޭނާއާ ދޭތެރޭގައި ބޯޑުގެ ހިތްހަމަ ނުޖެހުންތަކެއް ހުރި ކަން ފާހަގަ ކުރެއްވުނެވެ. އެކަމަކު، އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަން ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު ދެއްވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އެހެންވެ، އޭނާ ގަބޫލު ކުރައްވަނީ ވަޒީފާ އިން ވަކިކުރީ ސަރުކާރާ ދެކޮޅަށް ބަސް ބުނެގެން ކަމަށެވެ.
ފެނަކައިގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ފޮނުވި ލިޔުމުގައި ވަނީ، ވަހީދު މަގާމުން ވަކިކުރީ، އެ ކުންފުނީގެ ގަވާއިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން، ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ އެ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ވަހީދު މަގާމުން ވަކިކުރި ސަބަބާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ނުލިބުނެވެ.
ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ވެ އެވެ. އެކަމަކު، އެ ކޮމިޝަނުން އެ މައްސަލަތައް ބަލައި އެއްވެސް ފިޔަވަޅެއް އެޅިކަން މިހާތަނަށް އަންގާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
05 October 2023
އިންޑިޔާގެ އަޅުވެތިކަމަށް ގައުމު ދުއްވާލި ވެރިއެއްގެ ފަހަތުގައި، މަތީ ސިޔާސީ މަގާމެއްގައި، ރަގަޅު މީހަކު ހުރުމަކީ ނާދިރުކަމެއްކަމަށް ވިސްނޭ.
ހައްސާނު އިބްރާހީމް
05 October 2023
ފެނަކައިން ސަޕްލަޔަރުންނަށް ފައިސާ ނުދީ ހުންނެވީ މި ސީއެފްއޯއެވެ. އެކަމަކު ސީއެފްއޯގެ މުސްތަގުބަލު އުޖާލާއެވެ.
މަހެބޫބީ
05 October 2023
ޙަޤީޤަތް ހާމަ ކުރުމަކީ ކުންފުންޏަށް ގެއްލުން ވާނެ ކަމެއް ނޫން ރަށްރަށުގަ ފަސާފަހުރި އެއްވެސް މަޝްރޫޢުއެއް ނުނިމޭ މހުންނަނީ ބަލަން ޖެހިފަ ހުރި ކަންކަން މިކަމަށް ހުރި ފައިސާ ކޮބައިތޯ
ކަހުރަބު
05 October 2023
މަށާއި ކުންފުންޏެއްގެ ސީއެފްއޯކަން ހަވާލު ކުރަންވީއެެއްނޫންތަ؟ ސީއެފްއޯ ކަމަކީ ސިޔާސީގޮތުން މީހުންނަށް ބަވާ މީހުންނާއި ދިމާކުރުމުން ދޭ މަގާމެއް ނަމަ މަށަށްދީ! ޕްލީސް
ކޭސަރީ
05 October 2023
އުޅޭ ގޮތާއި އުޅެވުނު ގޮތް ހަދާން ހުންނަނީ ވަރަށް މަދު ބަޔެކެވެ.
ުމިނިކާރާއްޖެ
04 October 2023
މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުގައި އެއްއަހަރު ވަންދެން ހުރުމަކީވެސް ތިޔަ ޕްރޮފެޝަންގައި މަސައްކަތްކުރާ މީހަކަށް އެންމެ ރަގަޅު ގޮތެއްނޫން.. ތިމާގެ މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއްނެތްނަމަ އެންމެ ރަގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުން. ސިޔާސީ މީހުން ފަދައިން މަސައްކަތެއްނެތި މުސާރަ ނަގައިގެން ނަމުން މަގާމެއްގައި ހުރުމަކީ ވަރަށް ދެރަވަރުކަމެއް.
ފެނާނަރު
04 October 2023
ސައިދު އަކީ މިސަރުކާރުގެ ކުންފުނި ތަކުގެ ހިންގުމާ ހަވާލުވެހުރި އެންމެ ގާބިކު އެއްވެރިމީހާ. އެއްވެސް ޑިވިޡަނެއްގެ ހިންގުމަށް އަތެއް ނުބާނާ. ޚާއްސަކޮށް ފައިނޭންސް އަދި ޕްރޮކިއުމަންޓު. ނޭގޭ މީހަކަށް ނޭގޭނެ
ބޮޑުމީހާ
04 October 2023
މިމީހުން ހިންގި ކޮރަޕްޝަންތައް ބަލައި ހައްގު އަދަބު ދޭންވީ. އޭސީސީއާއި އޮޑިޓް އޮފީހަކީ މި ނަމެއްގައި އޮަންނަ ތަންތަން. މަޖްލީހުންވެސް ނިޒާމު ބަދަލުކުރަން ނޫޅޭ މިހިރަ ޒިންމާތައް އަދާކުރާނަމަ މި މަަސައްކަތްނުކުރާ ނަތީޖާ ނެރެނުދެވޭ މިނިވަން މުއައްސަސާތަކަށް ފާރަވެރިވެ ޒިންމާދާރުކުރުވާނެ
ތަޖުރިބާ
04 October 2023
ހޯރަފުށީ މީހަކަށް ފައިސާތަ،،،، ހެޔޮނުވާނެ ގުނާލަންދޭންވެސް
ހޯރަކުރުސީ
04 October 2023
އެހެންތަ؟ ހުވަދޫ މީހުންގެ އައްޑާއެއްދޯ ފެނަކައަކީ. ގިނަ ވިޔަފާރިތައް ދީފައޮތީ ހުވަދޫ މީހުންނަށް. ސައީދުގެ އާއިލާ މީހުންނަށް. ސައީދު ރިސޯޓު ހަދަނީވެސް ފެނަކަ މުދަލުން.
ބެއްޖާ
05 October 2023
މީ އަހަރެމެންގެ ގިނަބައެއްގެ ހުންނަ ވަރަށް ދެރަވަރު ވިސްނުމެއް. ވަކިތަނަކަށް ވަކި ރަށަކަށް ނިސްބަތްވީތީ އެމީހަކީ ކާކުކަން ކޮންކަހަލަ މީހެއްކަން ކަޑައަޅާލެވޭތަން އާދޭ. ކޮންމެ ތަނެއްގައިވެސް އުޅޭނެ އެކި ކަހަލަ މީހުން. މި ހަގީގަތް ގަބޫލުކުރާ ބަޔަކަށް ވާން އެބަޖެހޭ. އެހެންނޫނީ އަހަރެމެންގެ މުޖުތަމައުގައި ބައިބައިވުންއުފެދި ގައުމިއްޔަތަށް ނޭދެވޭ އަސަރުކުރާނެ.
ފަޒްލީ
04 October 2023
ހަމަ ކަނޑަންވީ މާ ބުނާގޮތް ނުހަދާމީހުން ލަސްނުކޮށް ކަނޑާލަންވީ މިހާރުވެސް މާލަސް ވެއްޖެ