17 ނޮވެމްބަރ 2023 - 18:51
ރާއްޖެ އަށް ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި މި ސަރުކާރުން ތަރައްގީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ވިސްނުމުގެ ތެރެއިން، އިލްމީ ދިރާސާތަކުގެ އެހީގައި ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއްގެ ތެރެއިން މެދުރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅުއްވާނެ އެވެ.
"ރާއްޖޭގެ އިލްމީ އެކި ދާއިރާތަކާއި ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ އިލްމީ ދިރާސާތަކާއި ތަޖުރިބާ އިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން،" ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވަނީ. --ފޮޓޯ: އަލީ ނިޝާން | މިހާރު
ލަހެއް ނުވެ އެކަމަށް ފުރުސަތު ހުޅުވައިލައްވާނެ ކަމަށް ހާމަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ބޭނުމަކީ ރައްޔިތުންގެ ހުވަފެންތަކާއި ތަސައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ މުސްތަގުބަލް ކުރަހައި ބައްޓަންކުރުމެވެ.
"އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ވަގުތަށް އެކަށައަޅާފައިވާ ކަންކަމަށް ބަލާއިރު ވެސް، ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ގާއިމުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، ހަތް އާބަން ސެންޓަރެއް، ހަތް ސަރަހައްދެއްގައި ފައްކާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މަސައްކަތްތެރި އަތްތަކަކީ، ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރުތައް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ވަރަށް އިސްކަން ދެއްވާނެ އެވެ.
ގާތްގަނޑަކަށް 3،000 މީހުންނަށް ދައުވަތު ދީގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެކި ދާއިރާތަކުގެ އިލްމުވެރީންނާއި އަދި އިލްމީ މުއައްސަސާތަކުގެ ކިބައިން މުހިންމު ކަމަކަށް އެދިވަޑައިގެންފަ އެވެ.
"އެއީ، ތިޔަބޭފުޅުންގެ އިލްމީ ދިރާސާތައް ގިނަ ކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން. އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ ތަނަވަސްކޮށްދޭނަން. އަޅުގަނޑު ބޭނުންވާ ގޮތަކީ، ގައުމީ ތަރައްގީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، ބިންގަލަކީ އަދި އަސްލަކީ، އިލްމުވެރީންގެ އިލްމީ ދިރާސާތައް ކަމުގައި ހެދުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
18 November 2023
މެޑަމް ލިސްޓަށް ފްލެޓްދީ އެންމެ ބޮޑު ޖަރީމާގެ މޭސްތިރި ޔާމީން ދޫކޮށްލަން ވަޢުދުވުން އެއީ ޢަދުލްވެރިވުމެއް ނޫން. އުއްމީދަކީ ދެން އެހެން ނުހަދާނެކަމަށް
ސުއާދު މުހައްމަދު
18 November 2023
ދެން އޮތީ ގައުމާ ރައްޔިތުންނަށް ފާގަތި 5 އަހަރު
ފަރުހަތު އަލީ
18 November 2023
އިނގޭ އެއްކަމެއް އެބައިން.ރޔ ދައުރުގަ ހުރިހާ މެގަ ޕްރޮޖެކްޓެއް ހިންގީ މުއިއްޒް. އެހެންވީމަ މުހާރު އަދި މާ ކަންކަން ކޮށް ނިންމާނެ.
ތޮލްހަތް މުހައްމަދު
18 November 2023
ބަޔަކަށް ނޭނގުނަސް މުއިޒް ލައްކަ ކަންކަން ކުރާނެ. ނަތީޖާ ނެރެން މިހާރުވެސް ހުރިހާ ކަމެއް ހުރީ ތައްޔާރަށް
އަނޫފް ޝަފީގް
18 November 2023
އިލްމީ މުއިޒް ތި ދެއްކި ވާހަކަ ގަބޫލްކުރަން.
ހަސަން މުހައްމަދު.
18 November 2023
އިލްމީ ގޮތުން ބަލާފަ މަ މުއިޒްއަށް ވޯޓް ދިނީ.
ޒޫނާ އިބްރާހިމް
18 November 2023
މާޝާﷲ
އައްޒާމް އަލީ
18 November 2023
މުއިޒް އަށް ގައުމު ހިންގިދާނެކަން ތިކަމުން އެކަނިވެސް ޔަގީންވެއްޖެ
އަބާން މުހައްމަދު
18 November 2023
މަގޭ ފުލް ތާއިދު މުއިޒްއަށް މިއަދު
އޮނަރަބްލް އަފީފު ދީދީ
17 November 2023
ޤަދީމީ ޒަމާނުއްސުރެން ގެންގުޅެމުންދާ "އެއްރަށްދައުލަތް ސިޔާސަތު" ބަދަލުކޮށް އިޖުތިމާއީ އަދާލަތު ޤާއިމް ކުރުމަށްޓަކާ ރާއްޖެ އިދާރީ 3 ދާއިރާއެއްގެ މައްޗަށް ހިންގުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ މިދެންނެވި ރީޖަންތަކުގެމެދުގައި ތަފާތުކުރުމެއްނެތި ބާރުތަކާއި، މުައްސަނދިކަމާއި ވަސީލަތް ޙިއްސާކޮށްގެން މެނުވީ އިންސާފު ޤާއިމު ނުކުރެވޭނެ.
އަލީމު
18 November 2023
މިސަރުކާރަކުން ކުރާނެ ކަމެއްނޫން ތިކިޔަނީ. މާލެ ސަރަހައްދު ނޫންސަރަހައްދަކަށް މާބޮޑު ކުރިއެރުމެއް އަންނާނެ ހެނެއް ހިޔެއްނުވޭ.